ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ސަރުކާރު އޮންނާނީ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން: ރައީސް

Jan 1, 2019
4

މި ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މީލާދީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސް އާންމު ކުރެއްވެވި ހިތޯބެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ "މިފެށޭ އާ އަހަރުގެ އުފާވެރި ޝުއޫރުތަކާއެކު، ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަގީން ކޮށްދޭން ބޭނުންވަނީ، މާތް ﷲ ގެ ވާގިފުޅާއެކު، މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި" ކަމަށެވެ.

ރައީސް ވިދާޅުވީ އިއްޔެ އަލްވަދާއުކީ، 2018 ވަނަ އަހަރެކޭ އެއްފަދައިން، މިއަދު އަޅުގަނޑުމެން މި މަރުޙަބާ ކިޔާ 2019 ވަނަ އަހަރަކީ ވެސް، ހުރިހާ ގޮތަކުން އަޅުގަނޑުމެންނަށް ބާއްޖަވެރި އަދި އުފާފާގަތި އަހަރެއް ކަމުގައި ވުމަށް އެދި ވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުން އާ އަހަރަކާ ކުރިމަތިލާއިރު، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަންކަމާއި ހައްގުތައް، ނަގަހައްޓައި ދަމަހައްޓަން ދިވެހީން ބޭނުންވެފައި ތިބި މިންވަރު، މިދިޔަ އަހަރުގެ ތެރޭ ފެނި ސާބިތުވެއްޖެ ކަމަށެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ އެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ސިޔާސީ ލީޑަރުން އެއްބައިވެ އެކަތިގަނޑަކަށް ވެ ތިއްބެވިކަމީ ރައްޔިތުންނަށް، މާތް ﷲ މިންވަރުކުރެއްވި ހެޔޮ ނަސީބު ކަމަށެވެ.

"... ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ބާރުގެ ތެރެއިން، ވެރިކަން ބަދަލުކޮށް އާ ވެރިކަމެއް ގާއިމުކޮށްފައިވަނީ، ވަރަށް މަތިވެރި އަދި އެހާމެ ފޮނި އުންމީދުތަކަކާ އެކުގައެވެ. އެއީ، ޢަދުލުވެރިކަމާއި އިންޞާފާއި ހަމަހަމަކަމާއެކު، ރައްޔިތުންގެ މެދުގައި މުޢާމަލާތު ކުރާނެ ކަމުގެ އުންމީދެވެ. އެއީ، ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިން ދިވެހި ދައުލަތް ސާފުކޮށްދޭނެ ކަމުގެ އުންމީދެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުންމީދެވެ." ރައީސްގެ ހިތޯބުގައި ވެއެވެ.

"މި ފެށުނު އަހަރަކީވެސް ސިޔާސީ މުހިންމު ބަދަލަކާ އަޅުގަނޑުމެން ކުރިމަތިލާނެ އަހަރެކެވެ. މިއަހަރުގެ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް އަލުން ބައްޓަން ކުރުމުގައި، ތިޔަ ލޮބުވެތި ރައްޔިތުން ގޮތް ނިންމަވާނެ ދުވަހެވެ. އެދުވަހުގެ އިންތިޚާބަށް ނުކުންނައިރު، ޤައުމު މިއަދު އޮތް ޙާލަތާއި، ޤައުމު ކުރިއަށް ގެންދަންވީ މިޞްރާބު ރަނގަޅަށް އެނގި ތިބެ، ޤައުމުގެ މަޞްލަޙަތު އިސްކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ،"