އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމާބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ފުލުހުން ތުހުމަތުކޮށް އެ މައްސަލަ ވެސް ބަލަން ފަށައިފި އެވެ.
ޔާމީންގެ އަމިއްލަ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި މިއަދު 1:30 ގައި އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަތަރު ގަޑިއިރު އެތަނުގައި ހޭދަ ކުރެއްވި އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ ޔާމީން ހާޒިރުކޮށްފައި ވަނީ އެމްއެމްޕީއާރްސި މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި ހުޅުވާފައިވާ އިސްލާމިކް ބެންކް އެކައުންޓަށް ޖަމާ ކުރުމުގެ އެ ފައިސާ ލޯންޑާކޮށް، ފައިސާއާ ގުޅޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާއި ތުހުމަތުތައް ބިނާ ކުރާ ގާނޫނީ މާއްދާތަކާއި ތުހުމަތުގައި ސުވާލު ކުރެވޭ ފަރާތްތަކަށް އަންގަން ޖެހޭ ގާނޫނީ އިންޒާރު އިއްވާ އެކަން ފަހުމުވިކަމަށް ސޮއިކޮށް އިނގިލީގެ ނިޝާން އެމަނިކުފާނު ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޫސްވެރިންނަށް ވާހަކަދައްކަވަމުން ޔާމީން މިއަދު ވިދާޅުވީ ފުލުހުން ސުވާލުކޮށްފައި ވަނީ އެސްއޯއެފް ކުންފުނީގެ ޗެކަކުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ކަމަށެވެ. ނަމަވެސް އެ އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރަން ޔާމީން އޭރު އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ބަހައްޓާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.