ދުނިޔެ

ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި، އޮގަސްޓް 17ގައި އިންތިހާބު ބާއްވަނީ

Jun 27, 2015

އަވަސް އާއްމު އިންތިހާބަކަށް މަގުފަހި ކުރުމަށް، ލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް މިއަދު އުވާލައްވައިފި އެވެ. އަދި އަވަސް އިންތިހާބު އޮގަސްޓް 17 ގައި ބާއްވަން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ތަރުޖަމާނު ރަޖިތަ ސެރެތަނުރަ ރޭ ވިދާޅުވި ގޮތުގައި މަޖިލިސް އުވާލުމުގެ ނޯޓިސްގައި ސިރިސޭނާ ވަނީ ރޭ ސޮއިކުރައްވާފަ އެވެ.

"މާދަމާ [މިއަދު]ން ފެށިގެން އެ ނޯޓިހަށް އަމަލުކުރަން ފަށާނެ. އެއާ އެކު، ގާނޫނު ހަދާ މަޖިލިސް އުވިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބީބީސީން ބުނި ގޮތުގައި އާ މަޖިލީހެއް ހޮވުމަށް ބާއްވާ އާއްމު އިންތިހާބު އޮގަސްޓް 17 ގައި ބާއްވަން ވަނީ ނިންމާފަ އެވެ. އެކަން ރަސްމީކޮށް އިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ނިއުސް ކޮންފަރެންސް މިއަދު އޮންނާނެ ކަމަށް ކޮމިޝަންގެ ރައީސް މަހިންދަ ދެޝަޕަރިޔާ ވިދާޅުވި އެވެ.

މަޖިލިސް އުވާލުމާ އެކު ވެރިކަން ކުރަމުން އައި ކޯލިޝަން ސަރުކާރު ވަނީ އުވިފަ އެވެ. އެއީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ކަމަށް ވިދާޅުވެ، މިދިޔަ ޖެނުއަރީ މަހު އިންތިހާބު ވެވަޑައިގެންނެވި ސިރިސޭނާ ހޮއްވެވި ކޯލިޝަން ސަރުކާރެކެވެ. އެކަމަކު އެ ސަރުކާރުގެ މުއްދަތު އިތުރުކުރަން ޖެހުނީ އިންތިހާބަކާ ގުޅޭ ގޮތުން ޕާޓީތަކަށް އެއްގަލަަކަށް ނޭރުމުންނެވެ.

މިދިޔަ ޖެނުއަރީ 8 ގައި ބޭއްވި އަވަސް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަށް ފަހު ރާޖަޕަކްސަ ވަނީ ދުވަސްކޮޅަކަށް ސިޔާސީ މައިދާނާ ދުރަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަނިކުފާނު ވަނީ ސިޔާސީ އެއްވުންތައް ބާއްވަވަން ފައްޓަވާފަ އެވެ.

އެހެން ނަމަވެސް، ރާޖަޕަކްސަގެ ހުށަހެޅުއްވުމަށް ރައީސް ސިރިސޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.