ލައިފްސްޓައިލް

މިޝޭލް އޮބާމާގެ ބިކަމިންގް: މަގުބޫލު ކިޔުމެއް!

އެމެރިކާގެ ކުރީގެ ރައީސް ބެރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާގެ ދިރިއުޅުއްވުމުގެ މައްޗަށް ބިނާކޮށް ލިޔެވާފައިވާ ފޮތް "ބިކަމިން" އަކީ ކިޔަން އެންމެ އިންސްޕައަރިން އެއް ފޮތް ކަމަށް ވުން ވަރަށް ކައިރި އެވެ. ފޮތުގެ މަގުބޫލުކަން އިތުރުވެ، ގޫގުލް ޔޫސާގެ 98 ޕަސެންޓް މީހުންގެ ތާއީދު ފޮތަށް ލިބިފައި ވެއެވެ.

މީގެ އިތުރުން ގުޑްރީޑްސް 5 ގެ ރޭޓިން ސްކޭލްއަކުން 4.7 ލިބުނެވެ. "ދަ އިންޑިޕެންޑެންޓް" ގެ ރޭޓިންގް އަށް ބަލާއިރު މި ފޮތަށް ހަތަރެއް ލިބުނެވެ. މިފޮތް ކިލައިލުމުން ގިނަ އިބުރަތްތަކެއް ހާސިލްވެ މީހާގެ ކަންނެއްކަން ފިލައި ހަޔާތަށް ހެޔޮ ބަދަލެއް ގެނެވިދާނެކަމުގެ ރޫހުވެސް އާލަވެގެން ދެއެވެ.

ކުޑައިރުގެ ހަނދާންތައް!

މި ފޮތުގައި މިޝޭލް އޮބާމާގެ އެންމެ ތުއްތު އިރުގެ ހަނދާންތަކުން ފެށިގެން އެމެރިކާގެ 44 ވަނަ ރައީސްގެ އަނބިކަލަކަށްވުމުގެ ތަޖުރިބާތައްވެސް ހިއްސާކުރައްވާފައި ވެއެވެ. ޗިކާގޯ ގެ ދެކުނުގެ ސަރަހައްދަކަށް އުފަންވެވަޑައިގެންފައި މިޝޭލް އޮބާމާ ސުކޫލް ދައުރުގައި ކިޔެވުމަށް އިސްކަންދިނުމާއެކު މޮޅު ކުއްޖަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރެއްވި ދުވަސްތަކާއި އެ ދުވަސްވަރު މަންމަ ގޭގައި އިނދެ ކިޔަވަން މިޝޭލްއަށް ދެއްވި ހިތްވަރަށް މި ފޮތުގައި އަލިއަޅުވާލާފައި ވެއެވެ. މިދުވަސްވަރުގައި އާއިލީ ގުޅުމުގެ ވަރުގަދަކަމާއި އެންމެ ކުޑައިރުވެސް ކާމިޔާބަކީ ގަދައަޅާ މަސައްކަތް ކުރުމުގެ ނަތީޖާ ކަމުގެ ވިސްނުން އަށަގަންނުވަން މައިންބަފައިން ކުރި މަސައްކަތުގެ ވާހަކަތަށް ހިއްސާ ކޮށްފައިވެއެވެ.

