ޓެކްސީ ޑްރައިވަރުން އަދި ޓެކްސީ ސެންޓަރުތަކުގެ ވެރިން ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ފަސްޓް ރެސްޕޮޑެންޓް ކެއާ" ދަސްކޮށްދިނުގެ ޕްރޮގްރާމްގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ފަސްޓް ރެސްޕޮޑެންޓް ކެއާ ދަސްކޮށްދިނުމުގެ ގޮތުން ބޭއްވި ޖަލްސާގައި މިނިސްޓަރު އަމީން ވިދާޅުވީ ފަސްޓް ކެއާ ފޯރުކޮށް ދިނުމުގައި ޑްރައިވަރުންގެ ދައުރު ބޮޑު ކަމަށެވެ. ޑްރައިވަރުން ވަނީ ފަސްޓް ކެއާ ފޯރުކޮށްދިނުމުގެ ގޮތުން މީގެ ކުރިންވެސް އެހީވެދީފައިވާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އިންސާނެއްގެ ފުރާނަ ސަލާމަތް ކޮށްދިނުން ނުވަތަ މީހެއްގެ ފުރާނަ ސަލަމަތް ކޮށްދިނުމަށް އެހީވެދިނުމަކީ އިންސާނިއްޔަތުގެ އެންމެ މަތީ ދަރަޖަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޑްރައިވަރުން އެބަހުރި މީގެ ކުރިންވެސް ފަސްޓް ކެއާ ފޯރުކޮށްދީފައި. ޓެކްސީ ޑްރައިވަރުން އަދި ޓެކްސީ ސެންޓަރުތަކުން ކުރަމުންދަނީ ގައުމީ މަސައްކަތެއް" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ހަތް ގަނޑިއިރަށް މިއަދު ކުރިއަށް ގެންދާ މި ކޯހުގައި ކުއްލި ހާލަތެއްގައި ބަލިމީހުން އުފުލާނެ ގޮތާއި، ސީޕީއާރު އަދި އެހެނިހެން އަވަސް ފަރުވާތަށް ދޭނެ ގޮތް ޑްރައިވަރުންނަށް ދަސްކޮށްދޭނެ އެވެ.
ކުރިއަށް އޮތް ތަނުގައި، ޓެކްސީ ޑްރައިވަރުން އަދި އެމްބިޔުލާންސް ޑްރައިވަރުންނަށް ބައިނަލް އަގްވާމީ ފެންވަރުގެ ފަސްޓް ކެއާގެ ތަމްރީނުތަށް ދިނުމަށް މަސަަައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަވަސް ފަރުވާ ދިނުމަށް ބޭނުންކުރާ ސީ އެމްބިޔުލާސް ގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.