ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒިފުންނަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނެގުމުގެެ ބަދަލުގައި، ދައުލަތަށް ނެގުން ރަނގަޅު ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒިފުންނަށް ލިބޭ ހަދިޔާތައް އޭސީސީ އަށް ހަވާލުކުރަން ނިންމުމުން ރައްދު ދެއްވާ ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މުވައްޒިފުންގެ ތެދު ވެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ލިބޭ ހަދިޔާ ނަަގަން ޖެހޭނީ ދައުލަތަށް ކަމަށާއި، އޭސީސީއަށް ހަދިޔާ ހަވާލުކުރާ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އިތުރަށް އޭނާ ވިދާލުވެފައިވަނީ އެސީސީ ފަދަ މިނިވަން މުވައްސަސާއަކަށް ސަރުކާރުން އުފުލަން ޖެހޭފަދަ މަސްއޫލިއްޔަތެއް ހަވާލުކުރުމަކީ އޭސީސީގެ މިނިވަންކަމަށް ހުރަސް އެޅިގެންދާނެކަމެއް ކަމަށެވެ. އަދި އެނިނިމުން އަލުން މުރާޖާ ކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރު އަމަލު ކުރަން ފެށި، "ސިޔާސީ މުއައްޒަފުންގެ ގޮތުގައި ރައިސުލްޖުމްހޫރިޔާ އަައްޔަން ކުރާ މުއައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލު"ގެ ތިން ވަނަ މާއްދާގެ ދ އާއި ނުވަ ވަނަ ނަމްބަރާއި 13 ވަނަ ނަމްބަރުގެ ހ ވަނީ އިއްޔެގެ އިސްލާހުކޮށް ގެޒެޓް ކޮށްފަ އެވެ. .އެ އުސޫލުގެ ދ ގައި ބުނެފައި ވަނީ ސިޔާސީ މުއައްޒަފުން މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި، މުއައްޒަފެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ސުވާޅު އުފެދިދާނެ ގޮތަކަށް އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށެވެ.
ދައުލަތާ ގުޅިގެން ކަމެއް ކުރާ ނުވަތަ ކަމެއް ކުރަން އުޅޭ މީހަކު އެކަމާ ބެހޭ ދައުލަތުގެ މުއައްޒަފަކަށް ނުވަތަ އެ މީހެއްގެ އަނބަކަށް ނޫނީ ފިރިއަކަށް ހަދިޔާއެއްގެ ގޮތުގައި އެއްވެސް ލިބިއްޖެ ނަމަ ލަސްނުކޮށް އޭސީސީއަށް އެ އެއްޗެއް ހަވާލު ކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ.