ވިޔަފާރި

ކޫއްޑު އާއި ފެލިވަރު ބޮޑު މަރާމާތަކަށް ބޭނުންވެފައި!

މަސްވެރިން ތަރައްގީވެ، ކުރިއަރައިގެން ގޮސްފި އެވެ. ދުނިޔޭގެ މަސްވެރިކަމަށް އާ ޓެކްނޮލޮޖީ "ލައްގަނީ" އެވެ. އެކަމަކު ސަރުކާރުގެ މަސް ކުންފުނި އޮތީ މި ހުރިހާ ކަމަކާ މާ ދުރުގަ އެވެ. ދުރުމިން ކިރިޔަ ކިރިޔާ ފެންނަ ހިސާބުގަ އެވެ. ސަބަބަކީ އެ ކުންފުނި ކުރިއަރުވަން ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތް ކޮށްފައި ނެތުމެވެ. ހާއްސަކޮށް މިފްކޯގެ މައި ދެ އިންޖީނު ކަމަށްވާ ފެލިވަރު ދަޅު މަސް ބަންދުކުރާ ކާރުހާނާ އާއި ކޫއްޑު ފިޝަރީޒް ކޮމްޕްލެކްސް އޮތީ "މުސްކުޅި"ވެ "ބާ"ވެފަ އެވެ. ބޮޑު މަރާމާ ތަކަށް ބޭނުންވެފަ އެވެ. މަރާމާތު ކޮށްގެން ނޫނީ ހިރި ނުލެވޭ ހާލަތުގަ އެވެ. އެކަން ފާހަގަކޮށް އާ އެކްޓިން އެމްޑީ އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި މިފްކޯ އިން ފައިދާ ނެރެން ބޭނުންނަމަ އިތުރުން އިންވެސްޓްމަންޓްތަކެއް ބޭނުންވެ އެވެ.

"މި ތަނުގެ [މިފްކޯ] ގެ އިފްރާސްޓަަރަކްޗާ އެކަންޏެއް ރަނގަޅު ކުރަންވީ. މުވައްޒަފުންނަށް އެބަޖެހޭ ތަމްރީން ދޭން. ދުނިޔޭގައި މި [މަސްވެރިކަމު] ގެ ދާއިރާ އަށް އަންނަ އެންމެ ފަހުގެ ކުރިއެރުންތައް މުވައްޒަފުން އެބަޖެހޭ އަހުލުވެރި ކުރުވެން. އެކަންވެސް ކުރެވެން އޮތީ އިތުރަށް އިންވެސްޓް ކޮށްގެން،" މިފްކޯގެ 23 އަހަރުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އިސްމާއިލް ވިދާޅުވި އެވެ.

10 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހޭ

ސަރުކާރުގެ މަސް ކުންފުނީގެ އެންމެ ބޮޑު ދެ އެސެޓަކީ މިފްކޯ އާއި ކޫއްޑު އެވެ. ނަމަވެސް މިދެތަން ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތް ތަކެއް ކުރެވިފައެއް ނުވެ އެވެ. ނަތީޖާއަކަށްވަނީ މިހާރު މި ދެ ފެކްޓްރީ ބޮޑު އާބާތުރަ އަކަށް ދާން ޖެހުމެވެ. މަރާމާތުގެ ހާލަތުގައި އޮތުމެވެ.

އިސްމާއިލް ވިދާޅުވީ މިފްކޯގެ ވިޔަފާރީގެ މައި ދެ ހަބުކަމަށްވާ ފެލިވަރާއި ކޫއްޑުއަށް އެކަށީގެންވާ ރަނގަޅު އިންވެސްޓްމަންޓް ތަކެއް ނުކުރާތާ ލައްކަ ޒަމާވެފައިވާ ކަމަށެވެ.

"ކޫއްޑު ކޮޅަށް ބޭނުން ވޭ އިތުރުން މަސް ގަންނަ ބޯޓު ފަހަރު. ކޫއްޑު އަށް ބޭނުން ވަނީ 100 ޓަނުގެ ދެ ކަލެކްޓާ ވެސަލް. މީގެ އިތުރުން މޮބައިލް ފްލީޓެއް ގޮތުގައި ފްރީޒާ ވެސަލްއެއް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އިންވެސްޓްމަންޓުގެ އަގު ތިން މިލިއަނެއްހާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ކޫއްޑުގެ އެތެރޭގައި ވެސް މަރާމާތު ބޭނުންވާ ކަމަށެވެ. މީގެ ތެރޭގައި މަސްވެރިން ގަންނަ މަސް ފިނިކޮށާރު ތަކާ ހަމައަށް އުފުލަން ބޭނުން ކުރާ ފޯކްލިފްޓްތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެންމެ ހާލުގައި އޮތީ މަސް ފެކްޓްރީ!

