ވިޔަފާރި

މަޝްހޫރު ފުޓުބޯޅަ ތަރި ރިއޯ ފާޑިނަންޑް ރާއްޖޭގައި

އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ރިއޯ ފާޑިނަންޑް އާ އަހަރުގެ ފެށުން ފާހަގަ ކުރީ ރާއްޖޭގަ އެވެ.

މެންޗަސްޓާ ޔުނައިޓެޑްގެ ވެސް ކުރީގެ ޑިފެންޑަރު ފާޑިނަންޑް އާއިލާއާއެކު ޗުއްޓީ ހޭދަކޮށްފައިވަނީ ޅ. ހުރަވަޅި ރިސޯޓުގަ އެވެ. އޭނާ އެކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ފާޑިނެންޑް ވަނީ އިންސްޓަގްރާމުގައި އެ ރިސޯޓުގައި ހޭދަކުރަމުންދާ ޗުއްޓީގެ ހިތްގައިމު ފޮޓޯތައް ހިއްސާކޮށްފަ އެވެ. މިގޮތުން އެއް ފޮޓޯއިން ފެންނަނީ ހުރަވަޅީގެ މޫދު އަޑީގައި ހަދާފައިވާ ހިތްގައިމު ރެސްޓޯރެންޓުގައި ކެއުމަށް އިންސާފު ކުރަން ތައްޔާރުވާ ތަނެވެ. އަދި މި ފޮޓޯއާއެކު މޫދު އަޑީގައި މެންދުރުގެ ކެއުމަކަށް އިންސާފު ކުރާ ކަމަށް ލިޔެފައިވެ އެވެ.

ދެހާސް ފަނަރަވަނަ އަހަރު ފުޓުބޯޅައިން ރިޓަޔާކޮށްފައިވާ މަޝްހޫރު ތަރި ޓްވިޓަރުގައި ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ ޖެޓްސްކީ ދުއްވާ ތަނެވެ. އަދި ޖެޓް ދުއްވާއިރު އޭނަގެ ފަހަތުން ހުރަވަޅީގެ ހާއްސަ ޕްރައިވެޓް ސީޕްލޭން ފެންނަން އޮވެ އެވެ. އެ ފޮޓޯއާއެކު ބުނެފައިވަނީ 2019 ވަނަ އަހަރުގެ ތެރެއަށް ވަދެގެން ދަނީ ކަމަށެވެ.

އާ އަހަރު ފާހަގަ ކުރުމަށް މި އަހަރުވެސް ދުނިޔޭގެ މަޝްހޫރު އެތަށް ތަރިއެއް ރާއްޖެ އައިސްފައިވެ އެވެ. މީގެތެރޭގައި މަޝްހޫރު ފިލްމީތަރިންނާއި ސެލެބްރިޓީންވެސް ހިމެނެ އެވެ.