ހަބަރު

ގޮވުމުގެ ދެވަނަ ވީޑިއޯ ތަހުގީގު ކުރުމާމެދު ޕީޖީގެ ލަފާ ހޯދަނީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން ދަތުރު ކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވާ ދެވަނަ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން އެ ވީޑިއޯ ތަހުގީގު ކުރުމާއި މެދު ޕީޖީގެ ލަފައެއް ހޯދަން ނިންމާފައިވާކަމަށް އެކްޓިން ކޮމިޝަން އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ ހަމީދު ވިދާޅުވީ، ފިނިފެންމާގައި އެއްޗެއް ގޮވި ހާދިސާއާއި ގުޅޭ ދެ ވީޑިއޯއެއް ދައުރުވަމުންދާ ކަމަށާއި، އެދެވީޑިއޯއާއި ގުޅިގެން ދެކެވޭ ވާހަކަތައް ބަލައި އެ ވީޑިއޯ ތަހުގީގު ކުރުމާއި މެދު ޕީޖީގެ ލަފައަކަށް އެދޭނެ ކަމަށެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ދުވަހު ރައީސް އޮފީހުން އާންމުކުރި ވީޑިއޯ އިން އަލިފާން ފެނެއެެވެ. އެހެން ނަަމަވެސް އޭރު ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް މުއާޒު އަލީ ވަނީ އެ ވީޑިއޯ އަކީ އެޑިޓެއް ކަމަށް ބެލެވޭ ކަމަށާއި އަލިފާން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން "ސަންގު ޓީވީ" އިން ވަނީ އެ ވީޑިއޯގެ ރޯ ފޫޓޭޖް ކަމަށްބުނާ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން އަލިފާނުގެ އަސަރު އެެއްވެސް ވަރަކަށް ނުފެނެއެވެ. އެހެން ނަމަވެސް ދުން އަރާތަން ފެނުނެވެ.

އެކާމާއި ގުޅިގެން ކޮމިޝަނާ ހަމީދު ވިދާޅުވީ، އެމައްސަލައަކީ ތަހުގީގު ނިމި، ދައުވާވެސް ކޮށްފައިވާ މައްސަލައަކަށްވުމުން އެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް ޕީޖީގެ ފަރާތުން ލަފައެއް ނުވަތަ ޝަރިޢަތުން ޢަމުރުކޮށްފިނަމަ އެ މައްސަލަ ބެލުމަށް ފުލުހުން ތިބީ ތައްޔާރަށްކަމަށެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އިތުރުބައެއްގެ މައްޗަށް ދައުވާކޮށް ވަނީ ހުކުމްވެސް އިއްވާފަ އެވެ.