ހަބަރު

ބަލި ފަތުރާ ސޫފާސޫފި ދެނެގަންނަން ލެބެއް ގާއިމް ކުރާނަން: މިނިސްޓަރު

މަދިރި އާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދު ކުރުމުގެ ގޮތުން، ރާއްޖޭގައި ބަލިފަތުރާ ސޫފާސޫފި ދެނެގަނެވޭނެ ލެބެއް ގާއިމް ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެެއްޖެ އެވެ.

މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މަދިރި މަދު ކުރުމުގެ ގޮތުން ޒަމާނީ ހޯދުންތަައް ތައާރަފު ކުރާނެ ކަމަށެވެ. އެގޮތުން އެނޮޓޮމޮލޮޖީ ލެބެއް، ނުވަތަ ބަލި ފަތުރާ ސޫފާސޫފި ދެނެގަނެވޭނެ ލެބެއް ގާއިމްކޮށް އެފަދަ ތަކެތި މަދު ކުރެވޭނެ ރިސާޗުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، ޑެންގީ ޖެހިގެން އެއްވެސް ފުރާނައަކަށް ނުރައްކާ ނުވުމާއި، ޑެންގީ މަދިރި ރާއްޖެއިން މަދުކުރުމުގެ ގޮތުން އެންމެ ޒަމާނީ ހޯދުންތައް ރާއްޖޭގައި ތައާރަފުކޮށް، ރާއްޖޭގައި އެންޓޮމޮލޮޖީ ލެބެއް ނުވަތަ ބަލި ފަތުރާ ސޫފާސޫފި ދެނެގަނެވޭނެ ލެބެއް އަދި އެފަދަ ތަކެތި މަދި ކުރުމަށް އެންމެ ފަހުގެ ރިސާޗުތަކާ އެކީގައި މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު ވިދާޅުވީ، މަދިރިއާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދު ކުރުމުގައި ކައުންސިލްތައް ބާރުވެރި ކުރުން މުހިއްމު ކަމަށެވެ. އަދި ބަލިފަތުރާ ޖަނަވާރާއި ސޫފާސޫފި މަަދު ކުރުމަކީ ވަކި އިދާރާއެއްގެ ޒިންމާ ކަމަށް ބެލެވިގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މިނިސްޓަ އޮފް ހެލްތު އަބްދުﷲ އަމިން ވަނީ މި ޕްރޮގްރާމް ހިނގާނޭ ގޮތުގެ އަތްމަތީ ފޮތެއްވެސް މި ރަސްމިއްޔާތުގައި ލޯންޗު ކޮށްފަ އެވެ. އަދި މި ޕްރޮގްރާމް ގަވައިދުން ހިންގުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ އޮފް ހެލްތުން ވަނީ މިކަމާ ގުޅުން ހުރި ފަސް މުއައްސަސާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.