ކުޅިވަރު

އޭޝިއަން ކަޕް: އިންޑިއާ ބަލިކުރަން ފަސޭހައެއް ނުވާނެ

އޭޝިއަން ކަޕުގައި އިންޑިއާ ބަލި ކުރަން އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެ ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު، ފަށާ އޭޝިއަން ކަޕުގައި އިންޑިއާ ހިމެނެނީ، މުބާރާތް ބާއްވާ ގައުމު އަރަބި އެމިރޭޓްސް އާއި ތައިލެންޑާއި ބްހްރެއިންއާ އެކު ގުރޫޕް 'އޭ' ގަ އެވެ. އެމިރޭޓްސްއަށް ދިއުމުގެ ކުރިން، އިންޑިއާ ވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ކުޅެފަ އެވެ.

ޗެތުރީ ބުނީ އެމެޗުތަކުން އިންޑިއާގެ ޓީމަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިއާ ހިމެނެނީ 97 ވަނައިގަ އެވެ. އެ ޓީމުން ވަނީ 76 ވަނައިގައި ހިމެނޭ ޗައިނާ އާ އެއްވަރު ކޮށްފަ އެވެ. އަދި ވަރުގަދަ އޮމާން އާ ވެސް އެއްވަރު ކުރި އެވެ. އެހެންނަމަވެސް އެންމެ ހައިރާން ކުރުވަނިވި މެޗަކީ ރޭންކުގެ ގޮތުން ދަށް ޓީމެއް ކަމަށްވާ އުރުދުން އަތުން 2-1 ވީ ބައްޔެވެ.

އިންޑިއާގެ ފުޓްބޯޅަ ތާރީހްގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހާސިލު ކޮށްފައިވާ، ޗެތުރީ ބުނީ، އިންޑިއާ ވިސްނާނީ މެޗަކަށް ފަހު މެޗަކުން ކަމަށާއި އެއްވެސް ޓީމަކަށް އިންޑިއާ ބަލި ކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

ޗެތުރީ އާއި ގޯލްކީޕަރު ގުރުޕްރީޓް ސިންހް ސަންދު ފިޔަވައި ދެން ތިބީ މުޅިން އޭޝިއަން ކަޕަށް އާ ކުޅުންތެރިންނެވެ. ޗެތުރީ ބުނީ މުޅި ސްކޮޑު އޮތީ ވަރުގަދަ ޗެލެންޖަކަށް ތައްޔާރަށް ކަމަށާއި ޓީމުގައި ވަރަށް ރަނގަޅު ރޫހެއް އުފެދިފައިވާ ކަމަށެވެ. މި އަހަރުގެ އޭޝިއަން ކަޕަކީ ޗެތުރީ ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މުބާރަތެވެ. އޭޝިއަން ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަނެ ކަމަށް 34 އަހަރުގެ ކުޅުންތެރިޔާ ވަނީ ކުރިން އިއުލާން ކޮށްފަ އެވެ.

އިންޑިއާގެ ކޯޗް ސްޓޭފަން ކޮންސްޓަންޓީން ބުނީ، 2011 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ވުރެ، އިންޑިއާގެ ނަތީޖާތައް މި އަހަރު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މުބާރާތުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.