އޮފްބީޓް

ތޯރ އައިސް ރާއްޖޭގެ ގޮނޑުދޮށް ސާފުކޮށްދީފި!

ރާއްޖޭގެ ގޮނޑުދޮށްތަކަށް ކުނި އަޅާ ވާހަކަ އަކީ ދިވެހިން އަބަދުވެސް ދައްކާ ވާހަކަ އެކެވެ. ފެން ހުސް ކުރި ފުޅި އާއި، ޖޫސް ޕެކެޓްތައް އަދި ލުއި ކާނާ ކައިފައި ހުންނަ ޕެކެޓުތައް އަތިރިމަތިން ހުސް ނުވާ އިރެއް ނުދާނެ އެވެ. އެންމެ ފަހުން، ރާއްޖޭގެ އަތިރިމަތިން ކުނި ނަގާ ސާފު ކޮށްދޭން ވެސް މި ޖެހުނީ "ކްރިސް ހެމްސްވޯތް" ނުވަތަ އެންމެންގެ "ތޯ" އަށެވެ.

މިއީ އިއްޔެ ސޯޝަލް މީޑިއާގައި ވައިގައި ހިފި ފޮޓޯ އެކެވެ. އޮސްޓްރޭލިއާގެ މަޝްހޫރު ފިލްމީ ތަރި، ކްރިސް ހެމްސްވޯތު ރާއްޖޭގެ ގޮނޑުދޮށުން، އެކި ފާޑު ފާޑުގެ ހުސްކުރި ފުޅި އާއި އެނާޖީ ޑްރިންކް ދަޅުތަކާއި ޒާތްޒާތުގެ ކުނިތައް ނަގާ ގޯންޏަކަށް އަޅަނީ އެވެ. ދިވެހިން އަޅާ ކުނި ދިވެހިންނަށް ނުނެގުނު އިރު، ރާއްޖޭގެ ރީތިކަން ދެކިލުމަށް އަންނަ މަޝްހޫރު މީހުންނަށް މިހާރު މިޖެހެނީ ރާއްޖޭގެ އަތިރިމަތި ރީތި ކުރާށެވެ. ބޭރުގެ ތަރިންނަށް ރާއްޖޭގެ ފުރިހަމަކަން ދައްކަން ލިބޭ ފުރުސަތުތަކުގައި އެކަން ނުކުރެވޭ ކަން މި ފޮޓޯ އިން އެކަނިވެސް ހާމަވެ އެވެ.

ދިވެހިންނަށް ދިވެހިން އަޅާ ކުނިން ސާފު ނުވެވިގެން އުޅެނިކޮށް މި ފެނުނީ ހޮލީވުޑްގެ މަގުބޫލުތަރިއެއް އައިސް ދިވެހި ގޮނޑުދޮށް ސާފުކޮށްދިން މަންޒަރެވެ. ކްރިސްގެ ފޭން ޕޭޖަކުން، މި ފޯޓޯ ޓްވީޓުކޮށް ކްރިސް އަކީ ކަނޑުފަޅު ސާފުކޮށް ބެހެއްޓުމަށް އަބަދުވެސް ވަކާލާތުކުރާ މީހެއްކަމަށް މި ފޮޓޯ ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރި، ކްރިސްގެ ފޭން ޕޭޖުން ވަނީ ބުނެފަ އެވެ. އަދި މި ފޯޓޯތައް ވަނީ " ނޯ ޕްލާސްޓިކް މޯލްޑިވްސް"ގެ ފޭސްބުކްގައިވެސް ޝެއާ ކޮށްފަ އެވެ. "ނޯ ޕްލާސްޓިކް މޯލްޑިވްސް" އަކީ، ރާއްޖޭގައި ޕްލާސްޓިކް ގެންގުޅުމުގެ ބޭނުން މަދު ކުރުމަށް ހިންގޭ ކެމްޕެއިން އެކެވެ.

ކްރިސް ހެމްސްވޯތަކީ ހޮލީވުޑްގައި ގިނަ ފިލްމުތަކަކުން އޭނާގެ ހުނަރު ދައްކާލި ފަންނާނެކެވެ. ދެހާސް އެގާރައިގައި ނެރުނު "ތޯ" އަށްފަހު، އެވެންޖާސްގެ ހުރިހާ ސީރީސް ތަކަކުން އިން ބެލުންތެރިންގެ ހިތްތައް ދަމައިގަން "ތޯ" މިއަހަރު ރިލިޒް ކުރާ، އެވެންޖާސް އެންޑް ގޭމްއިންވެސް ފެންނާނެ އެވެ.