ލައިފްސްޓައިލް

ޝަމްބެގެ "ފަތިސް ޕީޕަލް" ޕާޓީ އުފެދެނީ!

އިރުގެ ރީތި އަލި ކޮޓަރީގެ ތެރެއަށް ވަނުމުގެ ކުރިން ހުސައިން ޝަމީމް ހުންނަވަނީ ހޭލައި ކޮޅަށް ތެދުވެ އެވެ. ދުވާލުގެ ދޯދިތައް ތެދުވެ ޝަމީމްގެ ގައިގައި ބައްދައިގަންނަ އިރު އަވަދިނެތި އުޅުއްވާނީ އޭނާގެ ދުވަހުގެ ޝެޑިއުލް އެކުލަވައިލުމުގަ އެވެ. މި ދެވުނީ ޓްވިޓާގައި އަޑުގަދަ ކޮށްލައިގެން އުޅޭ "ފަތިސް ޕީޕަލް" ގެ ފަހަތުގައި ހުންނެވި މަޝްހޫރު ގާނޫނީ ވަކީލް ތައާރަފެއް ނޫނެވެ. އެކަމަކު ފާޑެއްގެ ތައާރަފެކެވެ. ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް، ޝަމީމަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އަޒުހަރު ޔުނިވާސިޓީގެ ދަރިވަރެކެވެ. ދިވެހި ރާއްޖޭހެ ދުސްތޫރީ ހަޔާތުގައި ވަރަށް ބޮޑު ހިއްސާދާރެކެވެ. އާ ގާނޫނުލް އުގޫބާތަށް ދިވެހި ހޭލެއްވުމަށް އާދަޔާހިލާފު ދަތުރެއް ރާއްޖެގެ އުތުރުން ދެކުނަށް އޭނާ ކުރެއްވެވި އެވެ. "ގާނޫނުލް އުގޫބާތު" އެ ނަމުން ބައެއް މީހުނަށް "ހުސައިން ޝަމީމް" ސިފަވަނީ އެހެންވެގެނެވެ. ޝަމީމަކީ އިލްމާއި މާއުލޫމާތުގެ ރޮނގުގުގައި ހުޅުވާލެވިފައިވާ ވަރަށް ބޯ ފޮތެކެވެ.

ގޮތް ފޮތާއި ފާޑަށް ބަލާއިރު ޝަމީމްގެ ލައިފްސްޓައިލަކީ އެހެން މީހުނާ މުޅީން ހިލާފު، އާދަޔާތަފާތު ލައިފްސްޓައިލެކެވެ. އޭނާ އަމިއްލަފުޅަށް އޭނާ ސިފަ ކުރައްވަނީ ވެސް އެހެން މީހުން ނަފުސު ސިފަ ކުރާ ގޮތަކަށް ނޫނެވެ. ކޮންމެ ތާކުން ކޮންމެ މީހަކަ ބައްދަލުވެ ވަޑައިގެންނެވި ނަމަވެސް ޝަމީމް އޭނާގެ ވާހަކަ ފައްޓަވަން ފުރަތަމަ ވިދާޅުވާނީ "މަށަކީ ވަރަށް އެހެން ފާޑެއްގެ މީހެކޭ" އެވެ. އަދި ބައެއް ފަހަރަށް "މިއުޅޭ ސިޔާސީ މީހުނަށް އަހަރެން ކަމުނުދަނީ އެހެންވެގެނޭ" ވެސް ވިދާޅުވާނެ އެވެ.

