މިފްކޯ

އެކްސްޕޯޓް ޖެޓީއަކާއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީ ކުރަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން ސ. ހުޅުމީދޫގައި ހިންގާ ފެކްޓަރީގެ ބަނދަރުގައި އެކްސްޕޯޓް ޖެޓީއަކާއެކު ނެރެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީއަށް ހަވާލު ކޮށްގެން ކުރާ މި މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ އައްޑޫގައި ހަދާފައިވާ މިފްކޯގެ ފެކްޓްރީގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް އަންނަ ކަލެކްޓާ ވެސަލްތައް އެ ބަނދަރަށް ނުވަދެވުން ކަމަށެވެ.

"މި ބަނދަރުގައި އެބަހުރި ދަތި ތަކެއް. މިތަނުގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުރި ނަމަވެސް މި ތަނަށް އަންނަ ބޯޓް ފަހަރަށް މަސް އުފުލަން ޖެހެނީ ޖަންބޯ ބޭގްގައި އަނގަމަތި މަސް ދޯނީގައި،" އިސްމާއީލް ވިދާޅުވި
އެވެ.

މި މަޝްރޫއުގެ މައުލޫމާތު އަވަސްއަށް ދެއްވަމުން އިސްމާއީލް ވިދާޅުވީ ފުރަތަމަ ފިޔަވަހި ނިމޭއިރު، 200 ފޫޓުގެ ނެރެއް ހަދާނެ ކަމަށެވެ.

"ވަރަށް ތިލަ ނެރެން މިހާރު މި އޮންނަނީ. މަސްވެރިން މޮޅުކަމުން އެތަނަށް ވަންނަނީ. މިހާރު ނުކުންނަން ޖެހެނީ ވެސް އެހާ ދަތިކޮށް. ނަމަވެސް މި ފިޔަވަހި ނިމޭއިރު އެކްސްޕޯޓް ޖެޓީއެއްގެ އިތުުރުން ބަނދަރު ފުރިހަމަ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

90 މީޓަރުގެ މަގަތު ތޮށިލައި، ނެރުން ކަނޑާނެ

ދައުލަތުގެ ބަޖެޓުން ހިންގާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 90 މީޓަރުގެ މަގަތު ތޮށި ލާނެ އެވެ. އަދި ބޮޑެތި ބޯޓު ފަހަރަށް ފެކްޓަރީއަަށް ކައިރި ކުރެވޭނެ ގޮތަށް ޗެނަލެއް ކަނޑާނެ އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މި ފެކްޓަރީއަކީ އެކްސްޕޯޓް ކުރާ ތަނަކަށް ހަދަން ޖެހޭ ކަމަށާއި އެތަން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ތަން ހިންގަން ޖެހޭ ކަމަށެވެ.

"ޕްރައިވެޓައިޒް ކޮށްގެން ހަމަ އަގު ލިބޭނެ ގޮތް ހެދުން މުހިންމު. މިހާރު ލިބެނީ 1500 ޑޮލަރު ޓަނަކަށް. ނަމަވެސް މިކަން ކުރީމަ 4،000 ޑޮލަރާއި 5،000 ޑޮލަރު އެބަލިބޭ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް އުފެދިގެން ދާނެ،" ލަބީބު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރި އައްޑޫ ފިޝަރީޒް ކޮމްޕެކްސްއަކީ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. މި ފެކްޓަރީގައި 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑު ކުރެވެ އެވެ. އަދި ފެކްޓަރީގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެ ކޮމްޕްލެކްސްގައި އެއް ފަހަރާ ރައްކާ ކުރެވޭނެ ވަސީލްތައް ހަދާފައި ހުރެ އެވެ.