ދުނިޔެ

އެތައް އަހަރަކަށް ސަރުކާރު ހުއްޓުވާފައި ބާއްވަން ޓްރަމްޕް ތައްޔާރު

Jan 5, 2019

ވޮޝިންގްޓަން (ޑިސެމްބަރު 4) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ލިބެންދެން، "ކިތައްމެ އަހަރަކު" ސަރުކާރުގެ ބޮޑު ބައެއް ހުއްޓާލާފައި ބާއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބަޖެޓު ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައި އޮންނަތާ ދެ ހަފްތާވެފައިވާއިރު، އިއްޔެ އިދިކޮޅު ޑިމޮކްރެޓުންނާއި ބައްދަލު ކުރައްވައި، އެ އިންޒާރު ހިއްސާ ކުރެއްވިކަމަށް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދެއް ނުކުރަން އެހެން ވާނެ ކަމަކަށް، އެކަމަކު އަޅުގަނޑު ހަމަ މިހުރީ އެކަން ކުރަން ތައްޔާރަށް،" ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރު ހުއްޓިފައިއޮތް އޮތުން އިތުރަށް ދިގުމެން ނުދާނެކަމުގެ އިޝާރާތެއް އިދިކޮޅާއެކު ކުރެވުނު މަޝްވަރާތަކުގައި ލިބިފައިވާކަމަށް ވެސް ޓްރަމްޕް ވަނީ ހާމަކުރައްވައިފަ އެވެ.

ބަޖެޓު ފާސްކުރުމަށް ސެނެޓުގައި އެންމެ ފަހުން ބޭއްވުނު ޖަލްސާތަކުގައި ވެސް އެ މައްސަލައަށް ހައްލެއް ނުލިބި ނިންމާލައިފައިވާއިރު، އެމެރިކާގެ ފެޑެރަލް ސަރުކާރުގެ މުހިންމު މުއައްސަސާތަކެއް ހުއްޓިފައި އޮންނަތާ މިހާރު ވަނީ ފަސް ދުވަސްވެފަ އެވެ.

ބޮޑު ފާރަށް ބޭނުންވާ ފައިސާ ނުހިމަނައި، ދެ ފަރާތުގެ ސެނެޓުގެ މެމްބަރުން ހުށަހެޅި ވަގުތީ ބަޖެޓު ޓްރަމްޕް ވަނީ ބަލައިގަންނަވަން ދެކޮޅު ހައްދަވައިފަ އެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ވަނީ ހުކުރު ދުވަހުން ފެށިގެން ހުއްޓުމަކަށް އައިސްފަ އެވެ.

އެއާއެކު، ގައުމީ ސަލާމަތް ރައްކާތެރިކޮށް ކަށަވަރުކުރަން ކޮންމެހެން ބޭނުންވާ ވަރަށް މުވައްޒަފުންގެ އަދަދު މަދުކުރަން އެ ޑިޕާޓްމަންޓުތަކަށް ވަނީ މަޖުބޫރުވެފަ އެވެ.

ފާރަށް ބޭނުންވާ ފައިސާ ނުލިބިއްޖެނަމަ، ކުއްލި ހާލަތު އިއުލާނު ކުރައްވައިގެން، އެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވި ނަމަވެސް، އެފަދަ ނިންމުމަކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.

މެކްސިކޯއާއި އެމެރިކާއާއި ދެމެދު، ހުރަސް ނުކުރެވޭ ފަދަ ފާރެއް ލުމުގެ މަސައްކަތް ކުރުމަށް އަމުރުކުރައްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މެކްސިކޯއާއި އެމެރިކާއާއި ދެމެދު 2000 މޭލުގެ ފާރެއް ލުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.