ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދާ އާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ނުވަތަ ކޮންގްރެސް ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
ކޮންގްރެސް ޕާޓީ އުފައްދަން ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އެވެ.
އަދުރޭ ވިދާޅުވީ، ޕީޕީއެމްގެ ނައިބް ރައީސް ކަމުން ސައީދު އިސްތިއުފާ ދެއްވުމަށްފަހު، ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. އަދުރޭ ވަނީ ސައީދަށް މަރުހަބާވެސް ދަންނަވާފަ އެވެ. ސައީދުގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގެންފައިވަނީ ވެސް އަދުރޭ އެވެ.
ކޮންގްރެސް ޕާޓީ އުފައްދަން އީސީން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އަދި އެދުވަހު ވަނީ އެ ޕާޓީއަށް 3000 މެންބަރުން ވެސް ހަމަކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އީސީއަށް އެ ފޯމްތައް ހުށަހަޅާފައެއް ނުވެ އެވެ.
އެންމެ ފުރަތަމަ އެ ޕާޓީ އުފައްދަން އަދުރޭ ހުށަހެޅުއްވި ފޯމް އިލެކްޝަނުން ބާތިލްކުރީ އެވެ. އެއީ އޭރު އޭނާއަކީ ޕީޕީއެމްގެ މެންބަރަކަށްވެފައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އާ ޕާޓީއެއް އުފެއްދުމަށް ހުށަނޭޅޭނެތީ އެވެ. އެހެންވެ އޭނާ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފަ އެވެ.