ހަބަރު

ޔަމަން މީހާގެ މައްސަލާގައި ސީރިއަސް ކަންކަން އެބަހުރި: އިމްރާން

ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ހައްޔަރުކުރި ޔަމަންގެ ރައްޔިތެއްގެ މައްސަލާގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ހަވީރު ވިދާޅުވީ އެ މީހާއާބެހޭ މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އޭނާއާބެހޭ ގޮތުން މިހާތަނަށް ހާމަކޮށްފައިވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ.

"އެކަމުގައި ސީރިއަސް ކަންކަން އެބަހުރި، ޕަކްލިކާ ހަމައަށް އައިސްގެ އުޅޭ އަޑުތަކާއި ހަބަރުތަކަކީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމުގައި އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭ، ޔަގީން ކަމާއެކު ދަންނަވަން ކެރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާފަދަ މައްސަލަތަކުގައި އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށާއި އެފަދަ މައުލޫމާތުތައް ހިއްސާ ކުރުމުގައި އަމަލު ކުރަންވީ ގޮތްތަކާމެދު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލާގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމުގައި ސީރިއަސް ކަންކަން އެބަހުރި، އަޅުގަނޑުމެން އެބަ ވިސްނަން އެއާ ބެހޭ ގޮތުން ސީދާ ޕަބްލިކަށް އޭގެ ބައެއް މައުލޫމާތުތައް ގެންދިއުމަށް، އެހެން ނަމަވެސް މި ވަގުތަށް އެ މައުލޫމާތު ގެނެސް ދިނުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ އަމަންއަމާން ކަމާއި ރައްކާތެރިކަމަށް ކޮންމެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ މިވަގުތު ހުރީ ހުޅުމާލޭގައި ހުންނަ ޖަލުގައި އެވެ. އެޖަލަކީ އާންމުކޮށް އިމިގްރޭޝަންގެ ފަރާތުން މީހުން ޑީޕޯޓް ކުރުމުގެ ކުރިން ބަހައްޓާ ޖަލެކެވެ. ނަމަވެސް އޭނާގެ ކަންކަން ބަލަހައްޓަނީ ކަރެކްޝަނުންނެވެ.

މާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ޔާސިރު ޔަހްޔާ ސާލިހް، ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ. އޭނާ ހައްޔަރު ކުރީ ޑީޕޯޓް ކޮށްލުމަށްކަމަށް ބުނެ އެވެ.

އޭނާއަށް މިހާތަނަށް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހުނު ދުވަސްވަރެވެ.