ޔުނިވާސިޓީ ދައުރު ލޯ އިހުތިޔާރު ކުރުން

ހައި ސުކޫލްގައި ޕްރިންސްޓަން ޔުނިވާސިޓީއަށް ވަޑައިގަތުމުގެ އަޒުމް ޓީޗަރަކާ ހިއްސާ ކުރެއްވުމުން އެއީ މާ ބޮޑު އަޒުމެއް ކަމަށް ވިދާޅުވި ކަމުގައިވިޔަސް، ހިއްވަރާއި މަސައްކަތުން ހައިސުކޫލް ނިންމެވިއެވެ. މިގޮތުން ކޮންމެ ދުވަހަކު ތިން ގަޑި އިރުގެ ބަސްދަތުރެއްގައި ސްކޫލަށް ވަޑައިގަތުމާއި، ސްކޫލުގައި ރަނގަޅު ނަތީޖާ ހޯއްދަވައި ޕްރިންސްޓަން ޔުނިވާސިޓީން ފަސްޓް ޑިގްރީ ހާސިލް ކުރައްވައިގެން ހާވަޑް ޔުނިވާސިޓީއިން ލޯ ޑިގްރީ ހޯއްދެވި ގޮތުގެ ތަފުސީލްތައް ފޮތުގައި ހިމަނާފައި ވެއެވެ.

އަދި އެފްރިކާ ނަސްލުގެ އަންހެނަކަށްވެ ހުންނަވައި އެ ޔުނިވާސިޓީ ގައި މި ފަދަ ފުރުސަތެއް ލިބިވަޑައިގެންނެވުމޖުން ކުރެއްވި ތަޖުރިބާތައްވެސް ފޮތުގައި ހިއްސާކޮށްފައި ވެއެވެ.

އޮބާމާއި ކައިވެނި ބައްލަވައިގަތުމާއި އާއިލާ ފެއްޓެވުން

ހާވާޑް އިން ލޯ ޑިގްރީ ނެންގެވުމަށް ފަހު އަނބުރާ ޗިކާގޯއަށް ވަޑައިގެން ލޯ ފާމަކާއި ގުޅިވަޑައިގެންނެވި ވާހަކަތައް ހިއްސާ ކުރައްވާފައި ވާއިރު އޮބާމާ އާއި ފުރަތަމަ ބައްދަލުވެ ވަޑައިގެންނެވުނު ގޮތާއި ކައިވެނި ބައްލަވައިގަން އާއިލާއެއް ފެއްޓެވުމަށް ސިއްހީ ގޮތުން އެހީތެރިކަން ހޯއްދަވާ އައިވީއެފް ދެ ފަހަރަށް ހެއްދެވި ވާހަކަވެސް ބިކަމިންއަށް އެކަމަނާ ހިއްސާ ކުރައްވާފައި ވެއެވެ.

ބޭފުޅުން ތުއްޕުޅު އިރު އޮބާމާ ގެއަށް ވަޑައިގަންނަންދެން އިންތިޒާރުގައި ތިއްބެވި ނަމަވެސް ފަހަކަށް އައިސް އަބަދުވެސް ރޭގަނޑުގެ ފަރިއްކޮޅު ކުދިންނާއެކު ވަގުތު ހޭދަ ކުރައްވަން އޮބާމާއަށް ދަންނަވާފައިވާނެ ކަމުގައި ވެސް އެކަމަނާ ފޮތަށް ވިދާޅުވެފައިވެ އެވެ.

ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުން

މިޝޭލް އޮބާމާ އެމެރިކާގެ ފަސްޓް ލޭޑީ އަކަށް ވެވަޑައިގަތުމާއެކު އިސްތަށިފުޅުގައި އެޅުނު ޒިންމާތަށް އެތައް ގުނައެއް އިތުރުވެގެންދިޔަ ވާހަކަތަށް ސާފުކޮށް ދެއްވާފައި ވާއިރު ދަރިކަނބަލުންގެ ސްކޫލް އިވެންޓްތަކުގެ ސެކިއުރިޓީން ފެށިގެން އިނގިރޭސި ރާނީ ކްއީން އެލިޒަބެތާއި ބައްދަލުވެވަޑައިގަތުމާއި، ސައުތް އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އާއި ބައްދަލުވެވަޑައިގަތުމުގެ ވާހަކަތަށް ހިމެނެ އެވެ.

