މިފްކޯ

މިފްކޯއިން ފައިދާ ނެރުމަކީ އެއްވެސްކަމެއް ނޫން!

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް 25 އަހަރު ވެއްޖެ އެވެ. މި މުއްދަތުގައި އެ ކުންފުނީގެ އޮނިގަނޑަކަށް ބޮޑެތި ބަދަލުތައް އެކި ފަހަރުމަތީން އަތުވެއްޖެ އެވެ. މެނޭޖުމަންޓްތައް ވެސް ބަދަލު ވެއްޖެ އެވެ. ވިޔަފާރީގެ އާ ފޯމިއުލާތައްވެސް އެކި ގޮތްގޮތަށް ނެރެފި އެވެ. ނަމަވެސް އެ 25 އަހަރުގެ ދިގު އަދި ރިހި ތާރީހުގެ ބޮޑުބަޔަކީ ނުވަތަ މުޅި ތާރީހަކީ ކުންފުންޏަށް ގެއްލުންވެފައިވާ މާޒީއެކެވެ. ބިޔަ ބޮޑު މަސް ކުންފުންޏަށް ހަމަ އެއްވެސް ފައިދާއެއް ނުވަނީ އެވެ. އެހެންވެ، ސަރުކާރަށް އަބަދު ޖެހެނީ ތެލެސީމިއާ ކުއްޖަކަށް ކޮންމެ މަހަކަު ލޭ އަޅާ ފަދައިން ކޮންމެ މަހަކު މިފްކޯއަށް ފައިސާ "އިންޖެކްޓް" ކުރާށެވެ. ދެން އޮންނާނީ މިފްކޯގެ ދަރަނީގެ ވާހަކަ އެވެ. ސުވާލަކީ މިފްކޯއަށް ގެއްލުން މިވަނީ ކީއްވެގެން ހެއްޔެވެ؟ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ނުހެދެނީ ކީއްވެގެން ހެއްޔެވެ؟

އަޅުގަނޑު ދެކޭ ގޮތުގައި ހިންގަން ނޭނގުން މައްސަލައަކީ. ރަނގަޅު ނޫން ގޮތް ގޮތަށް އިންވެސްޓްމަންޓްތައް ކުރުން މައްސަލައކީ. ކުންފުނީގެ މާލީ ހިސާބުތަކަށް ވަމުންދާ ގޮތް، މަސްވެރިންނާއި އާއްމު ރައްޔިތުންނަށް ބުނެ ނުދެވުން މައްސަލައަކީ. ކުންފުނި ހިންގުމުގައި ޓްރާންސްޕޭރެންސީއެއް ނެތުމުން ގެއްލުން ވަނީ،
އާދިލް ސަލީމް | މިފްކޯގެ ކުރީގެ ވެރިއެއް

މިފްކޯގެ އެންމެ ރަނގަޅު އެއް ޒަމާން އާއިރު ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ކޫއްޑޫގެ ކުރީގެ ޗެއާމަން އާދިލް ސަލީމް މިފްކޯގެ މި މައްސަލައާބެހޭ ގޮތުން ވާހަކަ ދައްކަވަ އެވެ: "އަޅުގަނޑު ދެކޭ ގޮތުގައި ހިންގަން ނޭނގުން މައްސަލައަކީ. ރަނގަޅު ނޫން ގޮތް ގޮތަށް އިންވެސްޓްމަންޓްތައް ކުރުން މައްސަލައކީ. ކުންފުނީގެ މާލީ ހިސާބުތަކަށް ވަމުންދާ ގޮތް، މަސްވެރިންނާއި އާއްމު ރައްޔިތުންނަށް ބުނެ ނުދެވުން މައްސަލައަކީ. ކުންފުނި ހިންގުމުގައި ޓްރާންސްޕޭރެންސީއެއް ނެތުމުން ގެއްލުން ވަނީ،"

މިފްކޯގެ ގާބިލްކަމާ މެދު ސުވާލެއް ނެތް!

