ވިޔަފާރި

ސްޓެލްކޯ އެމްޑީ މުގުނީ ތިލަފުށީ ސައިޓްގައި!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި، ހަސަން މުގުނީ އެ ކުންފުނިން ތިލަފުށީގައި ކުރާ މަސައްކަތްތައް ބައްލަވާލައި، މުވައްޒަފުންނާ ބައްދަލު ކުރައްވައިފި އެވެ.

ސްޓެލްކޯގެ ސީނިއަ ބައެއް މުވައްޒަފުންނާއެކު މުގުނީ ކުރެއްވި މި ޒިޔާރާތުގައި ތިލަފުށީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރެއްވި އެވެ. އަދި މަސައްކަތުގައި އެ މުވައްޒަފުންނަށް ހުރި ދަތިތައް އޮޅުން ފިލުއްވެވި އެވެ. އަދި މުވައްޒަފުން ވެސް ވަނީ އެ މީހުންނަށް މިވަގުތު ހުރި ދަތިތައް އެމްޑީއާ ހިއްސާކޮށްފަ އެވެ.

އާ އެމްޑީ ބައްދަލުވުމުން މުވައްޒަފުންނަށް އުފާ

މުގުނީގެ ޒިޔާރާތުގައި ވާހަކަ ދެއްކި ތިލަފުށީ ސައިޓުގެ މުވައްޒަފަކު ބުނީ މިއަދު ލިބުނު ފުރުސަތަކީ ވަރަށް ނުލިބޭ ފުރުސަތެއް ކަމަށެވެ.

"އެމްޑީއާ ބައްދަލުކޮށްލަން ލިބުމަކީ ވަރަށް މަދުން ލިބޭ ފުރުސަތެއް. އެކަމަށްޓަކައި ޝުކުރު އަދާކުރަން،" މުވައްޒަަފަކު ބުންޏެވެ. "އުންމީދު ކުރަނީ އަޅުގަނޑުމެންގެ ހުރި ދަތިތައް ރަނގަޅު ވެގެންދާނެ ކަމަށް."

ވިޔަފާރިތަކަށް ދޭ ހިދުމަތް ފުޅާ ކުރަނީ

އެމްޑީ މުގުނީގެ ޒިޔާރާތާބެހޭ ގޮތުން "އަވަސް" އަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ޒިޔާރާތުގައި ތިލަފުށީގެ ހިދުމަތް ފުޅާ ކުރެވޭނެ ދާއިރާތައް ބައްލަވާލާފައިވާ ކަމަށެވެ.

"ތިލަފުށި އިތުރަށް ފުޅާވެ، އިންޑަސްޓްރިއަލް އިތުރު މަސައްކަތްތައް އަންނަން ސްޓެލްކޯ އިން ކުރެވިދާނެ މަސައްކަތް ތަކަށް. މީގެތެރޭގައި އިތުރު ޖަނަރޭޓަރުތައް ބަހައްޓައި ކެޕޭސިޓީ އިތުރު ކުރުން ވެސް ހިމެނޭ،" މުގުނީ ވިދާޅުވި އެވެ.

އަަލަށް ހިއްކި ސަރަހައްދަށް ކަރަންޓު ދެނީ

އެމްޑީ މުގުނީ މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު، އަލަށް ހިއްކި ސަރަހައްދަށް މަހެއްހާ ދުވަހުގެ ތެރޭގައި ކަރަންޓު ދޭނެ ކަމަށެވެ.

"މިހާރު ފަށައި ގަނެގެން މިއުޅެނީ ހިއްކި ސަރަހައްދަށް ކަރަންޓު ދޭން. މިހާރު ކުރަމުންދާ މަސައްކަތްތަކުން ހިއްކި ސަރަހައްދަށް ކަރަންޓު ދިނުމާއެކު ވިޔަފާރިތަކަށް އިތުރު ފަސޭހައެއް ލިބިގެންދާނެ،" މުގުނީ ވިދާޅުވި އެވެ.