ރާއްޖޭގެ ރިސޯޓު ޑިވެލޮޕަރުން ވާދަވެރިކަން ވައިގައި ހިފައިފި އެވެ. އަދި މި ފޯރި ގަަދަ ވެގެންދިޔަީ ދުނިޔޭގެ މަޝްހޫރު ފަރުމާކުރުންތެރިން މި ވާދަވެރި ކަމުގެ ތެރެއަށް ވެދެ "ކުލަ އެޅުމުން" އެވެ. ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރާ މީހުން މިހާރު ބަލަނީ ތަފާތެއް ގެނައުމަށެވެ. އެ ތަފާތު ރިސޯޓުގެ ފަރުމާ ކުރުމާއި، ހިދުމަތްތަކުން ވެސް ދެއްކުމަށެވެ.
މިހާރު ރާއްޖޭގައި ހުޅުވާފައިވާ ރިސޯޓުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ރިސޯޓަކީ ރ. މުރަވަންދޫގައި ތަރައްގީ ކޮށްފައިވާ ޖޯލި މޯލްޑިވްސް އެވެ. ޓޫރިޒަމް ހަބަރުތައް ލިޔާ މަޝްހޫރު ލިއުންތެރިންގެ ނަޒަރުގައި މި ރިސޯޓަކީ އާޓް ރިސޯޓެވެ. މި ރިސޯޓު އާޓް ރިސޯޓަކަށްވީ ކީއްވެެގެން ހެއްޔެވެ؟
ޖޯލި މޯލްޑިވްސް އާޓް ރިސޯޓެއްގެ ގޮތުގައި ބެލެވޭ އެއް ސަބަބަކީ ރިސޯޓް ފަރުމާ ކުރުމުގައި ރަށުގެ ގުދުރަތީ ވެށި ނުގެއްލޭނެ ގޮތަށް އަމަލު ކޮށްފައި ވުމެވެ. "ހޮޓެލް ޑިޒައިން" ގައި ބުނެފައިވާ ގޮތުން މި ރިސޯޓުގެ ހުރިހާ އިމާރާތެއްގެ ފުރާޅުތައް ހަދާފައިވަނީ ފަނުން އެވެ.
ރިސޯޓު ފަރުމާ ކުރުމުގައި ބޭރުގެ 13 އާޓިސްޓުންގެ ހުނަރު މަސްހުނި ކޮށްފައިވެ އެވެ. މި ހުނަރުވެރިން ނިސްބަތްވަނީ ދުނިޔޭގެ އެކި ހިސާބު ތަކަށެވެ. އެ މީހުންގެ ވަޒީފާއަކަށްވީ ރިސޯޓަށް އަންނަ މީހުންނަށް ތަފާތު އިހުސާސެއް ގެނެސްދިނުމެވެ. އެމީހުން ވަނީ އެ ވަޒީފާ އެންމެ ފުރިމައަށް އަދާކޮށްފަ އެވެ.
މި އާޓިސްޓުންނަކީ އިންޓީރިއާ އާއި އެކްސްޓީރިއާ ފަރުމާ ކުރުމުގައި އެންމެ ފުންނާބުއުސް ފަރުމާ ކުރުންތެރިންނެވެ. ހާއްސަކޮށް އެ މާހައުލެއްގެ މަންޒަރުތައް ބަލައި ކުރެހުންތައް ގެންނަން އެންމެ މަތީ ފެންވަރުގެ މޮޅު މީހުނެވެ. މި މީހުންގެ ކަވި އަދި ބުރަ މަސައްކަތުން ރަށުގެ ކޮޓަރިތަކާއި ރެސްޓޯރެންޓްތަކުން ފެށިގެން ގެސްޓުން އަރާމުކޮށްލަން ޖައްސާލާ އުނދޯއްޔަށް ވެސް ވަނީ ހާއްސަ ސިފައެއް ގެނެސްދީފަ އެވެ.
މާލެ އިން ފުރައިގެން 45 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ ޖޯލި މޯލްޑިވްސްގައި މޫދާއި ބީޗު ވިލާއެއްކޮށް ޖުމްލަ 73 ވިލާ ހުރެ އެވެ. މި ވިލާތަކުގެ ފުރާޅު ވެސް ވަނީ ހާއްސަ ގޮތަކަށެވެ.
ރިސޯޓުގެ އެކި ބައިތައް ފަރުމާކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ހުނަރުވެރިންނެވެ. މީގެތެރޭގައި އެމެރިކާ އާއި ތުރުކީ އަދި ސްޕެއިންއާއި އިޒްރޭލްގެ އާޓިސްޓުން ހިމެނެ އެވެ. މިގޮތުން ރިސޯޓުގައި ހުރި އެންމެ ހާއްސަ އެއް ފަރުމާ ކަމަށްވާ މަންތާރޭ ޓްރީ ހައުސް ފަރުމާކޮށްފައިވަނީ ކޭޕްޓައުންއަށް ނިސްބަތްވާ ފަރުމާ ކުރުންތެރި އެކެވެ. އަދި ރަށުގެ އަތިރިމަތީގައި މުރަކައިގެ ފަރުމާއެއް ހިމެނޭ ގޮތަށް ހަދާފައިވާ ކްލަބް ޓްރޮޕިކާނާ ޓޭބަލް ފަރުމާކުރީ އެމެރިކާގެ ހުނަރުވެރިއެކެވެ. ރިސޯޓުގެ ފާހާނާ އާއި މިނޫން ބައެއް ތަންތަނުގެ ފާރުތައް ފަރުމާކޮށްފައިވަނީ ތުރުކީ މީހެވެ.
މި ހިތްގައިމު ޑިޒައިންތަކާއެކު ޖޯލި މޯލްޑިވްސް ހިމެނިފައިވަނީ ރާއްޖޭގައި މިހާރު ހުޅުވާފައިވާ އެންމެ ތަފާތު އެއް ފަރުމާއެއް ފެންނަ އެއް ރިސޯޓަށެވެ. އެހެންވެ ޓްރެވަލް ރައިޓަރުންގެ ނަޒަރުގައި މި ރިސޯޓަކީ އާޓް ރިސޯޓެވެ. އާޓުގެ ހިތްގައިމުކަން ފެންނަ އެއް ރިސޯޓެވެ.