މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބަސް ދަތުރުތަކަށް ފައިސާ ދެއްކޭނީ ކާޑުން އެކަނި

ސިނިމާލެ ބުރިޖު އަދި ހުޅުމާލެ އިން މާލެ ނުވަތަ އެއާޕޯޓަށް ބަހުން ދަތުރު ކުރެވޭނީ އެކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެން ކަމަށާއި މިއަދުން ފެށިގެން ރީޗާޖް ކާޑް ލިބެން ހުންނާނެކަމަށް، ބަހުގެ ހިދުމަތް ދޭ، އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިސަރު "އަވަސް" އަށް ވިދާޅުވީ، ބަސް ދަތުރަށް ބޭނުންވާ ރީޗާޖް ކާޑު، އިންޓަސްޓްރިއަލް ވިލެޖްގައި ހަދާފައިވާ ގްރޭޑާ މާލޭ ބަސް ޓާމިނަލް، ހުޅުމާލެ ބަސް ޓާމިނަލްއިން ލިބޭނެ އެވެ. އެ ކާޑް ވިއްކާނީ 20 ރުފިޔާ އަށެވެ. އެ ކާޑް ހުސްވުމުން އިތުރަށް ރިޗާޖް ކުރަން ޖެހޭނެ އެވެ. ބަސް ދަތުރަކަށް ނަގަނީ 10 ރުފިޔާ އެވެ.

އޭނާ ވިދާޅުވީ، މި ރީޗާޖް ކާޑަށް ބޭނުންވާ ފައިސާ ޖަމާކުރުމުގެ އިންތިޒާމު ޓާމިނަލް ތަކުގައި ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން ކާޑް ތައާރަފް ނުކުރެވިފައި އޮތީ، ކާޑް ތައާރަފްކުރުމުގެ ބައެއް ސެޓިންތަށް އަދިވެސް ނުނިމި ހުރެގެން އެވެ.