ދިވެހި ސިނަމާ

ކުލަގަދަ ހަފުލާއަކާއެކު "ނިވައިރޯޅި" އޮލިމްޕަހަށް!

ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި" ރޭ ބޭއްވި ރެޑް ކާޕެޓް އިވެންޓަށްފަހު، އޮލިމްޕަހުގައި އަޅުވައިފި އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި 24 އަހަރު އޭނާގެ ކުޅަދާނަކަން ކެމެރާ ކުރިމަތީ ދެއްކުމަށްފަހު، ނިއުމާގެ ވަދާއީ ފިލްމު އަޅުވަން ރޭ ވަނީ ކުލަގަދަ ހަފްލާއެއް ވެސް ބާއްވާފަ އެވެ. މި ހަފްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވުމަށް ދައުވަތު ދެވުނު ވާހަކަ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރަމުން ނަޝީދު ވިދާޅުވީ "ނިއުމާގެ ފިލްމު ނިވައިރޯޅި ޕްރިމިއާ ކުރުމުގެ ހަފްލާގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފާވެރި ކަމެއް. ޝުކުރިއްޔާ ނިއުމާ".

"ނިވައިރޯޅި" އަކީ "ހެޕީ ބާތުޑޭ" އާއި "ލޫދިފާ" ފަދަ އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭ ފިލްމްތައް ގެނެސްދީފައިވާ ޑައިރެކްޓަރު މޫމިން ފުއާދުގެ، މޫމިން ސްޓައިލުގައި ނެރޭނެ ފިލްމެއްކަން ޓްރެއިލާއިންވެސް އެނގުނެވެ. ސްކްރިޕްޓާއި ޑައިރެކްޝަންގެ މަސައްކަތްތައް މޫމިން ކޮށްފައިވާއިރު، މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ރ. އިނގުރައިދޫ އާއި މާލޭގައި އެވެ.

ފިލްމު "ނިވައިރޯޅި" އަކީ ނިއުމާގެ ވަދާއީ ފިލްމަށް ވާއިރު، މި ފިލްމާއެކީ ނިއުމާގެ ބައޯގްރަފީ އެއް ނެރޭނެކަންވެސް މީގެ ކުރިންވަނީ އިއުލާންކޮށްފަ އެވެ. "މައި ސްޓޯރީ" ގެ ނަމުގައި ނިއުމާ އެ ފޮތް ލިޔަނީ ލިޔުންތެރިޔާ އަހްމަދު ޒަރީރު އާ ގުޅިގެންނެވެ.

ނިއުމާއާއިއެކު "ނިވައިރޯޅި"ގެ ކާސްޓުގައި ޔޫއްޕެ، ފާތިމަތު ޒީނަތު، އަމިނަތު ރިޝްފާ، އަހްމަދު އަޒްމީލް (އަޒޭ)، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، ނާޝިދާ މުހައްމަދު (ނާއްކޮ)، އާމިނަތު ނިފާ ރަޝީދު، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އަދި އަޖްނާޒް އަލީ ހިމެނެ އެވެ.

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު ރޭ އޮލިމްޕަހުގައި އަޅުވާފައިވާއިރު، ޕްރިމިއާ ނައިޓަށް ރާއްޖޭގެ މަޝްހޫރު ތަރިންނަށް ވަނީ ދައުވަތު ދެވިފަ އެވެ.