ފަސްޓްލޭޑީގެ ވަޒީފާއަކީ ރަސްމީ ވަޒީފާއެއް ނޫން ކަމުގައިވިޔަސް މީޑިއާގެ ލޯ އެކަމަނާ އަޅުއްވާ ކޮންމެ ފިޔަވަޅަކަށް ހުއްޓޭކަން ދެނެ ވަޑައިގެން ހެދުން އެޅުއްވުމުގެ ވައްޓަފާޅި ބެހައްޓެވި ގޮތުން ފެށިގެން މުޖުތަމައުގެ ކަންކަން އިސްލާހު ކުރަން ކުރެއްވި ގިނަ ކޮމިއުނިޓީ ހިދުމަތްތަކުގެ ވާހަކަތަކާއި ތަޖުރިބާތައް އެ ފޮތުގައި ވެއެވެ.

އެކަމަނާގެ ހަރަކާތްތެރިވުން އިތުރު ކުރެއްވުމަށް ހިންގި "ލެޓްސްމޫވް" ކެމްޕެއިނާއި ދުޅަހެޔޮ ސިއްހަތަށް އާއްމުން ހޭލުންތެރިކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ވާހަކަތަކާއެކު ވައިޓް ހައުސްގައި ކުޑަވަރެއްގެ ދަނޑެއް ހައްދަން ސުކޫލް ކުދިން ބައިވެރިކުރުމާއި ދުޅަހެޔޮ ކާނާ ކެއުމަށާއި، ޖަންކުފުޑުން ދުރުވުމަށް ކުދިންނަށާއި މުޅި އެމެރިކާ ހޭލުންތެރި ކުރަން ކުރެއްވި މަސައްކަތްތަކާއި ހިންގެވި ކާމިޔާބު ހަރަކާތްތަކުގެ ވާހަކަތައް ވަނީ ގުޅުވާލައި ދެއްވާފަ އެވެ. އަދި އަންހެންކުދިންގެ ތައުލީމަށް ހިއްވަރު ދެއްވައި ކުރެއްވި މަސައްކަތްތަކުގެ ވާހަކަތަށް ވެސް އޭގެ ތެރެއަށް ވައްދާފައި ވެއެވެ.

މިހާރުގެ ސާދާ ދިރިއުޅުއްވުން

ވައިޓްހައުސްގައި ދިރިއުޅުމަށްފަހު އަނބުރާ އަމިއްލަ ގެކޮޅަށް ބަދަލުވެވަޑައިގެން، އަމިއްލަފުޅަށް ޗީޒް ޓޯސްޓެއް ތައްޔާރުކޮށްލެވުމުގެ އުފާ ހާސިލް ކުރެއްވޭ ވާހަކަ ހިއްސާކޮށްފައި އޮތުމުން ސާދާ ދިރުއުޅުމަށް އެކަމަނާ ލޯބި ކުރައްވާ މިންވަރު އެނގެ އެވެ.

މި ފޮތް ހޯދާލައިގެން ކިޔާށެވެ. މިއީ ގަދަ އަޅައި މަސައްކަތް ކުރުމަށާއި، ތައުލީމުގެ މުހިއްމުކަމާއި، އަޒުމް ކަނޑައެޅުމުގެ މުހިއްމުކަމާއި، ދިމާވެދާނެ ކޮންމެ ގޮންޖެހުމަށް ނުވަތަ ޗެލެންޖަކަށް ތައްޔާރުވުމުގެ އިތުރުން މިފަދަ ޗެލެންޖަކާއި އެންމެ ޑިޕްލޮމެޓިކް ގޮތަކަށް ޑީލްކުރަން ދަސްވާނެ އެވެ. މުޅި ފޮތް ކިޔައިފި ނަމަ އެތަކެއް އިބުރަތްތަކެއް ހާސިލްކުރެވޭނެ އެވެ.

މި ފޮތް ލިޔެފައިވާ ގޮތުން، ފޮތްކިޔަން ޝައުގުވެރިވާ ފަރާތްތައް މި ފޮތުގެ ތެރެއަށް ގެއްލިގެން ދާނެ އެވެ.