މޯލްޑިވިއަން

މޯލްޑިވިއަންގެ ޕީއާރު މެނޭޖަރަކަށް މޫސާ ވަސީމް

Jan 6, 2019
5

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރަކަށް މަޝްހޫރު ޕްރެޒެންޓަރު މުސާ ވަސީމް ހަޖައްސައިފި އެވެ.

މޫސައަށް މަރުހަބާ ކިޔާ މޯލްޑިވިއަން އިން ވަނީ އެކަން މިހާރު އިއުލާން ކޮށްފަ އެވެ. މޫސައަކީ ޓީވީއެމްގައި ނިއުސްއެންކަރެއް އަދި ނޫސްވެރިއެއްގެ ގޮތުން ވެސް ގިނަ ދުވަސްތައް ހޭދަކޮށް އާންމުންގެ މެދުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަގުބޫލްކަން ހޯދާފައިވާ ފަރާތެކެވެ.

މޯލްޑިވިއަންގެ އާ އެމްޑީ، މުހައްމަދު ރިޒްވީ މީގެ ކުރިން، "އަވަސް"އަށް ވިދާޅުވެފައިވާ ގޮތުގައި މޯލްޑިވިއަންއިން އެންމެ ބޮޑު އިސްކަމެއް ދޭނީ، އެ ކުންފުންޏާ މެދު އުފެދިފައިވާ ނުބައި ތަސައްވަރު ރަނގަޅު ކުރުމަށެވެ. އެގޮތުން، ޕެސެންޖަރުންގެ ޝަކުވާތައް ބަލައިގަނެ ހައްލު ހޯދުމަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމް ކުރުމާއި، ކުންފުންޏާ މެދު ހުރި ޝަކުވާތަކަށް އަވަހަށް އެޓެންޑް ކުރުން ވެސް ހިމެނެ އެވެ.

މީގެ ކުރިން މޯލްޑިވިއަން ފާހަގަވެފައި ވަނީ، ޕީއާރުގެ ގޮތުން ވަަރަށް ދަށް ކުންފުންޏެއްގެ ގޮތުގަ އެވެ. މޯލްޑިވިއަނުން ދޭ ހިދުމަތްތަކާ މެދު އާންމުންގެ މެދުގައި އަބަދުވެސް ޝަކުވާ ބޮޑެވެ. މޯލްޑިވިއަން އިން މި ފަހުން ވަނީ، އެ ކުންފުނީގެ އެތެރޭގެ އުދުހުންތަކުގެ އަގު 20-25 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އޭގެ ސަބަބުން އެ ކުންފުނީގެ އަގުތަކަށް ހެޔޮ ބަދަލެއް ވަނީ އައިސްފަ އެވެ. އަދި އިންފްލައިޓް ކޭޓަރިންގެ ހިދުމަތް ވެސް ރަނގަޅު ކުރުމަށް އެ އެއާލައިނުން ވަނީ ރާވައިފަ އެވެ. މީގެ އިތުރުން ފްލައިޓްތައް ޑިލޭވުމަށް ހައްލު ގެންނަން ވެސް ވަނީ ނިންމައިފަ އެވެ.