އެންމެން ވެސް ބޭނުމީ ދުޅަހެޔޮ ސިއްހަތެކެވެ. އެންމެން ވެސް ބޭނުންވަނީ ބަރުދަން ލުއިކޮށްލައި ހިކޭށެވެ. ރީއްޗަށް ހަށިގަނޑުގެ ބައްޓަން ބަހައްޓާށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހެލިފެލިވެއުޅުމާއި ކަސްރަތުކުރުމުގެ އިތުރުން ފައިދާހުރި ކާނާ ކެއުންވެސް ހަށިގަނޑަށް އެހާމެ މުހިއްމު ވެއެވެ.
ފިޓްނަސް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަށިގަނޑު ލުއި ކުރުމުގައި ކަސްރަތަކީ 20 ޕަސެންޓެވެ. އަނެއް 80 ޕަސެންޓަކީ ޑައެޓެވެ. ހަށިގަނޑު ލުއި ކުރުމަށާއި ދުޅަހެޔޮ ކުރުމަށް "ސުޕަފުޑްސް" ތަކެއް ހުރެ އެވެ.
ސުޕަ ފުޑަކީ ކޮބައި ހެއްޔެވެ؟ ސުޕަ ފުޑަކީ މަދު ކެލަރީ ހިމެނޭ އެ ކަމަކު އެ ކާނާއެއްގައި ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނަރަލްގެ އިތުރުން ނިއުޓިރިއެންޓްސް ގިނައިން އެކުލެވޭ ކާނާ އެވެ. ސުޕަ ފުޑްސް ތަކުގެ ތެރެއިން ކީންވާ އާއި ސްޕިނޭޗް އާއި ކޭލް އާއި އޯޓްސް އާއި ބްލޫބެރީ މިއީ އޭގައި ހަށިގަނޑަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ބާވަތްތަކެކެވެ.
ކީންވާ
ކީންވާއަކީ ދުނިޔޭގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ސުޕަ ފުޑެކެވެ. ރާއްޖޭގެ ސުޕަމާކެޓްތަކުގެ ހަރުތަކުންނާއި ކެފޭ ތަކުން ވެސް މިހާރު ކީންވާ އިން ތައްޔާރުކޮށްފައިވާ ސެލެޑް މަދުން ނަމަވެސް ފެނެ އެވެ. ކީންވާ އާއްމުކޮށް ބޭނުން ކުރަނީ ފެނު ކައްކައި އެއަށް ތަފާތު ތަރުކާރީ އާއި މޭވާ އަޅައިގެން ސެލެޑް ހަދާށެވެ.
ކީންވާގެ ސިއްހީ ފައިދާއަށް ބަލާއިރު މިއީ ބަރުދަން ލުއި ކުރުމާއި މެޓަބޮލިޒަމް އަވަސް ކުރުމަށް އެހީތެރިވެ ދެއެވެ. މީގެ އިތުރުން ކީންވާއަކީ ހަށިގަނޑުގެ ބްލަޑް ގުލްކޯސް މިންތައް ވެސް ރެގިއުލޭޓްކޮށްދޭ އެއްޗެކެވެ.
ކީންވާގައި ފައިބަ، މިނަރަލް އަދި އެންޓި އޮކްސިޑެންޓް މަތިވެ ހުރިހާ އެމައިނޯ އެސިޑެއް އެކުލެވިގެންވާތީ މިއީ އެންމެ ސިއްހަތަށް ފައިދާހުރި ކާނާ ކަމުގައިވެސް ބުނެވިދާނެ އެވެ. ތައްޔާރު ކުރުމަށް ފަސޭހަވުމުގެ އިތުރުން މިއީ ގްލޫޓެން ފްރީ އެއްޗެކެވެ.
ސްޕިނޭޗް އަދި ކޭލް
ސްޕިނޭޗް އަދި ކޭލް މި ދެ ފަތަކީ ވެސް ހަށިގަނޑަށް ގިނަ ފައިދާތަކެއް އެކުލެވޭ، ސުޕަ ފުޑްސް ގެ ތެރޭގައި ހިމެނޭ ދެ ފަތެވެ. ދިވެހިންގެ ތެރެގައި ސްޕިނޭޗް އާއްމުކޮށް ބޭނުން ކޮށް އުޅެ އެވެ. ނަމަވެސް ކޭލް އަދި އެހާ އެހާއެއް ނޫނެވެ. އާއްމެއް ވެސް ނޫނެވެ. ސްޕިނޭޗް އާއި އެއްގޮތަށް ހެނދުނުގެ ނާސްތާއަށް ބިސްގަނޑު އަޅަން ކޭލް ބޭނުން ކުރެވިދާނެ އެވެ.
