ހޮލީވުޑް

ޕްރިޔަންކާގެ "އިޒްންޓް އިޓް ރޮމޭންޓިކް" އަންނަ މަހު

ޕްރިޔަންކާ ޗޯޕްރާ ހިންދީ ސިނަމާގެ އެންމެ ކުރިއަށް އެރުމަށްފަހު، މިހާރު އަންނަނީ ހޮލީވުޑްގައި ވެސް ފައި ހަމަ ކުރަމުންނެވެ. ހޮލީވުޑްގެ މަޝްހޫރު ތަރިންނާއެކު ކުޅުނު "ބޭވޮޗް" ފިލްމަށްފަހު، އާ ފިލްމު "އިޒްންޓް އިޓް ރޮމޭންޓިކް" އަންނަ މަހު ރިލީޒް ކުރާނެ އެވެ.

ވެލަންޓައިންސް ޑޭ އާ ދިމާކޮށް، ލޯބި އަދި މަޖާ ޖޯންރާއަކަށް ނެރޭ މި ފިލްމުގައި ޕްރިޔަންކާ ފެނިގެންދާނީ މައިލީ ސައިރަސް އާ ދާދި ފަހުން ކައިވެނި ކުރި ލިއަމް ހެމްސްވޯތް އާއި ރެބެލް ވިލްސަން އާއެކު އެވެ. މިދިޔަ އަހަރު ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމަށްފަހު، ފިލްމުގެ އާ ޕޯސްޓަރެއް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

ފިލްމުގެ މައިގަނޑު ތަރިންތައް މި ޕޯސްޓަރުން ފެނިގެންދާއިރު، ކޮންމެ ކެރެކްޓާއެއް ވެސް ފެންނަނީ ތަފާތު ގޮތަކަށެވެ. ލިއަމް އާއި ރެބެލް މަޖާ ޖޮތަކަށް ހުއްޓިގެން ހުންނައިރު، ޕްރިޔަންކާ ހުންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ފިލްމުގެ ޕޯސްޓަރުގައި މާ ބޮޑު ކަންތައްގަނޑެއް ނުދެއްކުވިއަސް މި ފިލްމަކީ ގިނަ ބަޔަކު ލޯބީގައި ޖައްސާނެ ފިލްމަކަށް ވާނެ ކަމަށް، ފިލްމުގެ ޓީމުން މީގެކުރިން ވަނީ ބުނެފަ އެވެ.

މިއީ ލޯބީގެ ފިލްމަކަށް ވާއިރު، ޕްރިޔަންކާ އާއި ލިއަމް ދާދި ފަހުން ކައިވެނި ކުރުމުން، ދެން އޮތް ކައިވެންޏަކީ ފިލްމުގައި މި ދެތަރިންނާއެކު ފެންނަ ރެބެލްގެ ކަމަށް ބުންޏެވެ. ފިލްމުގެ ކާސްޓަކީ ފިލްމު ފަދައިން "ރޮމޭންޓިކް" ކާސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކޮމެންޓުތައް ކުރަމުންނެވެ.

ޓޮޑް ގާނާ އާއި ޖީނާ މެތިއުސް ޕްރޮޑިއުސްކޮށް ޓޮޑް ސްޓްރައުސް ޑައިރެކްޓުކުރާ މި ފިލްމު ރިލީޒް ކުރާނީ ފެބްރުއަރީ 14 ގަ އެވެ.