ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ 60 ޕަސެންޓް އެމްޑީޕީ ކާމިޔާބު ކުރާނެ: ނަޝީދު

ކުރިއަށް މި އޮތް 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި އެމްޑިޕީ މެޖޯރިޓީ ނަގާނީ 60 ޕަސެންޓުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ހުސެއިން ޝަމީމް، އަނދުން ހުސެންގެ ގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ފާއތުވި އަހަރު ތަކުގައިި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބު ވިޔަސް މިފަހަރު އެމްޑީޕީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ހޯދާނީ ހީވެސް ނުކުރާހާ ބޮޑު އަގުލަބިއްޔަތަކުން ކަމަށެވެ. ނަޝީދު ވިދާޅުވީ 2009 އަދި 2014 ގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިވި ފަދަ ހިތި ނަތީޖާއެއް މިފަހަރު އެމްޑީޕީއަށް ކުރިމައްޗެއް ނުވާނެ އެވެ.

"އަޅުގަނޑަށް މިއަދު ޝައްކެއް ނުހިނގާ، އަޅުގަނޑުމެންނަށް 60 ޕަސެންޓް ވޯޓު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބޭނެ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި އިންތިހާބަށްފަހު ސިޔާސީ ޕާޓިއެއްގެ ބޭނުމަކީ ކޮބައިކަމާއި، މި ވެރިކަމުގައި ރަައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލުތައް މަޖިލީހުގެ އިންތިހާބަށް ފަހު ފެނިގެންދާނެ ކަމަށެވެ. އަދި އެމްޑީޕީ އަށް ވޯޓު ނުދީފިއްޔާ ދެން ވާނެގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީ އަކަށް ރައްޔިތުން ތިބީ މި ފަހަރު ވޯޓް ދޭގޮތަކަށް ނޫނެވެ. އަދި ޓިވީ ސްކްރީން ތަކުން މަޖިލިސް ހުރިހާ ގޮނޑިތަކެއް ރީދޫ ވަމުންދާ ތަން ބަލަން ރައްޔިތުން ތިބޭނެކަމަށް ވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދު މިރޭ ވެސް ވިދާޅުވީ ޕްރައިމާރީ އަކާ ނުލާ ޓިކެޓް ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ވައުދު ތަކަކީ ރަނުން ރަނަށް އަދި އަކުރުން އަކުރަށް ފުއްދައްއި ދެވޭނެ ވައުދުތަކެއް ކަމަށެވެ. އެމްޑީޕީގެ ވައުދުތަކަކީ ބަލައި ހޯދައި މިނެ ކިރައި ހިސާބު ޖަހާފައި ރައްޔިތުންނަށް ވީ ވައުދުތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްްޑީޕީ އަކީ، ޖަޒީރާ ރާއްޖެއަކަށް ރާއްޖެ ހެދުމަށް ފަރިތަ ވެފައިވާ ސިޔާސީ ޕާޓީ އެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތަކަކީ ރަނުން ރަނަށް އަކުރުން އަކުރަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފުއްދައްވައި ދެއްވޭނެ ވައުދު ތަކެއް" ނަޝީދު ވިދާޅުވި އެވެ

ރައީސް ސޯ،ލިހުއަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ، ރައީސް ވައުދު ފުއްދާނެކަން އެއީ ޝައްކެއް ނެތް މިންވަރަށް ރައްޔިތުން ޔަގީން ކުރާ ކަމެއް ކަމަށެވެ. އެގޮތުން އެތެެރޭގެ އުދުހުން ތަކުގެ އަގު ހެޔޮކޮށްފައިވާއިރު، ޑިގްރީއާ ހަމަޔަށް ރާއްޖޭގައި ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ސްޑޫޓެންޓް ލޯނުގެ އިންޓްރެސްޓް ވެސް މިހާރު ކުޑަކޮށްފައިވާ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"ރައްޔިތުން ވަނީ ރައްޔިތުންގެ ރާއްޖެ އަބުރާ ހޯދާފައި. ދެން ގައުމަށް ވާންވި ގޮތް ނިންމާނީޥެސް ރައްޔިތުން،" ނަޝީދު ވިދާޅުވި އެވެ.