މީގެ އިތުރުން ދިވެހިން މި ތައްޔާރުކުރާ މަސްހުނި ހެދުމުގައި ވެސް ސްޕިނޭޗް އާއި ކޭލް ބޭނުން ކުރެވިދާނެ އެވެ.
ސްޕިނޭޗް އާއި ކޭލް ގެ ސިއްހީ ފައިދާތަކަށް ބަލާއިރު ސްޕިނޭޗް އަކީ ނުކައި ދޫކޮށްލެވޭވަރުގެ ފަތެއް ނޫނެވެ. މީއީ ގައިގެ ހަންގަނޑު، ބޮލުގެ އިސްތަށިގަނޑު އަދި މީހާގެ ގައިގެ ކަށިތަކަށް ވެސް ގިނަ ފައިދާތަކެއް ކުރާ ފަތެކެވެ. ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ވަރަށް ގިނައިން އޭގައި އެކުލެވިގެންވާ ފަތެކެވެ.
ކޭލްގައި ވިޓަމިން ކޭ ވަރަށް ގިނަ މިންވަރަކަށް އެކުލެވިގެން ވެއެވެ. އަދި ޕޮޓޭސިއަމް މާއްދާ ކޭލްގައި ގިނަވުމުގެ ސަބަބުން ހިތުގެ ބަލިތަކުން މީހާ ރައްކާތެރި ކޮށްދެ އެވެ. ގިނަ ކޭލްގައި ހުންނަ ފައިބަ އަދި އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަކުރު ބައްޔާއި ދުރުކޮށް ދެއެވެ.
އޯޓްސް
ދިވެހިންގެ ސުފުރާ މަތީގައި ވެސް މިހާރު އޯޓްސް އަންނަނީ މަގުބޫލުވަމުންނެވެ. އޯޓްސް އަކީ މާބޮޑު މަސައްކަތަކާ ނުލައި ތައްޔާރު ކޮށްލެވޭ ފަސޭހަ އެއްޗެކެވެ. އެހެންވެ މިއީ ނުކައި ދޫކޮށްލާވަރު އެއްޗެއް ނޫނެވެ. އޯޓްސް އަކީ ފޮނިކޮށް އަދި ކުޅިކޮށް ވެސް ތައްޔާރު ކުރެވޭނެ އެއްޗެކެވެ. ދިވެހި ރަހަތަށް ހިމަނައިގެން ބޯކިބާ ފަދަތަކެތި އޯޓްސް އިން ތައްޔާރު ކުރެވިދާނެ އެވެ. ނުބައެއް ނުވާނެ އެވެ.
އޯޓްސް ގެ ސިއްހީ ފައިދާތަކަށް ބަލާއިރު ގަވާއިދުން އޯޓްސް ބޭނުން ކުރާނަމަ ބަރުދަން ލުއިވުން ހަށިގަނޑުގެ ބްލަޑް ޝުގާ ދަށްކޮށް ދިނުމުގެ އިތުރުން ހިތުގެ ބައްޔާއި ކޮލެސްޓްރޯލް އިން ރައްކާތެރި ކޮށްދެ އެވެ.
ބްލޫބެރީ
މިއީ ހަށިގަނޑަށް ބޭނުންވާ ގިނަ އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ މޭވާއެކެވެ. ރާއްޖޭގެ ސުޕަމާކެޓްތަކުގަ އާއި މޭވަ ވިއްކާ ފިހާރަތަކުގައި މި މޭވާ ލިބެން ހުންނައިރު މީގެ އަގު ބޮޑުކަން ވެސް ފާހަގަ ކުރެވެ އެވެ. އެހެންކަމުން މި މޭވާގެ ފައިދާ ހޯދަން ފިނިކުރި ނުވަތަ ފްރޯޒަން ބްލޫ ބެރީސް ބޭނުން ކުރުން ރަނގަޅު ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ފްރޯޒަން ބުލޫބެރީސް ބޭނުން ކޮށްގެން ތަފާތު ސްމޫތީ ތައްޔާރު ކުރެވިދާނެ އެވެ. އަދި އޯޓްސް އާއި ޕޭންކޭކް ފަދަ ތަކެތި ތައްޔާރުކުރުމުގައި ވެސް ބްލޫބެރީ ބޭނުން ކުރެވިދާނެ އެވެ.
ބުލޫބެރީގެ ސިއްހީ ފައިދާތަކަށް ބަލާއިރު މި މޭވާގައި އެންޓި އެކްސިޑެންޓް ގިނަވުމުގެ ސަބަބުން ކެންސަރު ފަދަ ބަލިތަކުން ރައްކާތެރި ކޮށްދެ އެވެ. އަދި ގަވާއިދުން ބުލޫބެރީ ބޭނުން ކުރާނަމަ ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.