ޕްރޮމޯޝަންތަކާއި ބޭންކުތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަ ހައްލުކުރެވޭނީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް ކޮމިޔުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވުއިއެއްގައި މަލީހު ވިދާޅުވީ އަލަށް އުފެދުނު ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެންމެ އިސްކަމެއްް ދޭނީ، ސަރުކާރުގެ ވިއުގައަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.
"މުޅި ނިޒާމް ވާންޖެހޭ ވަރަށް ރައްކާތެރި އެއްޗަކަށް، އެކަމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ފަށައިފިން، ސަރުކާރު އޮފީސްތަކުގައި ލައިސެންސްޑް ސޮފްޓްވެއާތަކާއި ފަޔާ ވޯލްތައް ބޭނުންކުރުމަކީ އެކަމުގެ ތެރެއިން އަޅުގަނޑުމެން ކަށަވަރުކުރާނެ އެއް ކަމެއް،" މަލީހު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ޓެކްނޮލޮޖީ އާއި ވަރަށް ދޯޅު ރައްޔިތުންތަކެއް އުޅޭ ގައުމަކަށްވާއިރު، އެމީހުންނަށް ރައްކާތެރިކަން އޮތީ މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.
"އެކި އުމުރުފުރައިގެ މީހުން އެބަ ބޭނުންކުރޭ ފޯނު، އޭގެ ތެރެއިން ޔޫޓިއުބް ފަދަ ޕްރޮގްރާމުތައް ވަނީ ވަރަށް ހުޅުވާލެވިފަ، އެހެންވީމަ މީގެ އެންމެ މުހިންމުކަމަކީ އެވެއާނަސް، މިއީ ސަރުކާރުން ބޮޑު ތަޅު އަޅުވަން ޖެހޭ ކަމެއްނޫން، މީހުން ހޭލުންތެރިކޮށްގެން ނިޒާމްގެ ތެރެއިން އެބަހުރި ޕޭރެންޓަލް ކޮންޓްރޯލްތަކާއި ކަންކަން،،" މަލީހު ފާހަގަކުރެއްވި އެވެ.
"ހޭލުންތެރިކަން އިތުރުވީމަ މީހުންނަށް އެނގޭނެ ޖަވާބުދޭންވީ މެސެޖުތަކާއި އީމެއިލްތައް ވަކިކުރަން."
އާންމުންގެ އިތުރުން، ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ސްކޭމް އީމެއިލްތަކަށް ޖަވާބުދެވޭ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.
"އާންމުން އެކަންޏެއް ނޫން ސަރުކާރުގެ އޮފީސްތަކުގައިވެސް ސްކޭމް އީމެއިލްތަކަށް އެބަހުރި ޖަވާބުދެވިފަ، އެކަމަށްޓަކައި އަޅުގަނޑުމެން ފަށާނަން ސިސްޓަމްތަކަށް ހުރި ސެކިޔުރިޓީ ތްރެޓް ތަކަކީ ކޮބައިތޯ ބަލަން،" މަލީހު ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން، ސަރުކާރުގެ ކޮންމެ އިދާރާއަކުން ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެ އަސާސީ ފިޔަވަޅުތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމުތައް ހިންގަން ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ހާމަަކުރެއްވި އެވެ.
އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ކުރިމަތިވާ ނުރައްކާތެރިކަމުން ސަލާމަތްވުމަށް އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް، ރާއްޖޭގައި އުޅޭ މި ދާއިރާގައި ބޭފުޅުންނާއި ގުޅިގެން ހިންގުމަށް ރޭވިފައިވާކަމަށް މަލީހު ވިދާޅުވި އެވެ.