ވިޔަފާރި

20 މިލިއަން ޑޮލަރުގެ މަރާމާތާއެކު ފުލްމޫނަށް ފުރިހަމަކަމެއް!

ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ބޮޑު މަރާމާތެއް ކުރުމާއެކު ޝެރެޓަން ފުލްމޫން ރިސޯޓަށް އިތުރު ފުރިހަމަ ކަމެއް ލިބިއްޖެ އެވެ.

ފުރަނަފުށީގައި ތަަރައްގީކޮށްގެން ހިންގާ މަތީ ފަންތީގެ މި ރިސޯޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ވަނީ ދިވެހި ވަންނަތަ ސިފަތަކާއެކު ޒަމާނީ ކުލަތައް އެއްކޮށްލައިގެން ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ރިސޯޓު 20 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ) ގެ މަރާމާތަކަށްފަހު އަލަށް ހުޅުވާފައިވަނީ ރިސޯޓުގެ ފަރުމާ ގާތްގަނޑަކަށް އެއްކޮށް ބަދަލުކޮށްލައިގެނެވެ.

ރިސޯޓް ފަރުމާ ކުރީ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ބުޓިކް މަލްޓި ޑިސިޕްލިނަރީ ޑި ޑިޒައިން ޕްރެކްޓިސް ކުންފުނިންނެވެ. މި ކުންފުނިން ގެނެސްފައިވާ ބަދަލުތަކާއެކު އިތުރު 10 ކެޓަގަރީގެ ކޮޓަރިތައް ވަނީ އިތުރުކޮށް ޖާގައިގެ ތަނަވަސްކަން ގެނެސްދީފަ އެވެ.

ޝެރެޓަން ކުންފުނިން ބުނެފައިވާ ގޮތުގައި މިހާރު ރިސޯޓުން މުޅިން ތަފާތު އިހުސާސެއް ކުރެވޭއިރު، ރިސޯޓު ފަރުމާކޮށްފައިވާ ގޮތުން އާއިލާތަކާއި ކުޑަކުދިންނަށް ހިތްގައިމު މާހައުލެއް ވެސް މިހާރު އޮންނާނެ އެވެ.

ރާއްޖޭގައި އެންމެ ކުރިން ހުޅުވި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ މި ރިސޯޓަކީ ފަސް ތަރީގެ ފެންވަރުގައި 176 ވިލާ ހުރެ އެވެ.