މިހާ ހިސާބުން ޝަމީމްގެ ބަދަލުގައި ގާތްކޮށްލަން ޝަމްބެ ކިޔާމާ ހިނގާށެވެ. ޝަމީމްގެ ގާތް މީހުން ކިޔައި އުޅޭނީ ޝަމްބެ އެވެ. މީހުން ވަރަށް ގިނަ ކަންކަން ރާވާފައި އޮންނާނީ މެންދުރަށް ނޫނީ މެންދުރު ފަހަށެވެ. އެކަމަކު ޝަމްބެގެ ދުވަހުގެ ޕްލޭނާއި ޝެޑިއުލް ރާވާފައި އޮންނަ ގޮތުން މެންދުރުފަހަކަށް ކަމެއް ނޯވެ އެވެ. އިރު މެދު ޖެހުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމެ އެވެ. ރަށަށް އިރު އެރުމުގެ ކުރިން ފަތިސް ފަތިހާ ހޭލަ އެވެ. ފަތިސް ނަމާދަށް ފަހު ކޮންމެ ދުވަހަކު ވެސް ބައިގަޑި އިރު ޝަމްބެ ހޭދަ ކުރައްވަނީ ކޮންމެވެސް އިލްމީ ފޮތެއް ވިދާޅުވުމުގަ އެވެ. އޭގެ ފަހަށް އޭނާ ވިއްސަކަށް މިނެޓް ދެއްވަނީ ނޫސް ބައްލަވާށެވެ.

ހެނދުނު 7:30 ވުމުގެ ކުރިޔަށް އެ ދުވަހަކަށް ކުރަން ހުރި ކަންކަމުގެ ލިސްޓެއް ހަދައި، މީޓިންތައް ރާވާލުމާއެކު ބަރާބަރު 7:30 ން 9:00 އަށް ފުންމާލާނީ މޫދަށެވެ. މޫދުގައި ފެތުމަކީ ޝަމްބެ އެންމެ ޝައުގުވެރިވާ ކަންތަކެވެ. ހަމަ ކޮންމެ ދުވަހެއްގެ ވެސް އެ ވަގުތު ހާއްސަކޮށްފައިވަނީ ފެތުމަށެވެ. ފެތުމަށްފަހު ނާސްތާ ނައިގެން އޭނާ ދަނީ މަސައްކަތަށެވެ. ކޮންމެވެސް ކަމެއް ދިމާވެގެން ފެތުން ކެންސަލްވެއްޖެނަމަ އެދުވަހަކު ރިހާކުރާ ހުނި ރޮށީގެ ނާސްތާއިން އޭނާ ބައްދަލު ކުރައްވަނީ އެކުވެރި ނޫސްވެރިޔާ މުންޑޫ އާދަމްހަލީމާ އެވެ.

ޝަމްބެ ވިދާޅުވާ ގޮތުގައި އެގޮތަށް ދުވަސް ރާވާލުމުން މެންދުރުފަހުން ކުރާނެ މަސައްކަތެއް ނޯވެ، ފްރީވެލެވެ އެވެ. މަސައްކަތްތައް ނިންމާލައި އާރާމް ކޮށްލުމަށްފަހު ހަވީރު 5:00 ން 6:00 އަށް އެއީ އޭނާ ކަސްރަތު ކުރާ ގަޑި އެވެ. އެ ގަޑިއަށްފަހު ވަރަށް މުހިންމު ކަމެއް ދިމާވެގެން ނޫނިއްޔާ އެ ރެއަކު ދެން ޝަމްބެ ގެއިން ބޭރަށް ވަޑައެއް ނުގަންނަވަ އެވެ. އަވަހަށް ނިދި ކުރައްވަނީ އެވެ.

މިއީ ދިވެހި ގިނަ ޒުވާނުންގެ ލައިފްސްޓައިލާ މުޅިން ތަފާތު ލައިފްސްޓައިލެކެވެ. ޝަމްބެ ބޭނުންފުޅު ވަނީ އެހެން މީހުން ވެސް އޭގެ ލައިފްސްޓައިލް އިހްތިޔާރު ކުރާށެވެ. ދުޅަ ހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް އެހެންވާން ހިތްވަރު ދޭށެވެ. ޒުވާނުން މިހާރު އެއްވެ އުޅޭ ޓްވިޓާގައި "ފަތިސް ޕީޕަލް" ގެ ނަމުގައި ހޭޝްޓެގެއް ޝަމްބެ ޖެއްސެވީ އެހެންވެގެނެވެ.

