އޮފްބީޓް

ގޯލްޑަން ގްލޯބް: ލޯތައް ފެންބެހި ކުއްޖާއަށް!

ގޯލްޑަން ގްލޯބްސް އެވޯޑް ހަފްލާގައި އިއްޔެ ރަން ވަނަތައް ހޮލީވުޑްގެ ފަންނާނުން ހާސިލް ކުރި އެވެ. ގްލެން ކްލޯސްއަށް އެންމެ މޮޅު އެކްޓްރެސް ލިބި، ކްރިސްޓިއަން ބޭލްއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނު އިރު، މި ހަފްލާއިން އެވޯޑު ލިބެންވީ ވަރަށް ހާއްސަ ފަރާތެއް އަދި އެބަހުއްޓެވެ.

މި އަހަރުގެ ރެޑް ކާޕެޓުގައި ފަންނާނުން އެމީހުންގެ އަގު ބޮޑު ހެދުންތައް ދައްކާލައި ފޮޓޯތައް ނަގަމުން ދިޔައިރު މި ފޮޓޯ ތަކުގައި ބައިވެރިވި އެހެން ފަރާތެއްވެ އެވެ. ކޮންމެ ފަންނާނެއްގެ ފޮޓޯ ގަނޑުގައި "ފިޖީ" ފެންފުޅިތަކެއް އަތުރާފައި ހުރި ތަބަކެއް، ހިފައިގެން ހުރި ޒުވާނަކު ހުރެ އެވެ. އެއްބައިފަހަރު، ކަނާތްފަޅީގައި، އަނެއްބައި ފަހަރު ވާތް ފަޅީގައި ހުއްޓިގެން ނަމަވެސް ކެމެރާ އަށް ބަލަން ހުންނަނީ ވަރަށް ފަރި ކޮށެވެ. ރީތި ނޫ ހެދުމެއް އަޅައިގެން ހުރި "ފިޖީ ގާލް" ފޮޓޯގްރާފަރުންގެ ލެންސުތަކަށް ނާރާ އެއް ފޮޓޯ ވެސް ނެތެވެ. މަޝްހޫރު ތަރި، ނިކޯލް ކިޑްމަން އާއި އިޑްރިސް އެލްބާގެ އިތުރުން ޖޭމީ ލީ ގެ ފޮޓޯ ގަނޑުގައި ވެސް މި ޒުވާނާ ހުއްޓެވެ.

މި ފޮޓޯ ތަކުގެ ސަބަބުން އިންޓަނެޓްގައި މި ޒުވާނާ މަޝްހޫރުވެ، އޭނާ އެއީ ކާކުކަން ވަނީ ހޯދާފަ އެވެ. އެންމެންގެ ފޮޓޯ ތަކުގައި ބައިވެރިވި "ފިޖީ ވޯޓާ ގާލް" އަކީ އެމެރިކާގެ ލޮސް އެންޖެލަސްގެ މޮޑެލްއެއް ކަމަށްވާ ކެލޭތު ކަތުބާޓެވެ.

އެވޯޑު ހަފްލާއަށް ދިޔަ ހުރިހާ ފަންނާނުންގެ ފޮޓޯތަކުގައި މި އަންހެން ކުއްޖާ ފެނުން މިއީ، އޮޅިގެން އިއްތިފާގުން ވީ ކަމެއް ނޫނެވެ. "ފިޖީ ވޯޓާ" އަކީ އެވޯޑު ހަފްލާގެ ސްޕޮންސަރެއް ކަމުން، މިއީ އެ ކުންފުނިން ކުޅުނު މޮޅު އިޝްތިހާރެކެވެ!

އެވޯޑު ހަފްލާ ބޭއްވުމުގެ ކުރިން، ރެޑް ކާޕެޓުގައި ފަންނާނުންގެ އަގު ބޮޑު ޑިޒައިނާ ހެދުންތައް ދައްކާލާނެ އެވެ. ގޮތް ގޮތަށް ފޮޓޯ ނެގުމާއި، ފަންނާނުންގެ ހެދުންތަކަށް ފާޑު ކިޔާ، މުޅި ރެޑް ކާޕެޓް އަކީވެސް އެވޯޑު ހަފްލާ އަށް ދޫނުކުރާ ވަރުގެ ބޮޑު ސަކަރާތްގަނޑެކެވެ. މި އަހަރުގެ ރެޑް ކާޕެޓް ހާއްސަ މިވީ، ހެދުންތަކަކަށް ނޫނެވެ. ފަންނާނުންގެ ފޮޓޯތަކުގައި ސިއްރުން "ބައިވެރިވި" ފެންފުޅި މީހާ އަށެވެ.