ހަބަރު

ފަރުވާ ނިމުމާ އެކު އަދީބުގެ ހުކުމް ތަންފީޒު ކުރާނެ: އިމްރާން

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ގޭގައި ހުންނެވީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށާއި އެ މުއްދަތަށްފަހު އޭނާ ހުކުމް ތަންފީޒު ކުރަން ޖަލަށް ބަދަލު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ކުރީގެ ނައިބް ރައީސް އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމްތަކެއް އެބަހުރި ކަމަށާއި ހުކުމް ތަންފީޒު ކުރުމަކީ ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރެވިފައިވާ ޒިންމާއެއް ކަމަށެވެ. އެކަން އެގޮތަށް ދެމި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައި އެވަނީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ޑޮކްޓަރު ދެއްވާފައިވާ ލިޔުމުގައިވާ ގޮތުގެ މަތީން، އެހެންވީމާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރެއިން އެގޮތަށް އެއަމަލު ކުރެވިގެންދާނެ، އެހެން ނަމަވެސް އެހުކުމް ދެމިއެބަ އޮތް، ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ކަނޑައެޅިފައިވާ ގޮތަށް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް ނެގުމަށް އޮޕަރޭޝަން ކުރުމަށްފަހު އަދީބު ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އޭނާ ގެއަށް ބަަދަލުކޮށްފައިވަނީ ޑޮކްޓަރު ލަފާދީފައިވާތީ އެވެ.

އަދީބު ގެއަށް ބަދަލު ކުރުމަށްފަހު އޭނާ ވަނީ އަމިއްލަ ޕާޓީއެއްވެސް އުފައްދާފަ އެވެ. މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)، އަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީވެސް އަދީބެވެ. އޭނާ ވަނީ އެޕާޓީގެ ރައީސްކަމަށްވެސް އިންތިހާބު ކޮށްފަ އެވެ.