ވިޔަފާރި

މިފްކޯ ހުޅުމީދޫ އިންވެސްޓް: ބޮޑު ގެއްލުމެއް!

އައްޑު އަތޮޅު ހުޅުމީދޫގައި އަޅާފައިވާ "އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް" އަކީ މިފްކޯގެ ތާރީހުގައި އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނު އިންވެސްޓްމަންޓެއްގެ ގޮތުގައި އެ ކުންފުނީގެ އާ އެކްޓިން މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ސިފަ ކުރެއްވައިފި އެވެ.

އާ ސަރުކާރާއެކު ދައުލަތުގެ މަސް ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އިސްމާއީލް ވިދާޅުވީ ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް ކަމަށެވެ. އެ އިންވެސްޓްމަންޓް ކުންފުންޏަށް ގެއްލުން ބޮޑު އިންވެސްޓްމަންޓަކަށްވީ މަސްވެރިންނާ ވަރަށް ދުރު، އަދި ރަނގަޅު ނޫން ތަނެއްގައި އިމާރާތްކޮށް އިންވެސްޓް ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިނީޝަލީ [ފުރަތަމަ] އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޑިޒައިން ކުރީ ހިތަދޫއިން މިފްކޯއަށް ލިބިފައިވާ ބިމެއްގައި އަޅަން. ހިތަދޫ ޕޯޓް ކައިރީގައި އޮތް ބިމެއް. ފުރަތަމަ ނިންމީ މަރަދޫ ބަނދަރު ކައިރީގައި އަޅަން. ނަމަވެސް ފަހުން ނިންމީ ވަކިން އޮތް ހުޅުމީދޫގައި އަޅަން. މިކަން އެ ކުރީ ސިޔާސީ ނުފޫޒުން،" އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވދާޅުވީ ވަކިން އޮންނަ ހުޅުމީދޫގައި އެޅުމަކީ އެކަނި މުޅި އައްޑޫއަށް ބެލިނަމަވެސް މި މަޝްރޫއުގެ ފައިދާ ބެހިގެން ނުދިޔަ މައިގަނޑު އެއް ސަބަބު ކަމަށެވެ.

"މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫން. ނަމަވެސް ހިތަދޫގައި އެޅިނަމަ މުޅި އައްޑޫއަށް ފައިދާ ކުރީސް. މުވައްޒަފުން ހޯދަން ވެސް ފަސޭހަވީސް. ގުޅިފައިވާ އެތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮވޭ. އެހެންވީމަ ބޭރަށް ފޮނުވަން ވެސް ފަސޭހަވީސް،" އިސްމާއިލް ވިދާޅުވި އެވެ.

ހުޅުމީދޫގައި "އައްޑޫ ފިޝަރީޒް ކޮންޕްލެކްސް" ގެ ނަމުގައި މި މަޝްރޫއު ފައްޓަވައި ދެއްވީ ޑިސެމްބަރު 28، 2014 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. މަޝްރޫއުގެ އަގަކީ ހަތް މިލިއަން ޑޮލަރެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާއެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑު ކުރެވޭނެ ވަސީލަތް ވަނީ ގާއިމްކޮށްފައި ވެއެވެ. މީގެ އިތުރުން އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށް ވެސް ކުރިން މިފްކޯއިން ބުނެފައިވެ އެވެ.

ކުރީގެ މެނޭޖުމަންޓަށް ތުހުމަތެއް

އެކްޓިން އެމްޑީ އިސްމާއިލް ވިދާޅުވީ ފުރަތަމަ މި މަސައްކަތް ފެށީ 6.7 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރޭގައި މިފްކޯގައި އޭރު އޮތް މެނޭޖުމަންޓުން "ނުކިއްސަރު" ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެއްވޭ ކަމަށެވެ.

"ފުރަތަމަ ހުޅުވީ އެލްސީ އެއް. މި މަސައްކަތް ހަވާލުކުރީ މެލޭޝިއާ ބަޔަކާ [ކުރިން ފުނައްޑޫ އެޅި މީހުން].. ލޯކަލް ކޮންޓްރެކްޓާއެއްގެ ގޮތުގައި މިއުޅުނީ ޔުނި އިންޖިނިއަރިން ކިޔާ ކުންފުންޏެއް. މިކަން ކުރިއަށް ގެންދިޔައީ މިފްކޯގެ ތެރޭގައި ތިބި ބައެއްގެ އިންޓްރެސްޓާއެކު ކަމަށް ބެލެވެނީ،" އިސްމާއިލް ވިދާޅުވި އެވެ.

މަސައްކަތް ނުނިންމާ، ފައިސާ ދީފައި!

އިސްމާއިލް ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއު އެއްކޮށް ނުނިމުނު ނަމަވެސް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް އެއިން ފޫނުބެދޭ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"އެ ފައިސާ ހުރީ ދޫކޮށްފައި، އެލްސީ ހުޅުވާފައި މިއޮތީ ޕްރޮޖެކްޓް މެނޭޖަރު ކޮންފޮމޭޝަން ދިނީމަ ފައިސާ ދޭ ގޮތަށް. އޭރު މިތަނުގައި ތިއްބެވި ބައެއްގެ އިންޓްރެސްޓުގައި މަސައްކަތްކޮށް މަޝްރޫއު ނިންމާ ނުލެވެނީސް އެ ފައިސާ ދީފައިވަނީ. އޭގެ ފަހުން އެތަން ރަސްމީކޮށް ހުޅުވައި އޮޕަރޭޝަނަށް ގެންދަން ވެގެން އިތުރަށް 4.1 މިލިއަން ޑޮލަރު އަނެއްކާ މިފްކޯ އިން ވަނީ ދޫކޮށްފަ. އެކަމަކު އަދިވެސް ނުނިމޭ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އެތަން އޮތް ގޮތުން ބަނދަރެއް ނެތް ކަމަށާ، އެހެންވުމުން މަސް ގަންނަން ދަތިތަކެއް އެބައޮތް ކަމަށެވެ. އަދި އެތަން އިތުރަށް އޮޕަރޭޝަނަށް ގެންނަން އިތުރު އިންވެސްޓްމަންޓްތައް ގެންނަން ޖެހޭ ކަމަށެވެ.

"ދޯނި ފަހަރު ވަންނާނެ ބަނދަރު އޮތް ނަމަވެސް ނެރު އެބަޖެހޭ ރަނގަޅު ކުރަން. ބައްތި ޖަހަން. މަސް ކިރުވިދާނެ މިހާރު. އެކަމަކު އެކްސްޕޯޓު ކުރެވޭނެ ގޮތެއް ނެތް. މިހާރު އޮތް ގޮތުން އެބަޖެހޭ ފެކްޓްރީން ބޭރަށް މަސް ގެންނަދާ ބޯޓަށް މަސް ގެންދަން ބާޖެއް އޮންނަން. އެހެންނޫނީ މަސް އެކްސްޕޯޓެއް ނުކުރެވޭނެ. އެހެންވެ، ބާޖު ހަދަން އެކަނި އެބަދޭ ލައްކައެއްހާ ޑޮލަރު،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 80 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރާ ކަމަށެވެ.

"މިތަނަށް މިހާރުވެސް މަހަކު ހަތް ލައްކަ އެބަދޭ. އެކަމަކު އޮޕަރޭޝަނަކަށް ނުގެނެވޭ އެތަނެއް. މިއީ ގެއްލުމެއް. ރަނގަޅު ނޫން ގޮތް ގޮތަށް ކޮށްފައިވާ އިންވެސްޓްމަންޓަކަށް ވުމުން މި ގެއްލުންވީ."