ދުނިޔެ

ބޮޑު ފާރު ބަޖެޓްގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

Jan 6, 2019
1

ވޮޝިންގްޓަން (ޖެނުއަރީ 5) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް މައްސަލާގައި، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައިވާއިރު، އެކަމަށް ހައްލެއް ހޯދުމަށް އިދިކޮޅާއެކު ބޭއްވުނު މަޝްވަރާތަކަށް އަނެއްކާވެސް ކުރިއެރުމެއް ނުލިބި ނިންމާލައިފި އެވެ.

އިދިކޮޅު ޑިމޮކްރެޓުންނާއެކު ކުރެވޭ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވަރަށް ރަނގަޅު" މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، މިއަދު އަނެއްކާ ބައްދަލުކުރަން ދެ ފަރާތުންވެސް އެއްބަސްވެފައިވާ ކަމަށެވެ.

ބަޖެޓު ފާސްނުވެ، ސަރުކާރުގެ ބޮޑުބައެއް ހުއްޓިފައި އޮންނަތާ އިއްޔެއަށް 15 ދުވަސްވެފައިވާއިރު، އެތަކެއް އަހަރެއް ސަރުކާރު ހުއްޓިފައި ބާއްވަން ތައްޔާރަށް ހުންނެވިކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ.

އިއްޔެގެ މަޝްވަރާތަކަށްފަހު، ނައިބު ރައީސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާރު މަޝްރޫއުއަށް ފައިސާ ކޮންމެހެން ބޭނުންވާކަން ހިއްސާކުރެވުނު ކަމަށާއި، ނަމަވެސް ސީދާ ވަކި އަދަދެއްގެ ވާހަކަ ނުދެކެވޭ ކަމަށެވެ.

ބަޖެޓު ފާސްކުރުމަށް ސެނެޓުގައި އެންމެ ފަހުން ބޭއްވުނު ޖަލްސާތަކުގައި ވެސް އެ މައްސަލައަށް ހައްލެއް ނުލިބި ނިންމާލައިފައިވާއިރު، އެމެރިކާގެ ފެޑެރަލް ސަރުކާރުގެ މުހިންމު މުއައްސަސާތަކެއް ހުއްޓިފައި އޮންނަތާ މިހާރު ވަނީ ފަސް ދުވަސްވެފަ އެވެ.

ބޮޑު ފާރަށް ބޭނުންވާ ފައިސާ ނުހިމަނައި، ދެ ފަރާތުގެ ސެނެޓުގެ މެމްބަރުން ހުށަހެޅި ވަގުތީ ބަޖެޓު ޓްރަމްޕް ވަނީ ބަލައިގަންނަވަން ދެކޮޅު ހައްދަވައިފަ އެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ވަނީ ހުކުރު ދުވަހުން ފެށިގެން ހުއްޓުމަކަށް އައިސްފަ އެވެ.

އެއާއެކު، ގައުމީ ސަލާމަތް ރައްކާތެރިކޮށް ކަށަވަރުކުރަން ކޮންމެހެން ބޭނުންވާ ވަރަށް މުވައްޒަފުންގެ އަދަދު މަދުކުރަން އެ ޑިޕާޓްމަންޓުތަކަށް ވަނީ މަޖުބޫރުވެފަ އެވެ.

ފާރަށް ބޭނުންވާ ފައިސާ ނުލިބިއްޖެނަމަ، ކުއްލި ހާލަތު އިއުލާނު ކުރައްވައިގެން، އެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވި ނަމަވެސް، އެފަދަ ނިންމުމަކާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.

މެކްސިކޯއާއި އެމެރިކާއާއި ދެމެދު، ހުރަސް ނުކުރެވޭ ފަދަ ފާރެއް ލުމުގެ މަސައްކަތް ކުރުމަށް އަމުރުކުރައްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މެކްސިކޯއާއި އެމެރިކާއާއި ދެމެދު 2000 މޭލުގެ ފާރެއް ލުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.