ރާއްޖެއިން މަސް ގަތުމުގެ މަސައްކަތުގައި މިފްކޯގެ އިތުރުން ހޮރައިޒަން ފިޝަރީޒް އާއި އެންސިސް އަދި ސީޕްރިއާ ފަދަ ކުންފުނިތައް ވެސ ހަރަކާތްތެރިވެ އެވެ. އެކަމަކު ރާއްޖެއަށް ބާނާ މަހުގެ ބޮޑުބައި ގަންނަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އެވެ. މިފްކޯއަކީ މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ބިޔަ އަދި ފުރިހަމަ އިންވެސްޓްމަންޓެވެ.

މިފްކޯގެ ތެރެއިން ފެލިވަރު މަސް ކާރުހާނާ ހިނގަ ހިނގާ އޮވެ އެވެ. ކޫއްޑޫ އަދި ކަނޑުއޮތް ގިރީގެ އިތުރުން އަލަށް ހުޅުވި އައްޑޫ ފިޝިން ކޮމްޕްލެކްސް އޮވެ އެވެ. އަދި މިވަގުތަށް އެ ކުންފުނީގައި މަސް ގަންނަ 14 ބޯޓު އޮވެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ހިސާބުތައް ދައްކާ ގޮތުގައި އަހަރެއްގެ މައްޗަށް 120،000 މެޓްރިކް ޓަނުގެ މަސް ރާއްޖެއަށް ބާނަ އެވެ. މީގެ ތެރެ އިން 40،000 މެޓްރިކް ޓަނު ކިރުވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށެވެ. -- މި ހިސާބުތަކުގެ ގްރާފުން ކިޔައިދޭ މާނައަކީ ރާއްޖެއަށް ބާނާ މަހުގެ 60 ޕަސެންޓް ގަންނަ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އެބަ އޮވެ އެވެ.

މިފްކޯއަކީ އިންވެސްޓްމަންޓާއި މުވައްޒަފުންގެ ގޮތުން ބަލާނަމަ "ވަރަށް ގާބިލް ކުންފުންޏެއްކޭ" ބުނެވިދާނެ އެވެ. އެކަމަކު ސުވާލަކީ މި ގާބިލްކަމުގެ ފައިދާ ނަގައިގެން ސިނާއަތުގެ ބާޒާރުގައި މިފްކޯއަށް ފައިހަމަކޮށް ނުލެވި އަބަދު ވެއްޓި އިނދަޖެހިފައި އޮންނަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ މީގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ އަބަދު މިފްކޯއަށް ގެއްލުންވާ ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟

މިފްކޯގެ ރިހި އަދި ދިގު ތާރީހުގައި އެ ކުންފުންޏަށް ފައިދާއެއްވި ވާހަކަ ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޫއްޑޫ އާއި ފެލިވަރު ވަކީން ހިންގި ދުވަސްވަރު އެވެ. އެ ދުވަސްވަރު ކޫއްޑޫ ފިޝަރީޒް ކުންފުނިން ސަރުކާރަށް 10 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެއީ މިފްކޯގެ ހަޔާތުގައި ވެސް ސަރުކާރަށް ފައިދާއެއް ދިން ފުރަތަމަ އަދި ހަމައެކަނި ފަހަރެވެ. -- އޭރު ކޫއްޑޫ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވީ ވެސް އާދިލެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފަހަރު އެ ފައިދާ ނެރެވުނު މައިގަނޑު އެއް ސަބަބަކީ ނުކުމެ ކުރެވުނު ގިނަ މަސައްކަތެވެ.

މިފްކޯއަށް ވާދަ ކުރަން ދަތިވަނީ ކީއްވެ؟

ރާއްޖޭގެ މަސްވެރިކަމުގެ ބާޒާރުގައި ކަނޑުމަހުގެ ވިޔަފާރީގެ ތެރެއަށް ވަދެ އުޅެނީ މައިގަނޑު ގޮތެއްގައި ދެ ކުންފުންޏެވެ. އެއީ މިފްކޯގެ އިތުރުން ވިލާ ގްރޫޕުގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒެވެ. މިފްކޯއެކޭ އެއްގޮތަށް ހޮރައިޒަން އިން ވެސް ވަނީ މި ދާއިރާއަށް ބިޔަ އިންވެސްޓްމަންޓް ތަކެއް ކޮށްފަ އެވެ. އެ ކުންފުނީގެ މާންދޫއަކީ 50 މެޓްރިކް ޓަނުގެ މަސް ގަތުމުގެ ގާބިލްކަން ހުރި ކާރުހާނާ އެކެވެ.

