ދުނިޔެ

ވަރިކުރުމުން ސައުދީ އަންހެނުންނަށް މެސެޖަކުން އަންގާ ގޮތަށް ހަމަޖައްސައިފި

Jan 6, 2019

ރިޔާދު (ޖެނުއަރީ 5) - ސައުދީ އަރަބިއްޔާ އަންހެނުންނަށް ނޭނގި ވަރިކުރާ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ވަރިކުރިކަން ޓެކްސްޓު މެސެޖަކުން އަންގަން ލާޒިމުކުރާ ގަވައިދަކަށް އަމަލު ކުރަން ފަށައިފި އެވެ.

މިއަދު އަމަލުކުރަންފެށި ގަވައިދުގައިވާ ގޮތުން، ކޯޓުން ވަރި ސާބިތުކުރުމަށްފަހު، އެކަން، އަންހެން މީހާއަށް މެސެޖަކުން އަންގަން ކޯޓުތަކަށް ވަނީ ލާޒިމުކޮށްފަ އެވެ.

އެ ގަވައިދު ވުޖޫދުކޮށްފައިވަނީ، އަންހެންމީހާއަށް ނޭނގި ސިއްރުން ވަރިކުރާ މައްސަލަތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މި ގަވައިދާއެކު، އަންހެނުންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.

އަންހެނުންނަށް ކާރު ދުއްވޭ ގޮތަށްވެސް މިދިޔަ އަހަރު ވަނީ ހަމަޖައްސައިފަ އެވެ.

ސައުދީ އަރަބިއްޔާއިން މިއަދު ފެންނަމުންދާ އިޖުތިމާއީ، ސަގާފީ އަދި އިގުތިސާދީ ބަދަލުގެ މޭސްތިރިއަކީ ވަލީއަހްދު މުހައްމަދު ބިން ސަލްމާނެވެ.

އެ ގައުމަކީ ޒަމާނީ މެދުމިނުގެ އިސްލާމީ ދައުލަތަކަށް އަނބުރާލުމަށް ޒުވާން ބިން ސަލްމާން ވަނީ ވައުދުވެ ވަޑައިގެންފަ އެވެ

މިގޮތުން، ސައުދީ އަންހެނުންނަށް ފުޓުބޯޅަ މެޗުތައް ބަލަން ދަނޑަށްވަނުމުގެ އިތުރުން، ޒަމާނުއްސުރެ ފިރިހެނުންނަށް ހާއްސަ ބައެއް ވަޒީފާތައް، އަންހެނުންނަށް އަދާކުރެވޭގޮތަށްވެސް ވަނީ ހަމަޖައްސައިފަ އެވެ.