ހަބަރު

ސުއޫދު ދެއްކެވި ވާހަކައިގެ ހަގީގަތް ބަލާ ކޮމިޓީގެ މަސައްކަތް ފަށައިފި

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ޝަރުއީ ދާއިރާއާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ކޮމިޓީގެ މަސައްކަތް ފަށައިފި އެވެ.

ޖޭއެސްސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ފަރާތުން 2018 ޑިސެމްބަރ 30 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަނޑިޔާރުން އައްޔަންކުރުމުގަ އާއި، އަދި ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކުގެ ހަގީގަތް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލައި، އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި، އަދި ހަމަ އެ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމަކީ، ގާނޫނީ ގޮތުން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއްް ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

"އެހެންނަމަވެސް، މި ކޮމިޝަނުން ފަނޑިޔާރުން ޢައްޔަނުކުރުމުގެ މަސައްކަތް ކުރަމުންދާގޮތާއި އަދި ފަނޑިޔާރުންނާ ގުޅޭގޮތުން
ނުރަނގަޅު ތަޞައްވުރެއް އުފެދޭ ގޮތަށް، އެއިން އެއްވެސް މަޢުލޫމާތެއް މި ކޮމިޝަނާ ހިއްސާކުރުމެއް ނެތި، މަރާލާފައިވާ
މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރުމަށް އެކުލަވާލާފައިވާ ކޮމިޝަންގެ ފަރާތުން އެފަދަ ވާހަކަތަކެއް
މީޑިއާއަށް އާންމުކުރުމަކީ މިކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއް ކަމުގައި ދަންނަވަމެވެ." ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ އަދި ޝަރުއީ ދާއިރާގެ ހުރުމަތާއި، ރައްކާތެރިކަމަށް ހުރަސް އެޅޭ، އަދި ފަނޑިޔާރުންނާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނުރުހުމާއި، ނުތަނަވަސްކަން އުފެދޭ އެފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.