ހަބަރު

އެއްބަސްވުން އާކޮށް ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި

ދެ ހެލިކޮޕްޓަރު ހަދިޔާ ކުރުމުގައި ރާއްޖެ އާއި އިންޑިޔާ ދެމެދު އޮތް އެއްބަސްވުން އާ ކުރުމަށް ފަހު ހެލިކޮޕްޓަރު ބޭނުން ކުރަން އަލުން ފަށައިފި އެވެ.

އައްޑޫ އަދި ލ. އަތޮޅުގައި އޮންނަ އިންޑިއާގެ ދެ ހެލިކަޕްޓަރު މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަނބުރާ ގެންދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގި އެވެ. އަދި އެއާއެކު އެ ހެލިކޮޕްޓަރުތައް އޮޕަރޭޓު ކުރާ އިންަޑިޔާ ސިފައިން ވެސް ރާއްޖެއިން ފޮނުވާލުމަށް ސަރުކާރުން އޭރު ވަނީ އަންގައިފަ އެވެ. އިންޑިޔާގެ ނޫސްތަކަށް ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައި ވަނީ ރާއްޖެއިން ހެލިކޮޕްޓަރު ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ސާވައިލަންސް އެއާކްރާފްޓެއް ކަމަށެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ހެލިކޮޕްޓަރުތައް ބޭނުން ކުރަން ނިންމައިފަ އެވެ. އެގޮތުން އެމްއެންޑީއެފް އިން ރޭ ކުރި ޓްވީޓެއްގައި ބުނީ ވައިގެ މަތިން މެޑިކަލް އިވެކިއޭޝަންތަކާއި ސާޗް އެންޑް ރެސްކިއުގެ އޮޕަރޭޝަންތައް ހިންގުމަށް އިންޑިޔާގެ ހެލިކޮޕްޓަރުތައް ބޭނުން ކުރަން އަލުން ފަށާފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އެ ގައުމާ ދެމެދު އޮތް އެއްބަސްވުން ވެސް އާކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ކުރި ޓްވީޓް

މީގެކުރިން އެކި ފަހަރުމަތިން އާންމުވި މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި ކޮންމެ ހެލިކޮޕްޓަރަކާ އެކު ޓެކްނީޝަނުންގެ ގޮތުގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖެ އައިސް ތިބޭތީ ރައީސް ޔާމީންގެ ސަރުކާރުން އެކަމާ މެދު ވަނީ ކަންބޮޑުވި އެވެ. އެގޮތުން ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރާއެކު 40 އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރަށް ކޮމާންޑު ކުރަނީ އިންޑިޔާއިން ކަމަށާއި ހަދިޔާއެއް ވިޔަސް ދިވެހި ސިފައިންނަށް އެއްވެސް ބާރެއް ނުފޯރުވޭ ކަމަށެވެ. ކުރިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރު ދުއްވަން ދިވެހި ސިފައިން ތަމްރީން ކުރުމުގެ މަސައްކަތް އިންޑިޔާ އިން ކުރަން ޖެހެ އެވެ. އެއަށް ފަހު ހެލިކޮޕްޓަރު ދުއްވަން ޖެހޭނީ ދިވެހިންނެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް އެއްވެސް ސިފައިންގެ މީހަކު އެއަށް ތަމްރީންކޮށްފައި ނުވާ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.