ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ އެތެރޭގެ ވައިގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމުގެ ވައުދު ރޭ ވަނީ ފުއްދާފަ އެވެ. މި ވައުދު ފުދިގެން ދިޔައީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެތެރޭގައި އުދުހުންތަކަށް ވިއްކާ ޓިކެޓުގެ އަގު ހެޔޮކޮށް އެކަން އިއުލާނު ކުރުމާއެކު އެވެ. ނަމަވެސް މިކަން އައުމާއެކު ގިނަ ބަޔަކަށް އުފާވުމަށްވުރެ ވީ ރުޅި ގަދަ އެވެ. ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނަމުން ދިޔައީ ޓިކެޓްގެ އަގު ހެވެއް ނުވެ އެވެ.
އޭގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މި ވައުދު ފުއްދި އިރު ގިނަ ބަޔަކަށް އޮޅުން އަރައިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
"ހެވެން ނުވޭ، މިހާރު މާލެ ހަނިމާދޫ/ މާލެ ލިބޭ ވީކެއްގެ ކުރިން ނެގީމަ 2226 އަށް. ބޮޑު އޮޅުވާލުމެއް މިއީ،" ޓިކެޓުގެ އަގު ހެޔޮ ކުރުމާއެކު "ބަބޫބިލާލް" ގެ ނަމުގައި އަވަސްގެ ޕޭސްބުކް ޕޭޖަށް ކޮމެންޓް ކުރި މީހަކު ބުނެފައިވެ އެވެ.
މޯލްޑިވިއަންއިން ޓިކެޓުގެ އަގު ހެޔޮ ކޮށްފައިވަނީ އެވްރެޖު ގޮތެއްގައި 25 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދުގަ އެވެ. އަގުތަކަށް މި ގެނައި ބަދަލާއެކު ގިނަ ސެކްޓާތަކުން ޓިކެޓުގެ އަގު ވަނީ ހެޔޮވެގެން ގޮސްފައި ވެއެވެ.
ޓިކެޓުގެ އަގަށް އައި ބަދަލުތައް
- މާލެ - ގަން - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
- މާލެ - ފުވައްމުލަށް - މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
- މާލެ - ހަނިމާދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު
- މާލެ - އިފުރު - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
- މާލެ - ދަރަވަންދޫ - މާލެ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު
- މާލެ - ކުޑަހުވަދޫ - މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
- މާލެ - ތިމަރަފުށި - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
- މާލެ - ކައްދޫ - މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
- މާލެ- ކޫއްޑޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު
- މާލެ - ކާޑެއްދޫ - މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާ ދެމެދު
ޓިކެޓުގެ އަގު ހެޔޮ ކުރުމާއެކު ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވީ "ލޯވެސްޓް" ފެއާގައި ވިއްކާ ޓިކެޓްގެ އަގު ހެޔޮ ކުރި ނަމަވެސް އެއަގުގައި ޓިކެޓް ނުލިބުމެވެ. އެހެންވެ، ގިނަ މީހުން ބުނި ގޮތުގައި ޓިކެޓްގެ އަގު ހެޔޮ ކުރުމަކީ "ބަސް ސްޓޮޕްތައް" ވެސް ހެދި ގޮތަށް ނަމެއްގައި ކޮށްފައި އޮތް ކަމެކެވެ.
ހުސެއިން ޝިނާންގެ ނަމުގައި ޓްވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވާ ގޮތުގައި އަގު ހެޔޮ ކޮށްފައި މިވަނީ 25 ޕަސެންޓެއް ނޫނެވެ.
"އައްޑޫ-މާލެ ޓިކެޓްގެ އަގު މިހާރު އުޅެނީ 899ރ. އަށް. ދެކޮޅަށް 1،798ރ އަށް. އާ އަގުތަކުގައި 1،698ރ. ޓިކެޓް ހެޔޮވި ވަރަކީ 100ރ. [5.56 ޕަސެންޓް] ގައިމުވެސް މިއީ 25 ޕަސެންޓް ހެޔޮ ވުމެއް ނޫން،" ޝިނާން ބު ނެފައިވެ އެވެ.