މިފްކޯއަކީ ވެސް އެ ވަރަށް މަސް ގަތުމުގެ ގާބިލުކަން ލިބިފައިވާ ބިޔަ ކުންފުންޏެކެވެ. ނަމަވެސް މިފްކޯގެ ބަލި ފަޔަކީ އެ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ބާއްވާފައި އޮންނަ އޮތުމެވެ. އެކަމަކު މިކަން މައްސަލައެއްގެ ގޮތުގައި ފާހަގަ ވަނީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތައް ވެސް އެބަހުއްޓެވެ.

ކަނޑު މަސް ގަންނަ އެހެން ކުންފުނިތަކާ އެއް ހަމައެއްގައި ފަހިތިލަ ސާބިތު ނުކުރެވޭ ސަބަބެއްގެ ގޮތުގައި މިކަން ނެގިދާނެ އެވެ. މަހުގެ އަގަކީ އެންމެ އަވަހަށް މައްޗަށްދާ އަދި އެންމެ އަވަހަށް ތިރިއަށް ވެއްޓޭ އެއް ބާވަތެވެ. ދުނިޔޭގެ ބާޒާރުގައި ވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. މިއަދު ހަވީރު މަސް ޓަނެއްގެ އަގު 1،200 ޑޮލަރަށް ހުންނަ ނަމަ މާދަމާ މި އަގު 1،000 ޑޮލަރަށް ވެއްޓި ދާނެ އެވެ. މީގެ މާނައަކީ މަސް ޓަނަކުން ގެއްލޭ 200 ޑޮލަރުގެ ގެއްލުމުގެ ބުރަ، މަސް ކުންފުނިތައް އުފުލަން ޖެހުމެވެ.

މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި މަސް ގަންނަމުން ގެންދާނީ ކިލޯއެއް 19ރ. އަށެވެ. އެކަމަކު ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ދުނިޔޭގެ ބާޒާރުގައި ދިހަވަރަކަށް ވަރަކަށް ފަހަރު މަހުގެ އަގަށް ބޮޑެތި ބަދަލު އައިސްފައިވެ އެވެ. މި ބަދަލު މަސްވެރިންނަށް ރޭކާލާ ވަރެއް ނުވަނީ އެހެން ވެގެނެވެ. ދިވެހި މަސްވެރިން މަހުގެ އަގު މަތިކޮށް ދަށްކޮށް ނުހަދަނީ ވެސް އެހެންވެ އެވެ. ހާއްސަކޮށް މިފްކޯ އިން އެކަން ނުކުރަނީ އެހެން ވެގެނެވެ. -- މަސް ގަންނަ އަމިއްލަ އެހެން ކުންފުނިތަކަށް އަގު ދަށް ކޮށްލެވިދާނެ އެވެ.

މިފްކޯ އަށް ގެއްލޭ ބައި ހަމަކޮށްލަން ރާއްޖޭގައި މަސް ގަންނަ އަގު ދަށް ނުކެރެވޭ ސަބަބަކީ އެ ކުންފުނީގެ ބޮލުގައި މަސްވެރިން މައްޗަށް އަދާކުރަންޖެހޭ "ރައްޔިތު ޒިންމާއެއް" ދައުލަތުން އަޅުވާފައި އޮންނާތީ އެވެ. އޭގެ ނަތީޖާއަކަށް ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، މަހުގެ އަގު ދަށްވި ނަމަވެސް އަގަށް އަންނަ މި ބަދަލު އަމިލަ އަށް "ހަޖަމް ކޮށްލާ" ކުންފުންޏެއްގެ ގޮތުގައި މިފްކޯއަށް އޮންނަން ޖެހުމެވެ.

