ފެޝަން

ގޯލްޑަން ގްލޯބްސް 2019 ގައި ފާހަގަކޮށްލެވުނު ހެދުންތައް

ގޯލްޑަން ގްލޯބްސް ހަފްލާ އަކީ ފެޝަންގެ ދުނިޔޭގައި ވަރަށް ހާއްސަ ހަފްލާ އެކެވެ. ހޮލީވުޑް ފަންނާނުންގެ ހެދުންތައް މި ހަފްލާގައި ދަައްކަނީ ފެޝަނަށް ބަދަލުތައްވެސް ގެންނަމުންނެވެ. މިދިޔަ އަހަރުގެ ހަފްލާގައި ހުރިހާ ތަރިން ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ތެދުވެ، އެ ކެމްޕެއިންގެ ދަށުން ރެޑް ކާޕެޓްއަށް އައި ކަޅު ކުލައިގެ ހެދުމުގަ އެވެ. މިއަހަރުގެ ހަފްލާގައި އެކި ކުލަ ކުލައިގެ ތަފާތު ހެދުންތައް ފެނުނުއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހެދުންތައް ތިރީގައި ހިމަނާލާނަމެވެ.

ލޭޑީ ގާގާ
ލޭޑީ ގާގާ އަޅައިގެން ހުރި ހެދުން ދިގު ކަމުން، ރެޑް ކާޕެޓަށް ވަންނަން ޖެހުނީވެސް ދެ މީހުން ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެންނެވެ. މިއީ ވެލެންޓީނޯގެ ހެދުމެކެވެ. ހެދުމާއެކި ލޭޑީ ގާގާ އަޅައިގެން ހުރީ ދުނިޔޭގެ އެންމެ އަގުބޮޑު ގަހަނާ އުފައްދާ ކުންފުނި "ޓިފަނީ އެންޑް ކޯ"ގެ ރިހި ހާރެކެވެ.

ސަންޑްރާ އާ
ސަންޑްރާ އަޅައިގެން ހުރި ހެދުމަކީ ވަސާޗީ ހުދު ހެދުމެކެވެ. މި ހެދުމަކީ ވަރަށް ސިމްޕަލް ހެދުމަކަށް ވެފައި ހެދުމާއެކު ސަންޑްރާ ބޭނުންކުރީ ގީނާ ބޫޓަކާއި، ފޮރެވާމާކްގެ ގަހަނާ އެވެ.

ލުޕިޓާ ނޮންގޯ
ލުޕިޓާ ނޮންގޯ އަޅައިގެން ހުރި ހެދުމަކީ ތަފަތު ނުލެއްގެ ހެދުމެކެވެ. އޮފް ޝޯލްޑާ ނޫ ހެދުމުގައި، ރިހިކުލައިިގެ މިނާ ތަކެއް މުޅި ހެދުމުގައި ތިިރިއަށް ވާގޮތަށް ހުރީ އަމުނާފަ އެވެ.

ޖޫލިއާ ރޮބާޓްސް
ރެޑްކާޕެޓުގައި މިކަހަލަ ގިނަ ހެދުންތަކެއް ފެނުނެވެ. ހެދުމުގެ ފަހަތުން ތިރިގަނޑެ ހިމަނާފައި ހުއްޓަސް ކުރިމަތީގައި ފެންނަން ހުންނަނީ ކޮޓު ފަޓުލޫނުގެ/ޓަކްސީޑޯ ޓްރައުޒާ އެކެވެ. އެމާ ވޮޓްސަން ވެސް ރެޑްކާޕެޓުގައި ފެނުނީ މިކަހަލަ ތަފާތު ހެދުމަކުންނެވެ.

އެމިލީ ބްލަންޓް
އެމިލީގެ ހެދުން ދުރުން ބަލާލުމުން ހީވަނީ ބޮޑު ލޭސް ގަނޑެއް އަޅާފައި އޮތް ހެންނެވެ. މާ ތަފާތު ގޮތެއް ހެދުމުގައި ނުފެނުނު ކަމުގައި ވިޔަސް މި ހެދުން ކައިރިން ބަލާލުމުން، މި ލޭސް ގަނޑު ހެދުމަށް ކޮށްފައިވާ ބުރަ މަސައްކަތް ފެނެ އެވެ. މިއީވެސް، ކަސްޓަމް މޭޑް ހެދުމެކެވެ.

ކޭލީ ކުއޯކޯ
ގިނަ ދުވަސްތަކެއް ވަންދެން ރެޑް ކާޕެޓުން ނުފެނި ހުރުމަށްފަހު، ކޭލީ ފެނުނީ ތަފާތު އެހެންނަމަވެސް ރީތި ހެދުމެއްގަ އެވެ. ކަނޑު ނުލުގެ މަހުމާ ފޮތިން ހެދުމުގެ މަތީބައި ފަރުމާކޮށްފައިވާއިރު، ތިރީގައި ގުޅުވާފައި ހުރީ ހުދު ފޮއްޗެކެވެ. މިހެދުމުގައި އޭނާ ފޮޓޯތަކަށް ހުއްޓުނީ، ހެދުމުގައި ހުރި ޖީބަށް އަތް ޖަހާލައިގެންނެވެ.

އޭންހެތްއަވޭ
އެނިމަލް ޕްރިންޓެޑް ފޮއްޗަކީ އާއްމުކޮށް ރެޑްކާޕެޓާ ވަރަށް ދުރު ފޮއްޗެކެވެ. މީގެ ފޮތިން ހެދުންތައް ފަހާފައި ހުންނަތަން މިކަހަލ ހަފްލާ އަކުން ނުފެނަސް، މިފަހަރުގެ ހަފްލާއިން އޭން ފެނުނީ ވަރަށް ފުރިހަމައަށް ޑިޒައިން ކޮށްފައިވާ "އެނިމަލް ޕްރިންޓެޑް" ހެދުމެއްގަ އެވެ.

ސާޝާ ރޮނަން
މި ހެދުމަކީ ގިނަބަޔަކަށް އެންމެ ކަމުދިޔަ އެއް ހެދުމެވެ. މިއީ ގުޝީ ބްރޭންޑްގެ ކަސްޓަމް މޭޑް ހެދުމެކެވެ.

ގެމާ ޝަން
ގްލޯބްސް ހަފްލާއަށް ގެމާ އަޅައިގެން އައި ހެދުމަކީ، ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ހެދުމެކެވެ. ބޮޑު ގައުން އެއްހެން މި ހެދުން ފަރުމާ ކޮށްފައި ހުއްޓަސް، ހެދުމުގެ ކުރިމަތިން ފެންނަނީ ކުރު ސޯޓެކެވެ.

މި ލިސްޓުގައި "ފިޖީ ވޯޓާ ގާލް" ނުހެމެނި ފުރިހަމަވެސް ނުވާނެ އެވެ. "ފިޖީ ވޯޓާ ގާލް" ނުވަތަ މޮޑެލް ކެލެތު އަޅައިގެން ހުރީ، ފިޖީ ފެންފުޅިތަކުގެ ލޭބަލްގައި ފެންނަން ހުރި ނޫ ކުލައިގެ ހެދުމެކެވެ.

މި ހެދުންތަކުގެ އިތުރުންވެސް މި ހަފްލާގައި އަގުބޮޑެތި ތަފާތު ހެދުންތަކެއް ފެނުނެވެ.