އަގު ބޮޑު ރިސޯޓެއް ކަމަށްވާ، ގިލި ލަންކަން ފުށީގައި ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ރިސޯޓްގެ ބޮޑު ބައެއް އަނދައި ހުލިވެ އެ ރިސޯޓް ހުއްޓުމަކަށް އައިސްފި އެވެ. -- މި ނުރައްކާތެރި ބޮޑު ހާދިސާގައި ދިވެއްސަކަށް ވެސް ޓޫރިސްޓަކަށް ވެސް ގެއްލުމެއް ނުވެއެވެ.
ރޭ 9:30 އެހާކަންހާއިރު އެ ރިސޯޓްގެ މޫދު ކޮޓަރިއެއްގައި ހިފި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގޮސް ރިސޯޓްގެ އެތެރެއަށް ފެތުރި ރިސޯޓްގެ ބޮޑު ބައެއް ވަނީ އަނދައި ހުލިވެފަ އެވެ.
އެ ރިސޯޓްގެ، މާކެޓިން އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު، ޓަމީ ގޭން މިއަދު ހެނދުނު "އަވަސް" އަށް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގިއިރު 99 ގެސްޓުން ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އަލިފާން ހިފުމާއެކު އެ ހުރިހާ ގެސްޓުންނާއި ރިސޯޓްގެ މުވައްޒަފުން އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރި ކަމާއެކު އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބޮޑު ހާދިސާއަށް ފަހު ރިސޯޓްގެ އޮޕަރޭޝަން ހުއްޓާލައި، އިވެލުއޭޝަންތަކެއް ހަދަމުން އަންނަ ކަމަށް ވެސް ޓަމީ މިއަދު ވިދާޅުވި އެވެ.
"އެއްވެސް ގެސްޓަކަށް އަދި މުވައްޒަފަކަށް ވެސް ގެއްލުމެއް ނުލިބޭ. ރިސޯޓްގެ ހަރަދުގައި އެންމެން ރައްކާތެރި ތަންތަނަށް ވަނީ ބަދަލުކުރެވިފައި. މިވަގުތު މި ވަނީ ރިސޯޓްގެ އޮޕަރޭޝަންތައް ހުއްޓާލާފައި. އަޅުގަނޑުމެން ދެން އޮޕަރޭޝަން ފަށާނީ މިހާރު ކުރިއަށް މިދާ އިވެލުއޭޝަންތައް ނިމުނީމާ،" ކޮމިޔުނިކޭޝަންސް މެނޭޖަރު، ވިދާޅުވި އެވެ.
ގިލިލަންކަން ފުށީގައި ތިބި ޓޫރިސްޓުން ބަދަލު ކުރީ، އަދާރަން ސެލެކްޓް ހުދު ރަންފުށި ރިސޯޓަށާއި ކޮމޯ މާލި ފުށި ރިސޯޓް އަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، "އަވަސް"އަށް ވިދާޅުވީ ރޭގައި ހިނގި އަލިފާންގަނޑު ރަށު ތެރެއަށް ވެސް ފެތުރި ޖުމްލަ ހަތް މޫދު ކޮޓަރި އަނދައިގެން ދިޔަ ކަމަށެވެ. އަދި މޫދު ކައިރީ ހުންނަ ރިސޯޓްގެ ރެސްޓޯރަންޓްގެ ބޮޑު ބައެއް ވެސް އަނދައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. ރިސޯޓްގެ ބޮޑު ބައެއް، އަނދައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަލިފާންގަނޑު ނިންވާލެވުނީ ފަތިހު 5:30 އެހާއިރު. މިހާރު އަޅުގަނޑުމެން މި އަންނަނީ ގެއްލުންތައް ބަލައި އެސެސްކުރަމުން. ރިސޯޓްގެ ބޮޑުބައި ވަނީ އަނދައިގެން ގޮސްފައި. އަލިފާން ހިފަން މެދުވެރިވި ސަބަބުން ފުލުހުންނާ ގުޅުގެން މިދަނީ ބަލަމުން،" އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
އެ ރިސޯޓްގެ، މާކެޓިން އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު، ޓަމީ ގޭން އިތުރަށް ވިދާޅުވި ގޮތުގައި ރިސޯޓަށް ލިބިފައި ހުރި ގެއްލުންތަކާއި އިތުރު މައުލޫމާތު ދޭން އެނގޭނީ މިހާރު ކުރިއަށް ދާ އިންސްޕެކްޝަންތައް ނިމުމުން އެވެ. ގިލިލަންކަން ފުށި ރިސޯޓަކީ ދުނިޔޭގެ އެންމެ މަގުބޫލް ރިސޯޓްތަކުގެ ތެރޭގައި ވެސް ހިމެނޭ ރިސޯޓެކެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އަދި އަގުވެސް ބޮޑު ވޯޓާ ވިލާ ހުންނަނީ ވެސް މި ރިސޯޓްގަ އެވެ.