މަސްވެރިންނަށް ދޭނެ ފައިސާ ނެތިގެން ކުންފުންޏަށް ގެއްލުންވި ނަމަވެސް އަގު ދަށް ކުރެވޭކަށް ނޯވެ އެވެ. އެހެންވެ، ދުވަހުން ދުވަހަށް ކުންފުންޏަށް ގެއްލޭ ވަރު ބޮޑުވެ އެ ކުންފުންޏަށް ގެއްލުންވުން އެއީ ކުންފުނީގެ ތޮބީއަތެއްގެ ގޮތުގައި އޮވެ އެވެ.

މަސްވެރިން މިފްކޯއާ ހަމައަށް ގެންދާ މަހުގެ ކޮލިޓީ މާ ގޯސް ނޫންނަމަ ގެންދާ މަހަށް ބާޒާރުގައި އޭރަކު ހުންނަ އެންމެ ރަނގަޅު އަގު ދޭން މިފްކޯއަށް މަޖުބޫރުވެ އެވެ. އެ ހާލަތަށް ބާޒާރު ބަދަލުވާ އިރު މަސް ގަންނަ އަމިއްލަ ކުންފުނި ތަކަށް އަގު ވައްޓާލުމުގެ ފުރިހަމަ އިހުތިޔާރު ލިބެ އެވެ. އެކަން ކުރަނީ ވެސް އެ ގޮތަށެވެ.

މިފްކޯގެ މާލީ ހާލަތު އިތުރަށް ގޯސް ވެގެންދާ އަނެއް ސަބަބަކީ ކުންފުނި ހިންގުމުގައި ހުރި ބޮޑެތި މައްސަލަ ތަކެވެ. މި މައްސަލަތަކުގެ ސަބަބުން މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައި އޮވެއެވެ.

މަސްވެރިންނަށް ރަނގަޅު އަގެއް ނުދެވޭ!

ރާއްޖޭގެ ބާޒާރުގައި މަސް ކިލޯއެއް ވިއްކާ އަގު 19ރ. އާއި 20ރ. ގައި ހުންނަތާ ހަތަރު އަހަރުވެއްޖެ އެވެ. ދުނިޔޭގެ ބާޒާރަށް އަންނަ އެއްވެސް ބަދަލެއް މަސްވެރިންނާ ހަމައަށް އައުން ވެފައި އޮންނަނީ ވަރަށް ނާދިރުކަމެއްގެ ގޮތުގަ އެވެ. މިއީ ސުވާލެކެވެ. މަސްވެރިންނަށް ދޭ އަގު މަތި ނުކުރުވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

މިފްކޯގައި މަސައްކަތް ކުރެއްވި ބައެއް ސީނީއާ ބޭފުޅުން އަދި ތަޖުރިބާކާރުން ގަބޫލުފުޅު ކުރައްވާ ގޮތުގައި ކުންފުނި ހިންގުމުގައި ބޮޑެތި މައްސަލަތައް އެބަހުއްޓެވެ.

އިއްތިފާގަކުން މިފްކޯއިން މަސްވެރިންނަށް އެންމެ ބރަނގަޅު އަގެއް ދީފައިވާ ކަމަށް ހިސާބުން ދައްކަނީ ވެސް އާދިލް އެ ކުންފުނި ހިންގެވި އިރު އެވެ. އެއީ ކިލޯއަކަށް 34ރ. އެވެ.

"އަޅުގަނޑުމެން އަމިއްލަ އަށް ކުރި މަސައްކަތުން ޓޫނާ ކޮންފަރެންސުން ގްރީން ޕީސް މީހުންނާ ދިމާވެ، އެމީހުން ރާއްޖެ އައިސް ހެދި ޑޮކިއުމެންޓްރީއެއްގެ ސަބަބުން ދުނިޔެއަށް ރާއްޖޭގެ ދޮށީގެ މަސްވެރިކަން ފެނިގެން ދިޔައީ. އޭގެ ފަހުން ތައި ޔޫނިއަން ކޯޕަރޭޝަންއާއެކު ކުރި މަސައްކަތުން މަސް ޓަނަކުން އިތުރަށް 500 ޑޮލަރު ލިބިގެން ދިޔަ. އެހެންވެ މަސްވެރިންނަށް ބޮޑު އަގު އޭރު ދެވުނީ،" އާދިލް ވިދާޅުވި އެވެ.

