ވާލްޑް ބޭންކުގެ ރައީސް ޖިމް ޔޮންގް ކިމް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަމަށް ކުއްލި ގޮތަކަށް އިއުލާނުކުރައްވައިފި އެވެ.
މިދިޔަ އަހަރު އިތުރު ފަސް އަހަރުގެ މުއްދަކަށް އިންތިހާބުވެ ވަޑައިގެންނެވި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިސްތިއުފާ ދެއްވާނެކަމަށް ކިމް އިއުލާނުކުރައްވާފައިވަނީ، މަގާމުގެ މުއްދަތު ހަމަވާން އަދި ހަތަރު އަހަރު އޮއްވަ އެވެ.
ނަމަވެސް، ކޮރެއާ ދަރިކޮޅުގެ އެމެރިކާ ރައްޔިތެއްކަމަށްވާ ކިމް އިސްތިއުފާ ދެއްވާ ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
"ދުނިޔޭގައި ފަގީރުކަން ނައްތާލަން ގިނަގުނަ މަސައްކަތްތަކެއް ކުރެވޭ މިފަދަ އިދާރާއެއްގެ ރައީސްގެ މަގާމު އަދާކުރެވުމަކީ އަޅުގަނޑަށް ލިބުނު ބޮޑު ފަހުރެއް،" ކިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އިސްތިއުފާ ދެއްވުމަށްފަހު ކިމް މަސައްކަތް ކުރައްވާނީ ކުރިއަރަމުން އަންނަ ގައުމުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އަމިއްލަ ކުންފުންޏެއްގައި ކަމަށް ވާލްޑް ބޭންކުން ވަނީ ބުނެފަ އެވެ.
ސައުތު ކޮރެއާއަށް އުފަން ޑޮކްޓަރެއް ކަމުގައިވާ ކިމްގެ ނަންފުޅު ވާލްޑް ބޭންކަށް ދެ ފަހަރުވެސް ހުށަހަޅުއްފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ.
ވާލްޑް ބޭންކުން ބުނީ ކިމްގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަނު ކުރުމުގެ މަރުހަލާ މިހާރު ވެސް ފަށާފައިވާ ކަމަށެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފެއްދި ވާލްޑް ބޭންކު ހިންގާނީ އެމެރިކާ ރައްޔިތެއްކަމަށް އޭރު ވަނީ އެއްބަސްވެފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގައި އިސްކޮށް ހުންނާނީ ޔޫރަޕުން ހުށަހަޅާ ބޭއްފުޅެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އެ ސަގާފަތަށް މިހާރު ގިނަ ގައުމުތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
ކިމްގެ ރައީސް ކަމުގެ ދަށުން، 2018 ވަނަ އަހަރު އެކަނިވެސް، ވާލްޑް ބޭންކުން ވަނީ 67 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ދޫކޮށްފަ އެވެ.