ހަބަރު

ގައިދީންނަށް ވަކީލު ބައްދަލުވުން ދޭ އުސޫލު ލުއިކޮށްފި

ގައިދީންނަށް އެ މީހުންގެ ވަކީލުންނާ ބައްދަލުކުރުމުގެ އުސޫލުތަކަށް ލުއިދީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ފަސޭހަ އުސޫލެއްގެ ދަށުން ބައްދަލުކުރެވޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ގައިދީންނާއި ވަކީލުން ބައްދަލުކުރުމަށް އޮތީ ވަރަށްވެސް އުނދަގޫ ގޮތަކަށް ކަމަށެވެ.

"ހަމައެކަނި ކޯޓްގައި ހިއަރިންއެއް ޝެޑިއުލް ކުރެވުނީމަ ބައްދަލު ކުރެވިގެންދާތާ ދުވަސްތަކެއް މިވަނީވެފަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ވަކީލުންނާއި ގައިދީން ބައްދަލުކުރުމުގެ ދަތިކަން ފިލުވާލުމަށްޓަކައި މިހާރު ވަނީ އެތެރޭގެ އުސޫލުތަކަށް ބަދަލުގެނެސްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަކީލެއްގެ ގޮތުގައި ކަރެކްޝަންގައި ބޭފުޅަކު ރެޖިސްޓަރީވުމަށްފަހުގައި، ދެން ބަންދު ދުވަސްތައް ދޫކޮށް އެހެން ދުވަސްތަކުގައި އަޅުގަނޑުމެންނަށް ފުރުސަތު ދިނުމަށް ކަނޑައެޅޭ އުސޫލުތަކުގެ ތެރެއިން ފަސޭހަކަމާއެކުގައި ގައިދީންނާއި ވަކީލުން ބައްދަލުކުރުމުގެ އިންތިޒާމް ފަސޭހައިން ހަމަޖެހިގެންދާނެ އުސޫލެއް މިއަދުން ފެށިގެން ވަނީ ކަނޑައަޅާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ގައިދީންނާއި ވަކީލުން ބައްދަލުކުރުމަށް އެކަށީގެންވާ ވަގުތު ނުދޭކަމަށް ބުނެ ގިނަ ވަކީލުންނާއި ގައިދީންގެ ޝަކުވާ ވަރަށް ބޮޑަށް ކުރި އެވެ.

މިނިސްޓަރު ވިދާޅުވީ، އެސޫލުތަކުގެ ދަށުން ގައިދީންނާއި ވަކީލުން އެއްވެސް ދަތިކަމެއްނެތި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.