މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ހިމެނޭ ގޮތަށް މިދިއަ އަހަރު ކުށް ކުރުން އިތުރު ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހާއްސަކޮށްފައި އޮތީ މިދިއަ އަހަރުގެ ތަފާސް ހިސާބުތަކުގެ މައްޗަށެވެ.
އަހަރު ތަކަކަށްފަހު ސުވާލު ކުރެވޭ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސް ޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ 2018 ވަނަ އަހަރު އެންމެ ގިނައިން އެ އިދާރާއަށް ހުށަހެޅީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ.
ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އިޒްމިއާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް 2018 ގައި އިތުރުވީ އެ އަހަރުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތައް ކާމިޔާބުވެފައި ވާތީ ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ހައްޔަރުކޮށް ދައުވާ އުފުލަން ފޮނުވާ ބައެއް މީހުންގެ މަސްތުވާތަކެއްޗާ ގުޅުން ހުރި އެހެން މައްސަލަތްތަކެއް ހުރުމުން ފަހުން ފޮނުވާ މައްސަލަތް ނުބެލޭނެ ކަމަށް އަންގައި ފޮނުވާލާތީ އެފަދަ އެހެން ކުށްތަކަށް އަރައި ގަންނަ މައްސަތަކާ ހެދިވެސް ކުށުގެ ނަމްބަރު މަތިވި ކަމަށެވެ.
"މަސްތުވާތަކެތީގެ މައްސަލަތް އިތުރުވާ ސަބަބުތަކަކީ އެއް ކުށެއް ރިޕީޓް ކުރުން، މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކޮށްދޭން އެދި ފޮނުވުމުން އެބަ ހުރި އެމީހަކުގެ މަސްތުވާތަކެއްޗާ ބެހޭ އެހެން މައްސަލަތް އޮތުމުން ފަހުން ފޮނުވި މައްސަލަތް ނުބެލޭނެ ކަމަށް ބުނެ ފޮނުވާލާފައި،" އިޒްމިއާ ވިދާޅުވި އެވެ.
ފުލުހުން މިއަދު އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު އާންމު ކުށުގެ ރޭޓް ހުރީ ދަށްކޮށެވެ. ނަމަވެސް އަހަރު މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތައް އިތުރެވެ.
ހިސާބުތައް ދައްކާ ގޮތުން މިދިއަ އަހަރު ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެއްޗާއި ޓްރެފިކްގެ މައްސަލަތައް ވެސް އިތުރެވެ.