ޝްރައްދާ ކަޕޫރު

ރެމޯގެ އޭބީސީޑީން ދެންވެސް ފެންނާނީ ޝްރައްދާ

މަޝްހޫރު ކޮރިއޯގްރަފަރު ރެމޯ ޑީ ސޫޒާ އުފައްދަން ނިންމާފައިވާ ފިލްމު "އޭބީސީޑީ" (އެނީ ބޮޑީ ކޭން ޑާންސް) ތިނެއްގެ ޝޫޓިން ފަށަން ދުވަސް ކުޑަތަންވެފައި ވަނިކޮށް، ފިލްމުގެ ބަތަލާއަކަށް ހަމަޖެއްސި ކެޓްރީނާ ކެއިފް ވަނީ ފިލްމުން ވަކިވެފަ އެވެ. ކެޓްރީނާ މި ފިލްމަށް ނޫނެކޭ ބުނުމުން، ދެން އެ ޖާގަ ދެވޭނީ "އޭބީސީޑީ" ދޭއްގައި ވެސް ފެނުނު ޝްރައްދާ ކަޕޫރަށް ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

ކެޓްރީނާ މި ފިލްމަށް ނޫނެކޭ ބުނެފައިވަނީ، އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ސަލްމާން ޚާންގެ ފިލްމަކާއި، "އޭބީސީޑީ" ގެ ޝޫޓިން އާ ފުށުއަރާތީ ކަމަށް ބުނެ އެވެ. އަދި ކެޓްރީނާގެ ބަދަލުގައި ދެން ފެންނާނީ ޝްރަދާ ކަމާމެދު ޝައްކެއްވެސް ނެތް ކަމަށް އިންޑިއާގެ ނޫސްތަކުން ދަނީ ބުނަމުންނެވެ. އަދި މި ޖާގަ ފުރުމަށް، ޖެކްލީން ފެނާންޑޭޒް އާއި ކްރިތީ ސެނަން ލިސްޓުގައި ހިމެނުނު ކަމުގައި ވިޔަސް އެންމެ ކުރީގައި އުޅެނީ ޝްރަދާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.

"އޭބީސީޑީ" ދޭއްގައި ޝްރަދާ ވަނީ ވަރުން އާއެކު އޭނާގެ ފަރި ހަރަކާތްތައް ދައްކުވާފަ އެވެ. އަދި އެ ފިލްމުގައ މި ޖޯޑުގެ ކެމިސްޓްރީއަށް ތައުރީފު ކޮށްފައިވާއިރު ކެޓްރީނާގެ ޖާގައަށް އެންމެ ކަމުދާނީ ޝްރަދާ ކަމަށް ބެލެވެ އެވެ. ހާއްސަ ގޮތެއްގައި، މިއީ ނެށުންތައް ގިނަ ފިލްމަކަށް ވެފައި، "އޭބީސީޑީ" ދޭއްގައި މި ޖޯޑު އެކުގައި ގެނެސްދިން ނެށުންތައް މޮޅުވެފައި ރީތި ކަމުން މި ފިލްމަށް މިއީ އެންމެ ރަނގަޅު ނިންމުން ކަމަށް ބެލުންތެރިން ދަނީ މިކަމާ ގުޅިގެން ކޮމެންޓު ކުރަމުންނެވެ.

ރެމޯ އުފައްދާ "އޭބީސީޑީ" އެކެއް އަދި ދޭކަކީ ވެސް ނެށުމުގެ ހުނަރުތައް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ޝޫޓީން ޖަނަވަރީ 29 ގައި އިންޑިއާގެ އަމްރިތުސަރުގައި ފަށާނެ އެވެ.