ބޮލީވުޑް

މިއަހަރު އަކްޝޭގެ ފަސް ފިލްމެއް

މިދިޔަ އަހަރަކީ އަކްޝޭ އަށް ކާމިޔާބު އަހަރެކެވެ. ފިލްމު ޕެޑް މޭން، ގޯލްޑް އަދި 2.0 އިން އަކްޝޭ ބޮކްސް އޮފީހުގައި ވަރުގަދަ ކޮށްލި އެވެ. ބޮލީވުޑްގެ އެންމެ މަގުބޫލު ޚާނުން މި ލިސްޓުން ފެއިލްވެ އެއްކޮށް ފަހަތަށް ޖައްސާލިއިރު، އެ ލިސްޓުގައި އަކްޝޭ ނުހިމެނުނީ ހަމަ ކިރިޔާ އެވެ.

މި އަހަރަށްވެސް އަކްޝޭގެ ހާއްސަ ހަ ފިލްމެއް އެބަހުއްޓެވެ. މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމުތައް ބޮކްސް އޮފީހުގައި ބްލޮކް ބަސްޓާ ފިލްމުތަކުގެ ގޮތުގައި ހިފަހައްޓާލެވިދާނެ ހެއްޔެވެ؟ ނޫނީ މި ފިލްމުތައް ކައްސާލައިގެން ދާނީ އެންމެ ފުލައް ހެއްޔެވެ؟

ކޭސަރީ
ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ މި ފިލްމަކީ، ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލުމެކެވެ. އަފްގާނުގެ ސިފައިންނާ ދެކޮޅަށް، އިންޑިއާގެ ޕަންޖާބު 21 ސިފައިން ކުރި ހަނގުރާމަ މި ފިލްމުގައި ދައްކުވައިދޭނެ އެވެ. މި ފިލްމުގެ ޝޫޓިންއަށް އަކްޝޭ ވަނީ އޭނާގެ ތުނބުޅިދިގުކޮށް، ޕަންޖާބު މީހުންގެ ސިފަ ގެނެސްފަ އެވެ. އަނޫރާގް ސިންގް ޑައިރެކްޓުކުރާ މި ފިލްމުގައި އަކްޝޭ އާއެކު ލީޑުގައި ފެންނާނީ ޕަރިނީތީ ޗޯޕްރާ އެވެ. "ކޭސަރީ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ މާޗް ދޭއް ގަ އެވެ.

މިޝަން މަންގަލް
އިންޑިއާގެ މިނިވަންދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ، އިންޑިއާއިން މާސް އަށް ދާ ފުރަތަމަ ބުރުގެ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ. މިއީ ހޮލީވުޑްގެ "މިޝަން މާސް" ފިލްމުގެ ހިންދީ ފިލްމުކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވ. އަކްޝޭގެ އިތުރުން، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން އަދި ތާޕްސީ ޕަންނޫވެސް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.

ގުޑް ނިއުސް
އަކްޝޭ އާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެންނަ ފިލްމު "ގުޑް ނިއުސް" އަކީ، ދަރިއެއް ހޯދުމަށް މަސައްކަތް ކުރާ ޖޯޑެއްގެ ވާހަކަތައް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި މި ދެ ތަރިންގެ އިތުރުން، ކިއާރާ އަދްވާނީ އާއި ދިލްޖީތު ވެސް ފެންނާނެ އެވެ. ޖުލައި 19ގައި ރިލީޒް ކުރާ މި ފިލްމަކީ ހަމަ "ގުޑް ނިއުސް" އަކަށް ވެގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

ހައުސްފުލް 4
ހައުސްފުލް އަކީ އާއިލާ އާއެކުވިޔަސް، ރަހުމަތްތެރިންނާއެކު ވިޔަސް، "ހައުސްފުލް" ކޮށްލައިގެން ބެލުމަށް އެންމެ ކަމުދާ އެއް ފިލްމެވެ. "ހައުސްފުލް"ގެ ދަށުން ކާމިޔާބު ތިން ފިލްމު ނެރެފައިވާއިރު ކޮންމެ ފިލްމެއްވެސް ބޮކްސް އޮފީހުގެ ޗާޓުގައި ހިމެނެ އެވެ. އަކްޝޭ ވަނީ 2010 ވަނަ އަހަރު ނެރުނު "ހައުސްފުލް" ގައި ފެނިފަ އެވެ. އަދި މިއަހަރު "ހައުސްފުލް" އަށް އަކްޝޭ އެނބުރި އައުންވާނީ މި ފިލްމު ސީރީސް އަށް ލޯބި ކުރާ ހުރިހާ އެންމެންނަށްވެސް ހާއްސަ ފިލްމަކަށެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރުގަ އެވެ.

ސޫރްޔަވަންޝީ
ރަންވީރު ސިންގުގެ ފިލްމު "ސިމްބާ"އިން އަކްޝޭގެ ހާއްސަ ފެނިލުން ކަމުގޮސް، "ސިމްބާ"ގެ ޕްރޮޑިއުސަރު ރޯހިތު ޝެޓީ ވަނީ އަކްޝޭ އާއެކު އެހެން ފިލްމެއް ހެދުމަށް ނިންމާފަ އެވެ. މި ފިލްމުގެ ޝޫޓިން މިއަހަރު އޭޕްރީލްގައި ފަށާނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. އަދި ފިލްމު އަޅުވާނެ ތާރީހާއި ފުރިހަމަ ކާސްޓު އިއުލާންކޮށްފަ އެއް ނުވެ އެވެ. އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމު އަޅުވާނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ.

އަކްޝޭ ކުމާރުގެ ފަސް ފިލްމެއް މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ބައެއް ފިލްމުތަކުގެ ޝޫޓިން އަދި ނުވެސް ފަށަ އެވެ. އެހެންނަމަވެސް، މި ލިސްޓާއެކު މި އަހަރަކީ އަކްޝޭގެ އަހަރަކަށް ވެދާނެ އެވެ.