ހަބަރު

ގައިދީންނަށްދޭ އެކަހެރި އަދި އާއިލީ ބައްދަލުވުންތަކުގެ ވަގުތު އިތުރުކޮށްފި

ގައިދީންނަށްދޭ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތަކުގެ ވަގުތު މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ގައިދީންނާއި އާއިލީ ބައްދަލުވުންތައް އެކި ޖަލުތަކުގައި އެކި ގޮތަށް ދެމުންގެންދާ ކަމަށާއި ބައެއް ފަރާތްތަކަށް މަހަކު އެއްފަހަރު ނުވަތަ ހަފްތާއަކު އެއްފަހަރު ބައްދަލުވުން ދެމުންގެންދާ ކަމަށެވެ.

މި ބައްދަލުވުންތަކަށް ކުރިން އޮންނަނީ ބައްދަލުވުމަކަށް އެއް ގަޑިއިރު ދޭގޮތަށް، އަޅުގަނޑުމެން މިއަދުން ފެށިގެން މިވަނީ އެއާއިލީ ބައްދަލުވުންތައް ދެގަޑިއިރަށް އިތުރުކޮށްފަ، މިއަދުން ފެށިގެން އާއިލީ ބައްދަލުވުންތައް ދެގަޑިއިރަށް ހަމަޖެހިގެންދާ ގޮތަށް އިންތިޒާމްތައް ހަމަޖެހިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގެ ގައިދީންނަށް ދެވޭ އެކަހެރި ބައްދަލުވުންތައް މިހާރު ދެނީ މަހަކު އެއްފަހަރު 12 ގަޑިއިރު ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން އެބައްދަލުވުންތައް މިހާރު މިވަނީ މަހަކު އެއް ފަހަރު 24 ގަޑިއިރަށް ބަދަލުކޮށްފަ، މީގެ ފަހުން އިރާދަކުރެއްވިއްޔާ އާއިލާތަކުގެ އެކަހެރި ބައްދަލުވުންތައް ދެން ކުރިއަށްދާނީ 24 ގަޑިއިރަށް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އާއިލީ ބައްދަލުވުންތަކުގައި ދަތިތަކާއި އުނދަގޫތައް އެބަހުރި ކަމަށާއި ނަމަވެސް އެކަންކަން ހުރަސްކޮށް އެއާއިލާތައް ބަދަހިކޮށް ދެމިއޮތުމަށްޓަކައި މިނިސްޓްރީީން ކޮށްދެވެން އޮތް އެންމެ ފަސޭހައެއް ކޮށްދިނުމަށްޓަކައި މަގު ތަނަވަސް ކުރަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހުކުމް ނިމެންދެން ބަންދުގައި ބައިތިއްބާ ފަރާތްތަކަށް އެކަހެރި ބައްދަލުވުން ނުދޭ ގޮތަށް ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ގެނެސްފައިވާނީ މައްސަލަ ނިމެންދެން ބަންދުގައި، ރިމާންޑް ޖަލުގައި ބައިތިއްބާ ފަރާތްތަކުގެ ތެރެއިން ހަތަރު މަސް ދުވަހަށްވުރެ ގިނަ ދުވަސްވާ ފަރާތްތަކަށް އެކަހެރި ބައްދަލުވުން ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ގައިދީންނަށް ތަފާތު ކުރުމެއްނެތި އެސޫލުތަކުގެ ދަށުން އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް ދެވިގެންދާނެ ކަމަށެވެ.