ހަބަރު

އާމިރާއި، ރިކާޒު ވަގުތީގޮތުން ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރުން ކަމަށްވާ އަހުމަދު އާމިރާއި، އަހްމަދު ރިކާޒް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އަދީބުގެ ދެ ބޮޑީގާޑުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ރިޔާސީ ލޯންޗުކޮޅުގައި އަދީބުއާއެކު އާރަށަށް ގޮސް، އެ ލޯންޗުކޮޅުގައި އައިއީޑީއެއް ހަރު ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކޮށެވެ. އެ ދައުވާ ސާބިތުވާ ކަމަށް ނިންމާ އެ ދެމީހުންނަށް ވެސް ވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މައުލުމާތު ލިބިފައިވާގޮތުގައި އެ ދެމީހުން ވެސް ގޭ ބަންދަށް ވަގުތީގޮތުން ބަދަލު ކޮށްފައިވަނީ ހޯމް މިނިސްޓަރަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ކަރެކްޝަންސް އިން ފޯނު ނުނަންގަވާތީ ކަރެކްޝަންސްގެ ބަހެެއް އެކަމުގައި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އާމިރާއި ރިކާޒުގެ އިތުރުން ވެސް މުލިއާގޭ ކައިރިން އައިއީޑީއެއް ފެނުނު މައްސަލައާއި ގުޅިގެން 17 އަހަރަށް ޖަލަށް ލާފައިވާ އަހުމަދު މަމްދޫހު އާއި، ޒިހާން އަހުމަދުއާއި، ތަލްއަތު މުހައްމަދު ވެސް ވަނީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފަ އެވެ.

އެމައްސަލާގައި އެތިން މީހުންގެ އިތުރުން މުހައްމަދު އުބައިދުގެ މައްޗަށްވެސް ހުކުމް އިއްވި އެވެ. އެހެން ނަމަވެސް ހައިކޯޓުން ފަހުން ވަނީ އޭނާގެ ހުކުމް ބާތިލްކޮށްފަ އެވެ.