ހަބަރު

މާލޭގައި މަދިރި އުފެދޭ ތަންތަން ވަރަށް ގިނަ: މޭޔަރު

މާލޭގައި ހުރި ނުރައްކާތެރި ތަންތަނަށްވުރެ ގިނައީ މަދިރި އުފެދޭ ތަންތަން ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެން ސިޓީ ކައުންސިލުން އިންސްޕެކްޓުކުރި ތަންތަނުގެ ތެރެއިން، ނުރައްކާތެރި ކަންތައްތަކަށްވުރެ ގިނައިން މަދިރި އުފެދޭ ގޮތަށް ތަންތަން ހުރި ކަން. އަދި އެހެންވީމާ ސިޓީ ކައުންސިލުން މިފަދަ ކަންކަމަށް ފިޔަވަޅު އަޅާންޖެހޭނެ، ޖޫރިމަނާ ވެސް ކުރާނެ، އެހެން ނަމަވެސް، މި ކަންކަން ކުރުމަކުން ނޫން އަސްލު ކަންކަން ރަނގަޅު ވާނީ. ޒިންމާދާރު ވުމާއެކު ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިން ނިކުމެގެން އަނެކާގެ ފުރާނަވެސް ސަލާމަތް ކުރެވޭނީ،" ޝިފާ ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުން ބެލި ބެލުމުގައި މަގުމައްޗަށް ކުނި އެޅުމަކީ ހަމައެކަނި ބިދޭސީންގެ ސަބަބުން ދިމާވާ މައްސަލައެއް ނޫން ކަމަށެވެ. އަދި މީޑިއާތަކުންނާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މިއީ މަދުންނަމަވެސް ދިވެހިންގެ ސަބަބުން ވެސް ދިމާވާ ކަމެއްކަން ޔަގީންވާ ކަމަށެވެ. އަދި ކައުންސިލްތަކާ ހަވާލު ކުރެވުނު ކަމުގައި ވިޔަސް ދައުލަތުގެ ހުރިހާ މުއައްސަސާތައް ކައުންސިލްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މިއަދު އިފްތިތާހުކުރި މި ޕްރޮގްރާމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން ގަވައިދުން ހިންގޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، ހެލްތު މިނިސްޓަރު އަބްދުﷲ އަމިން ވަނީ މި ޕްރޮގްރާމް ހިނގާނޭ ގޮތުގެ އަތްމަތީ ފޮތެއްވެސް ރަސްމިއްޔާތުގައި ލޯންޗު ކޮށްފަ އެވެ.