މިހާރު އެ އަގު ނުދެވެނީ ކީއްވެގެން ހެއްޔެވެ؟ މިހާރުވެސް މެރިން ސްޓްވާޑްޝިޕް (އެމްއެސްއީ) ގެ ނަމުގައި ޔޫރަޕުގެ ސެޓްފިކެޓެއް ރާއްޖޭގެ މަސްވެރިކަމަށް ލިބެ އެވެ. މި ސެޓްފިކެޓް ލިބުމުން ފްރޭމަށްލައި މިފްކޯގެ އެގްޒެކެޓިވް ކެބިންގައި ބެހެއްޓުން ފިޔަވައި އޮތް ފައިދާއަކީ ކޮބައި ހެއްޔެވެ؟

މަސްވެރި ކަމުގެ ދާއިރާގެ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައު މިހާރު ރާއްޖޭގެ މަސްވެރިކަން ދުނިޔޭގައި އިޝްތިހާރު ކުރާ ގޮތް އެއް ގޮތަކަށް ވެސް ރަނގަޅު ނޫނެވެ. އެއިން ރާއްޖެއަށް ފައިދާއެއް ނެތެވެ.

"މިހާރު ޔޫރަޕުގެ ބައެއްގެ ކައިރިއަށް ގޮސް [އަޅުގަނޑުމެން] މިކަން މި ކުރަނީ. އޭގެ ބަދަލުގައި ދިވެހިން އަމިއްލައަށް ނުކުމެ އެކަން ކުރަންވީ. މިހާރު އެ ކުރާ ގޮތަށް ކޮށްގެން ދުވަހަކުވެސް މިފްކޯއަކަށް ރަނގަޅު އަގެއް ނުހޯދޭނެ،" މިފްކޯގެ ކުރީގެ އިސްވެރިޔަކު ވިދާޅުވި އެވެ.

އިސްރާފު ކުރުމާއި ސިޔާސީ ކުރުން އިންތިހާއަށް!

މިފްކޯގެ "މާލީ ބުކްސް" ތަކުގައި ރެކޯޑް ކޮށްފައިވާ ގެއްލުމުގެ އަދަދު އެއް ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ނަމަވެސް، އަހަރުން އަހަރަށް ކުންފުނީގެ ހިންގުމާ ހަވާލުވާ މެނޭޖުމަންޓްތަކުން ސަރުކާރުގެ އެހީތެރިކަމާއެކު އެ ގެއްލުން ދިޔައީ ޕާސް ކުރަމުންނެވެ. މިފްކޯ އަށް ވޭތުވެދިޔަ ފަސް އަހަރު އެކަނި 600 މިލިއަން ރުފިޔާ ގެއްލުންވި އެވެ.

މި ބޮޑު ގެއްލުން ހަޖަމް ކުރަން ދަތިވާތީ، 2015 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ އަކަށް މިފްކޯ ބަދަލު ކުރި އެވެ. އަދި އެސްޓީއޯގެ ހިޔަނީގައި މިފްކޯ އޮވެ، ކުރިއަށް ދާއިރު ވޭތުވެދިޔަ އަހަރުތަކުގައި 800 މިލިއަން ރުފިޔާ ސަރުކާރުން މިފްކޯ އަށް ވަނީ ޕަންޕްކޮށްފަ އެވެ.