އޭނާގެ އެ ހޭޝްޓެގާއެކު، ފަތިސް ގަޑީ އޭނާގެ ބައެއް ހަރަކާތްތައް ޓްވީޓާގައި ހިއްސާ ކުރެ އެވެ. އަދި ބައެއް އާންމު މައުލޫމާތުތައް ވެސް ބަންޑުން ކޮށްލަ އެވެ. ޝަމްބެއަކީ އާންމު މައުލޫމާތާއި ދީނީ އަދިި ގާނޫނީ މައުލޫމާތުގެ އޮއި ދެމޭ ކޯރެކެވެ. ދެ ކަނޑު އެއްކޮށްލައްވައިގެން ހުންނެވި ބޭފުޅެކެވެ. -- ދެ ކަނޑު އެއްކޮށްލައްވައިގެން ހުންނެވުމަކީ އިނގިރޭސި އަރަބި ބަސް މޮޅަށް ދެނެ ވަޑައިގަތުމެވެ.

ޝަމްބެގެ ގޮތް ފާޑާއި އޭނާގެ ސަމާސާ ޑައިލޯގާއި ލައިފް ސްޓައިލަށް ވަރަށް ގިނަ ބަޔަކު ގަޔާވެ ފާރަލަ އެވެ. އަދި ބައެއް މީހުންނަށް ޝަމްބެ ވެފައި ވަނީ ފަތިސް ފަތިހާ ހޭލާން ހިތްވަރުދޭ "އެލާމް ގަޑި" އަކަށެވެ.

މި އާ އަހަރާއެކު ޝަމްބެގެ ހޭޝްޓެގް ވަރަށް ގިނަ މީހުން ބޭނުން ކުރަން ފަށައިފި އެވެ. އޭގެ ތެރޭގައި އާ ކަމެއް ފެންނަ އިރަށް ހިފައިގަތް މީހުން ވެސް އުޅެ އެވެ. ޝަމްބެ ބުނާ ގޮތުގައި ފަތިހު ހޭލައިގެން ތެދުވެ އުޅޭ މީހުނަށް އޭނާގެ އާ ފެށުން ވަރަށް ޝައުގުވެރި އެވެ. ބައެއް މީހުން ފަތިހާ ހޭލަން ބޭނުންވާތީ އެކަމަށް ކުރަން ޖެހޭނީ ކޮން ކަމެއްތޯ އޮޅުން ފިލުވަން ޝަމްބެގެ ފޯނަށާއިި އެކި ގޮތްތަކަށް މެސެޖްތައް ފޮނުވަ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އެއީ މާ އުނދަގޫ ކަމެއް ނޫނެވެ. ބޭނުން ވަނީ ކުޑަ ކުޑަ ހިތްވަރެކެވެ. ހިތްވަރާއެކު އެއް ގޮތަކަށް 12 ހަފުތާ ވަންދެން މަސައްކަތްކޮށްފިނަމަ، ހެބިޓަކަށް އެކަމެއް ބަދަލުވާނެ އެވެ. އޭރަށް އެއްވެސް އުނދަގުލެއް ނެތި ފަތިހު ހޭލައިގެން މަސައްކަތްތައް ރާވާލައި މެންދު ނަމާދަށް ވާއިރަށް މަސައްކަތް ނިންމާލެވޭނެ އެވެ. ބައެއް ފަހަރަށް މަސައްކަތްތައް ހުންނަ ގޮތުން ކަންކަން ފާލުން ނެއްޓިގެންދާ ގޮތެއް ވިޔަސް އަދި ބައެއް މަސައްކަތުގެ ޒާތުން ހުރިހާ ކަމެއް ނުނިމުނަސް ކަންކަން ހުންނާނީ ހަމަ މަގުގަ އެވެ. މިހާ ހުންނާނީ ހަމަޖެހިފަ އެވެ.

ޝަމްބެއަކީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މީހުންނަށް ހިތްވަރު ދެއްވާ ބޭފުޅެކެވެ. ދުވުމަށާއި ފެތުމަށް އޭނާގެ ހިތުގައި އޮންނަ ލޯބި އަބަދު ހާމަކުރެ އެވެ. މި "ފަތިސް ޕީޕަލް" އަކީ އޭނާގެ އާ ކަމެކެވެ. ޝަމްބެގެ "ފަތިސް ޕީޕަލް" ޕާޓީއާ ގުޅެން ނުވިސްނަން ހެއްޔެވެ؟