ދިވެހި މަސްވެރިންނަށް ދެވޭ މަގު މަތި ކުރެވެގެން ވެސް އޮތީ ވެލިއުއެޑިޝަން އިތުރު ކޮށްގެންނެވެ. ނަމަވެސް މިކަން ކުރުމަށް މިފްކޯ އަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ފެލިވަރު "ވިރާނާ" ވާން ކައިރިވެފައިވުމެވެ. އެހެންވެ، ނިމިދިޔަ ސަރުކާރުން ވަނީ ފެލިވަރުގެ މަސް ދަޅު ބަންދު ކުރުމުގެ ގާބިލްކަން އިތުރުން ކުރަން އިންވެސްޓްމަންޓު ތަކެއް ކޮށްފަ އެވެ. މިގޮތުން، ކުރިން 15 ޓަނުގެ ދަޅު މަސް ބަންދު ކުރާ ކާރުހާނާގެ ކެޕޭސިޓީ ވަނީ 50 މެޓްރިކް ޓަނަށް މަތިކޮށްފަ އެވެ. ނަމަވެސް އެވަރުން އަދި ނުފުދެ އެވެ.

އެކްޓިން އެމްޑީ، އިސްމާއިލް ވިދާޅުވީ އެންމެ ހާލަތުގައި އޮތް ތަނަކީ ފެލިވަރު ދަޅު މަސް ބަންދުކުރާ ކާރުހާނާ ކަމަށާ އެތަން ރަނގަޅު ކުރާނަމަ އަށް މިލިއަންއާ ޑޮލަރުގެ އިންވެސްޓް ކުރަން ޖެހޭނެ ކަމަށެވެ.

"ފެލިވަރު އެންމެ ހާލަގައި އޮތީ. މަސް ދަޅު އުފައްދާއިރު ޖެހޭ މައްސަލައަކީ ބަފަ ސްޓޮކެއް ނެތުން. އެހެންވެ، މި ޖެހެނީ ބޯޓެއް ބާއްވައިގެން އޭގެން ނަގައިގެން ކޮންމެ ދުވަހަކު ކޭނަރީ އަށް ގެންދަން. މިއީ ބޮޑު ހަރަދެއް. އެހެންވެ، މިހާރުން ،މިހާރަށް ވެސް 1.8 މިލިއަން ޑޮލަރު މިކަމަށް އިންވެސްޓް ކުރަން ޖެހޭ. މަސް ގަތުމުގެ ކެޕޭސިޓީ 120 ޓަނަށް ދެވޭނީ މަސް ގަތުމުގެ އޮޕަރޭޝަން ރަނގަޅު ކޮށްގެން. އެންމެ ދެ ބޯޓު ފެލިވަރުގައި މިހާރު މި އޮތީ،" އިސްމާއލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯ އަށް ކޭޝް ފްލޯ އެއް ގޮތަކަށް ވެސް މެނޭޖެއް ނުކުރެވޭ ކަމަށެވެ. މިކަން ރަނގަޅު ކުރުމަށް
ކެޕޭސިޓީ މަތި ކުރުން މިއީ ކުރަން ޖެހޭ ކަމެއް ކަމަށް އިސްމާއިލް ފާހަގަ ކުރެއްވި އެވެ.

މި ސަރުކާރުގެ ފުލް ސަޕޯޓް މިހާރު ލިބޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މިފްކޯއަކީ ފައިދާ ކުރާ ދިވެހި ކުންފުންޏަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކުރުމަށް ބޭނުން ވަނީ ދޮޅު އަހަރު ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ. މި ސަރުކާރުން ވަނީ މިފްކޯ ރަނގަޅު ކުރުމަށް އިސް ނަގާފަ އެވެ.

އިސްމާއިލް ވިދާޅުވީ މި މަސައްކަތުގައި ސަރުކާރުގެ ފުލް ސަޕޯޓް ލިބެމުންދާ ކަމާ، އެހެންވެ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މަސްވެރިންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ މިހާރު މި ކުރާ މަސައްކަތް ތަކުން އިރާދަކުރެއްވިއްޔާ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ އޭ. އެކަމަށްޓަކައި ގުޅިގެން މިދަނީ މަސައްކަތް ކުރަމުން."