މިފްކޯ އަށް ގެއްލުންވުމުގައި ކުންފުނީގެ ހިންގުމުގެ މައްސަލަތަކުގެ އިތުރުން އެ ކުންފުނީގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާ އަށް ވަދެފައި އޮތުން ވެސް އެއީ ބޮޑު ސަބަބެކެވެ. މި ސިޔާސީ ނުފޫޒުގެ ސަބަބުން ބޭނުން ނުވާ ވަރަށް މުވައްޒަފުން އިތުރުވެފައި ވެއެވެ. ކުންފުނީގެ މަތި އިންތިހާ އަށް އޮތީ ބަރު ކޮށްފަ އެވެ. ބޭކާރު ކަންކަމަށް ފައިސާ ހަރަދުކޮށްފައި ވެއެވެ.

ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރިޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސީ ނުފޫޒު ނުފޯރުވައި ހިންގާނަމަ މިފްކޯ ހަމައިސްކޮޅަށް ކޮޅަށް ޖެހިދާނެ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސަރުކާާރު މިފްކޯ ހިންގަން ބޭނުން ކަމަށްވަންޏާ ފައިދާވާ ގޮތަށް ހިންގި ދާނެ، އެކަމަކު އެއީ ސަރުކާރުގެ އިންފްލުއަންޒް އާ ޕޮލިޓިކަލް އިންފްލުއަންސް ކުޑަ ކުރެވިގެން. ވަރަށް ޔަގީންކަމާއެކު އަޅުގަނޑަށް އެނގޭ އެތަން އެއީ ކޮޅަށް ޖެހިދާނެ ވަރުގެ ގާބިލްކަން ހުރި ކުންފުންޏެއްކަން،" ނިޒާރު ވިދާޅުވި އެވެ.

ސަޕްލައިއަށް އަންނަ ބަދަލުތަކާއެކު މާކެޓުގެ އަގުތަކަށް ވެސް ބަދަލު އާދެ އެވެ. ނަމަވެސް މިފްކޯ އިން ކޮންމެ ގޮތަކަށް ވިޔަސް އެއް އަގެއްގައި ގަންނަން ޖެހެ އެވެ. އަދި އިންޓަނޭޝަނަލް މާކެޓުގައި ގެއްލުން ދެއްކިޔަސް ގަންނަން ޖެހެ އެވެ.

"ޕްރައިވެޓް ސެކްޓާގަ ބޮޑަށް ޑޮމިނޭޓުކޮށްގެން މި އުޅެނީ ކަންނެލި، ކަންނެލީގެ އަގު މާކެޓުގައި ގިނައިން ބާނައިފިއްޔާ އަގު ދަށްވޭ، މަދުން ބާނައިފިއްޔާ އަގު މަތިވޭ، އެއީ މާކެޓް ބިހޭވިޔާ، އެ އުސޫލަކުން ނޫން މިފްކޯގެ ކަންތައްތައް ހަމަޖައްސާފައި މިވަނީ، މިފްކޯގައި ކޮންމެ ގޮތަކަށް ވިޔަސް އެއް އަގެއްގައި ގަންނަން ޖެހޭނީ، އެންމެ ގިނައިން 500 ޓަނު 800 ޓަނު ބޭނިޔަސް، ކެޕޭސިޓީ ނެތަސް އެ މަސް ގަންނަން އެބަ ޖެހޭ،" ނިޒާރު ވިދާޅުވި އެވެ.

މިފްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މަތިބަރު އެއް ކުންފުންޏެވެ. އެ ކުންފުނީގެ ސީނިއަ މެނޭޖުމަންޓަށް އަހަރެއްގެ މުސާރައިގެ ގޮތުގައި 15 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ އެވެ.

މިފްކޯ އަށް ގެއްލުންވާ އަނެއް ސަބަބަކީ ކުންފުންޏަށް ގަންނަ މަހުގެ ބޮޑުބައި ރޯމެޓީރިއަލްގެ ގޮތުގައި ތައިލެންޑަށް ބޭރު ކުރަން މަޖުބޫރު ވުމެވެ. ރާއްޖެ އިން ރޯމަހުގެ މާކެޓުގައި ވާދަކުރަން ޖެހެނީ ތައިލެންޑާ އެވެ. ނުވަތަ ކައިރީގައި މިއޮތް އަވަށްޓެރިޔާ، ސްރީލަންކާއާ އެވެ. މި ގައުމުތަކާ ވާދަ އަށް ނުކުންނައިރު ފުރަތަމަވެސް ވާނީ މައިނަހެވެ.

