ލޯކަލް މާރުކޭޓް

ލޯކަލް މާރުކޭޓް ގޮޅިތައް ދީފައިވާ ގޮތް ބަލަނީ

މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަށް ދީފައިވާ ގޮތް ބެލުމަށް މާލޭ ސިޓީ ކައުންސިލުން އެސެސްމަންޓެއް މިއަދު ހަދަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "އަވަސް" އަށް ވިދާޅުވީ ލޯކަލް މާރުކޭޓުގެ ގޮޅިތަކާ ބެހޭ އެސެސްމެންޓް މިހާރު ހަދަމުންދާ ކަމަށެވެ. މި އެސެސްމެންޓުގައި ގޮޅި ތަކުގެ ހާލަތު ވަރަށް ގާތުން ބަލައި ހާލަތު ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރަށް ޝަމާއު ވިދާޅުވީ އެސެސްމެންޓްތަށް ހެދުމަށްފަހު ގަވާއިދާ ހިލާފު ކަމެއް ފާހަގަ ވެއްޖެނަމަ އެކަން ބަލައި ފިޔަވަޅު އަޅަން މިހާރު ކޮމިޓީ އެއްވެސް ސިޓީ ކައުންސިލުން އުފައްދާފައިވާ ކަމަށެވެ.

"އަދި ހަމަމިދަނީ އެސެސްމެންޓްތަށް ހަދަމުން، ގޮޅިތަށް ބަލަމުންދާއިރު ގަވާއިދާ ހިލާފު ކަމެއް ފާހަގަ ވެއްޖެނަމަ ފިޔަވަޅު އަޅާނެ،" ޝަމާއު ވިދާޅުވި އެވެ.

މާރުކޭޓޫގެ ކޮންޓްރޯލް ބިދޭސީންގެ އަތްމަތީގައި އޮތުމުން ކަންބޮނޑުވާ ކަމަށް މީގެ ކުރިން މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ސިޓީ ކައުންސިލްތަކުގެ ބާރު އަތުލުމުގެ ސަބަބުން މާރުކޭޓު ބަލަހައްޓަމުން ދިޔައީ ހައުސިން މިނިސްޓިރީން އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ހަވާލުވެ ވަޑައިގެން ލޯކަލް މާރުކޭޓް ވަނީ ސިޓީ ކައުންސިލުން ބަލަހައްޓާ ގޮތަށް ހަމަޖައްސައިފަ އެވެ.