ސިޔާސީ މަގާމްތަކުގައި ތިއްބަވާ މުއައްޒަފުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދޭ ހަދިޔާތައް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލު ކުރަން ޖެހޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
ދެހާސް ބާރަ ވަނަ އަހަރު އަމަލު ކުރަން ފެށި، "ސިޔާސީ މުއައްޒަފުންގެ ގޮތުގައި ރައިސުލްޖުމްހޫރިޔާ އަައްޔަން ކުރާ މުއައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލު"ގެ ތިން ވަނަ މާއްދާގެ ދ އާއި ނުވަ ވަނަ ނަމްބަރާއި 13 ވަނަ ނަމްބަރުގެ ހ އިސްލާހުކޮށް މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ. އެ އުސޫލުގެ ދ ގައި ބުނެފައި ވަނީ ސިޔާސީ މުއައްޒަފުން މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި، މުއައްޒަފެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ސުވާޅު އުފެދިދާނެ ގޮތަކަށް އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށެވެ.
އެގޮތުން ދައުލަތާ ގުޅިގެން ކަމެއް ކުރާ، ނުވަތަ ކަމެއް ކުރަން އުޅޭ މީހަކު އެކަމާ ބެހޭ ދައުލަތުގެ މުއައްޒަފަކަށް ނުވަތަ އެ މީހެއްގެ އަނބަކަށް ނޫނީ ފިރިއަކަށް ހަދިޔާއެއްގެ ގޮތުގައި އެއްވެސް ލިބިއްޖެ ނަމަ ލަސްނުކޮށް އޭސީސީއަށް އެ އެއްޗެއް ހަވާލު ކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ. އެފަދަ ހަދިޔާއެއް ދިނުމަަށް މީހަކު ހުށަހަޅައިފި ނަމަ އެކަމެއް އޭސީސީއަށް އަންގަން ވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
އަލަށް ގެނައި އިސްލާހާއެކު އެ ގަވައިދުގެ 13 ވަނަ މާއްދާގެ ހ. ގައިވާ ގޮތުން އެއްވެސް ފަރާތަކަށް އެނގުމަކާ ނުލާ، ޗުއްޓީ އާއި ސަލާން ބުނެފި ނަމަ ހާޒިރު ނުވެ ހުންނަ ދުވަސްތަކަށް މުސާރައެއް ނުލިބޭނެ އެވެ. އޭގެ އިތުރުން 30 ދުވަހުގެ ޗުއްޓީ ހަމަވެފައިވީ ނަމަވެސް އާއިލީ ކަމެއް ދިމާވެއްޖެ ނަމަ އޮފީހެއްގެ އޮންނަ އުސޫލެއްގެ މަތިން މުސާރަ ނުލިބޭ ޗުއްޓީ ދެވިދާނެ ކަމަށް ނުވަ ވަނަ މާއްދަގެ ހ ގެ ހަތް ވަނަ ނަމްބަރުގައި ބުނެފައިވެ އެވެ.