ތައިލެންޑަކީ ދުނިޔޭގެ އެންމެ "ޗީޕް ލޭބާސް" ގެންގުޅޭ އެއް ގައުމެވެ. އަދި އެ ގައުމުގެ މަސްވެރިކުގެ އިންފްރާސްޓްރަކްޗާ ބިލްޑް ކޮށްފައި އޮތީ އަގު ހެޔޮކޮށް ބޮޑު ފައިދާއެއް ނެގޭނެ ގޮތަށެވެ. ނަތީޖާއަކަށް ވަނީ ގައުމަށް ފައިދާ ބޮޑުވުމެވެ. ނަމަވެސް ރާއްޖެއިން މަސް އެހެން ދިމާލަކަށް ގެންދިއުމުގައި "ޗޮއިސް" އެއް އަދި ނޯވެ އެވެ.

މިފްކޯ އިން ރޯމަސް ގަނެ އެވެ. މިފްކޯއިން ދަޅު މަސް އުފައްދަ އެވެ. ގިނަ މާހިރުންގެ ނަޒަރުގައި ކުންފުނީގެ މާލީ ގާބިލްކަން މަތިކުރެވޭނެ އެއް ގޮތަކީ އެއީ އެވެ. ނަމަވެސް، އެކަށީގެންވާ މާޖިންއެއްގައި އެކަން ކުރެވޭނީ އެ ކުންފުނީގައި ކެޕޭސިޓީ ހުރެގެނެވެ.

ދަޅުމަސް އުފައްދާ ފެލިވަރު ވޭތުވެދިޔަ 10 އަހަރު އޮތީ މަރާމާތަށް ބޭނުންވެފަ އެވެ. ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުން މިދިޔަ ސަރުކާރުން ފެލިވަރު އަޕްގްރޭޑްކޮށް އަދި ކިރިޔާ އެ ނިމުނީ އެވެ. މީގެ ކުރިން އެ ތަނުގައި ބަންދު ކުރަނީ އެންމެ 10 ވަރަކަށް ޓަނުގެ ދަޅު މަހެވެ. ނަމަވެސް އަޕްގްރޭޑު ކުރުމުން މިހާރު މި އަދަދު 60 ޓަނަށް އޮތީ މަތިކުރެވިފަ އެވެ. ނަމަވެސް މިވަރަށް އޮޕަރޭޝަން ގެންނަން އަދި އިތުރު އިންވެސްޓްމަންޓްތައް ބޭނުންވެ އެވެ.

މިފްކޯއަށް ގެއްލުވާ އަނެއް ސަަބަބަކީ މަސްވެރިންގެ އަތުން މަސް ގަނެ، ކާރުހާނާއާ ހަމައަށް ފޯރުކޮށްދޭން މިފްކޯގައި ގެންގުޅޭ ބޯޓު ފަަހަރުގެ ކެޕޭސިޓީ ނެތުމެވެ. މި ބޯޓު ތަކަކީ މީގެ 18 ވަރަަކަށް އަހަރު ކުރީގެ ބާ އުޅަނދުފަހަރެވެ. ބޯޓު ފަަހަރުގެ ފަލްކާތައް ތައްޔާރު ކޮށްފައިވަނީ ސައިޒާއި ދިވެހި މަސްވެރިން ތަރައްގީވެ، ފުޅާ ވެގެން ދިޔަވަރު އެއް ގޮތަކަށް ރިސާޗްކޮށް ވަރުން ނާޅުވަ އެވެ. ރާއްޖޭގެ މަސްވެރި އުޅަނދު ފަހަރުގެ ކެޕޭސިޓީ އެތައް ގުނައަކުން މަތިވެއްޖެ އެވެ. ނަމަވެސް މިފްކޯގެ ބޯޓު ފަހަރުގައި އެ ކެޕޭސިޓީ ނެތުމުން ކޫއްޑޫ އާއި މަސް ވެރިންނާ ދެމެދު ދުއްވާ ދުއްވުން ވަނީ އިތުރެވެ. ކުރަންޖެހޭ ހަރަދު ބޮޑުވެގެންދެ އެވެ. ކުރަން ޖެހޭ "ޒުވާބު" ވެސް އިތުރުވެ އެވެ.

