ދުނިޔެ

އެމެރިކާ-ޗައިނާ ވިޔަފާރި ހަނގުރާމަ ނިންމަން އެއް މޭޒަކަށް

Jan 7, 2019

ބެއިޖިންގް (ޑިސެމްބަރު 7) - އެމެރިކާ އާއި ޗައިނާއިން ކުރަމުންގެންދާ ވިޔަފާރީގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، އެކަމުގައި ދާއިމީ ހައްލެއް ހޯދަން ދެ ފަރާތުން ރަސްމީ މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ބޮޑު ކުރަމުން އަންނަ އައުން، 90 ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އެއްބަސްވެފައިވަނީ، މިދިޔަ މަހު ކުރީކޮޅު އާޖެންޓިނާގައި ބޭއްވުނު ޖީ20 ސަމިޓުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި ބައްދަލުވުމެއްގައި އެވެ.

މިއަދު ފެށޭ ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުންތަކަކީ، ޓެކްސް ބޮޑުކުރަން މަޑުޖައްސާލަން އެއްބަސްވުމަށްފަހު ދެ ފަރާތުގެ ދެމެދުގައި ފުރަތަމަ ރަސްމީ މަޝްވަރާތަކެވެ.

މަޝްވަރާތައް ފަށަން ތައްޔާރުވެފައިވަނީ، ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން އިންޒާރުދެމުންދާ ދަނޑިވަޅެއްގަ އެވެ.

އެ ބައްދަލުވުންތަކާއި ދިމާކޮށް، ޓްރަމްޕް ވިދާޅުވީ ދެ ފަރާތުގެ މަޝްވަރާތައް ވަރަށް ރަަނގަޅަށް ކުރިއަށްދާ ކަމަށެވެ.

"މި މައްސަލަ ހައްލުކުރަން ޗައިނާ އިން ވެސް ވަރަށް ބޮޑަށް ބޭނުންވާކަން އަޅުގަނޑަށް ގަބޫލުކުރެވޭ، ޗައިނާގެ އިގުތިސޯދު އޮތީ އެހާ ރަނގަޅު ހާލަތެއްގައެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ޗައިނާއިން އެތެރެކުރެވޭ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޑިޔުޓީ 25 ޕަސަންޓަށް ބޮޑު ކުރަން ނިންމާފައި ނިންމުން އެ މުއްދަތަށް މަޑުޖައްސާލަން އެއްބަސްވެވަޑައިގެންފަ އެވެ.

އޭގެ ބަދަލުގައި އެމެރިކާއިން އުފައްދާ ގިނަ އަދަދެއްގެ މުދާ ގަންނަން، ޝީ ޖިންޕިން ނިންމަވާފައިވާކަމަށް ވެސް އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ.

މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.

މިހާރު ކަނޑައެޅިފައިވާ 90 ދުވަހުގެ ތެރޭގައި ދެ ގައުމުން ވިޔަފާރީގެ އެއްބަސްވުމަށް ނާދެވިއްޖެނަމަ، ސެޕްޓެމްބަރު މަހު 10 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވާ މުދަލުން، 25 ޕަސަންޓް ޓެކްސް ނަގާނެކަމަށް ވެސް ދެ ގައުމުން ވަނީ ބުނެފަ އެވެ.