ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގެ ތަރައްގީއަށް ސްރީލަންކާ މުހިންމު: ރައީސް

ރާއްޖެ ތަރައްގީގެ މަގުގައި ކުރި އަރައި ދިޔުމަށް ސްރިލަންކާ އާއެކު އޮންނަށް އެކުވެރިކަން މުހިންމުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސްރިލަންކާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މޭޖާ ޖެނެރަލް (ރިޓަޔާޑް) ތޮރަޑެނިޔަ އާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ އާއި ސްރިލަންކާއާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާތާ މިހާރު 54 އަހަރުވީ އިރު، ރާއްޖޭގެ ތަރައްގީއަށް ސްރިލަންކާއެކު އޮންނަށް ޒަމާންވީ އެކުވެރިކަން އެގޮތުގައި ދެމެހެއްޓުން ވަރަށް މުހިންމު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސްރިލަންކާ ސަރުކާރުގެ އިތުރުން ރާއްޖޭގައި ދިރިއުޅެމުންދާ 10،000 އާ ގާތްކުރާ ލަންކާގެ ރައްޔިތުންވެސް ރާއްޖޭގެ ތަރައްގީއަށް މުހިންމުވެ އެވެ.

މި ބައްދަލުވުމުގައި ސްރިލަންކާ ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، އެ ގައުމުގެ ރައްޔިތުންގެ މެދުގައި ރާއްޖެއަކީ ވަޒީފާ އަދާކޮށް ދިރިއުޅުން ބިނާ ކުރުމަށް ވަރަށް މަޝްހޫރު ތަނަކަށް ވެފައިވާ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ތައުރީފު ކުރައްވާ ސްރިލަންކާ ސަފީރު ވިދާޅުވީ، ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމުން ދިވެހި ރައްޔިތުންގެ އަޒުމް ވަރުގަދަކަން ހާމަ ވެގެންދާކަމަށެވެ.