އަދި އެހެން މީހަކު ބުންޏެވެ: "އެއްވެސް ވަރަކަށް ޓިކެޓްގެ އަގު ހެވެއް ނުވޭ، ކުރި ކަމަކަކީ އެންމެ އަގު ބޮޑު ފެއާގެ ޓިކެޓުންގެ ބައެއް ވައްޓާލީ، މިއީ ކުޑަ ކުއްޖާއަށް ވެސް އެނގޭނެ ހިސާބެއް ރަނގަޅަށް ބައްލަވާ މިހެން ހައްދާފައި އޮތީ،"
ނަމަވެސް، ޓިކެޓުގެ އަގަށް ގެނައި ބަދަލާއެކު ގިނަ ސެކްޓާތަކުން ވަނީ ހެޔޮ ވެގެން ގޮސްފަ އެވެ. މިކަން އެނގެނީ ކުރީގެ އަގާއި މިހާރުގެ އަގު އަޅާ ކިޔައިލުމުންނެވެ. މިސާލެއްގެ ގޮތުން ބަލާނަމަ ހަނިމާދޫ/މާލެ އެއްކޮޅު ޓިކެޓް ވިއްކަނީ 1444ރ. އަށެވެ. އަދި ދެކޮޅަށް ބަލާނަމަ މިހާރު ލިބޭ އަގަކީ 2،800ރ. އެވެ. ނަމަވެސް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މި އަގު 2،226ރ. އަށް ވެއްޓޭނެ އެވެ. މިއީ އެންމެ ބޮޑު އަގުގައި ޓިކެޓް ނަގާ ނަމަވެސް 576ރ. ހެޔޮވުމެކެވެ. އަދި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަނިމާދޫއަށް ދާން އެއްކޮޅު ޓިކެޓު އެންމެ ހެޔޮ އަގުގައި 1،610ރ. އަށް ލިބޭނެ އެވެ. އަދި އެއްކޮޅަށް ބަލާނަމަ މި އަދަދު 805ރ. އަށް ހެޔޮ ވެގެން ދާނެ އެވެ.
އެހެން ސެކްޓާއަކަށް ބަލާއިރު އައްޑޫގެ ގަމަށް އާއްމުކޮށް ކުރިން ޓިކެޓު ވިއްކަނީ ދެކޮޅަށް 3500ރ. ވަރަށެވެ. ނަމަވެސް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 2،598ރ. އަށް ބަދަލު ވެގެންދާނެ އެވެ. އަގަށް އަންނަ ތަފާތަށް ބަލާނަމަ މިއީ 900ރ. ވަރުގެ ހެޔޮ ވުމެކެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވި ގޮތުގައި ޓިކެޓް އަގު ހެޔޮ ކުރުމާއެކު ލޯވެސްޓް ފެއާގައި ވިއްކާ ޓިކެޓުން މަހަކު 15،000 ޝީޓް ލިބޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވާނެ އެވެ. އެހެންވެ މި ބަދަލާއެކު ގިނަ ބަޔަަކަށް ވަރަށް ހެޔޮ އަގުގައި ޓިކެޓް ލިބިގެންދާނެ ކަމަށް އޭނާ ހުން ހުންނެވީ އުންމީދު ކުރައްވައިގެނެވެ.
އެހެން މީހަކު ބުނެފައިވާ ގޮތުގައި އާސަންދަ ދިން ގޮތަށް ޓިކެޓް އަގު ދޫކޮށްލުމަކީ ވަރަށް ގެއްލުން ބޮޑު ކަމެވެ.
"އާސަންދަ ގޮތަށް ދޫކޮށްލުން މިއީ އެންމެ ރެސްޕޮންސިބަލް ގޮތްބާ؟ އެކަމަކު އަހަރެން ދެކެނީ މިއީ ރަނގަޅު އަގެއް ކަމަށް،" އަލީމްގެ ނަމުގައި ކޮމެންޓް ކޮށްފައިވާ މީހަކު ބުންޏެވެ.
ކޮންމެއަކަށް މޯލްޑިވިއަންއިން ޓިކެޓް އަގަށް ގެނައި ބަދަލާއެކު، ގިނަ ބަޔަކު ތިބީ ރުޅި ގަދަވެފަ އެވެ. އަދި އަނެއް ބަޔަކު ދަނީ ހަގީގަތުގައި މިވީ ގޮތަށް ނޭނގި ވާނުވާގައި ތިބެ ވާހަކަ ދައްކަމުންނެވެ.