ވެލިއު އެޑިޝަން އިތުރު ކުރަން ޖެހޭ

ރޯމަސް އެކްސްޕޯޓް ކުރާ އަދަދު މަދު ކުރުން މިއީ މިފްކޯއަށް ފައިދާ ނެރެވެން އޮތް އެއްގޮތެވެ. މިކަން ކުރުމަށްޓަކައި ފެލިވަރު އެ އޮތީ އަޕްގްރޭޑް ކޮށްފަ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމުއިރު ވެސް އެކަންވާ ގޮތެއް ނުވި އެވެ. އެތަނަށް އިތުރު އެކަށީގެންވާ މަސައްކަތްތަކެއް އަދި ވެސް ކުރަން ޖެހެ އެވެ.

ވެލިއުއެޑިޝަން އިތުރު ކުރުމުގެ ފޯމިއުލާ ނެރޭނަމަ އިތުރު ހޭދަ އަދި ބޭނުންވާނެ އެވެ. އެކަމަށް ސަރުކާރުން އިތުރު މަސައްކަތް ވެސް ކުރަން ޖެހެ އެވެ. މީގައި އޮތް އެއް ގޮތަކީ ދަޅު މަހާއި ފައުޗް ނުވަތަ ޕެކެޓް މަސްގެ އެކްސްޕޯޓް މަތި ކުރުމެވެ.

ކުޑަ މިސާލެކެވެ؛ އެއް ޓަނުގެ ރޯމަސް ބޭރަށް ފޮނުވުމުން ލިބެނީ 1،850 ޑޮލަރެވެ. ނަމަވެސް އެއް ޓަނުގެ ދަޅު މަހުން 3،000 ޑޮލަރު ލިބެ އެވެ. ވީއިރު ޓަނަކުން 1،150 ޑޮލަރު ފައިދާ ލިބޭނެ އެވެ.

ދޮޅު އަހަރުން ފައިދާ ނެރެވޭތަ؟

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ދޮޅު އަހަރުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހަދާނެ ކަމަށް ވައުދެއް ވެފަ އެވެ. މިދިއަ މަސްވެރިންގެ ދުވަހު ވާހަކަފުޅު ދައްވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިފްކޯގެ އޮނިގަނޑަށް ބަދަލު ގެނެސްގެން މިފްކޯއަށް ފައިދާ ނެރެވޭނެ އެވެ. ދޮޅު އަހަރުގެ ތެރޭގައި ފައިދާ ނެރެވޭނެ އެވެ.

މިފްކޯ އިން ފައިދާ ނެެރެން ބޭނުންނަމަ ފުރަތަމަ ޖެހެނީ އިހުލާސްތެރި މަސައްކަތް ތަކެއް ފަށައި އަލުން މަސައްކަތް ކުރާށެވެ. ރިހި ޔޫބީލް އައިސްފައިވާ މިފްކޯއަކީ ސަރުކާރާއި ރައްޔިތުންނަށް ބުރަބޮޑު ތަނަކަށް ހަދަން ބޭނުން ނުވާނަމަ އިތުރު އިންވެސްޓްމަންޓްތައް ބޭނުންވާނެ އެވެ. މި އިންވެސްޓްމަންޓްތައް ކޮށްފިނަމަ އަދި ސިޔާސީ ނުފުޒު ކުޑަކޮށް ހިޔާނާތުގެ ދޮރު ކުންފުނީގެ ތެރެއިން ބަންދު ކޮށްފިނަމަ މިފްކޯއަކީ ރަންބިސް ވިއްކާ ބިޔަ ބޮޑު ކުންފުންޏަކަށް ހެދިދާނެ އެވެ.